ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގެ ޝަރީއަތުގައި ޝަރީއަތް ކުރިއަށް ގެންދާއިރު، އެ މަނިކުފާނުގެ ގާނޫނީ ވަކީލަކަށް ކޮއްކޯފުޅު ނާޒިމް ސައްތާރު ހަމަޖައްސަވައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް އެޑްރެސް ކުރައްވައި ނަޝީދު ފޮނުއްވާފައިވާ ސިޓީއެއްގައި ލިޔުއްވާފައިވަނީ އެމަނިކުފާނުގެ ބަޔާނަކަށް އެދޭތީ އެމަނިކުފާނުގެ ފަރާތުން ވަކީލަކަށް ހަމަޖައްސާފައިވަނީ ނާޒިމް ސައްތާރު ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވެފައި ވަނީ، ހަމަލާގެ މައްސަލައިގައި އަދިވެސް ނަޝީދުގެ ބަޔާން ތަހުގީގަށް ނުލިބޭ ކަމަށާއި އެ ބަޔާން މުހިންމު ކަމަށެވެ.
ނަމަވެސް ނާޒިމް ވިދާޅުވެފައިވަނީ މިހާތަނަށް އަދި ފުލުހުންނަށާއި، ޕީޖީއަށް ރައީސް ނަޝީދުގެ ބަޔާން ދިނުމާއިމެދު ވަކި ގޮތެއް ނުނިންމާކަމަށެވެ. ރައީސް ނަޝީދުވެސް ވަނީ މިހާތަނަށް ބަޔާން ދެއްވުމާއިމެދު ދެކޮޅު ހައްދަވާފައެވެ. ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ބަޔާނަކަށްވެސް ދައްކަން އޮތީ ހިތާއި، މޭ ކަމުގައެވެ.
ބޮމުގެ ހަމަލާގައި ނަޝީދަށް ބޮޑަށް ޒަހަމްވީ އައިއީޑީ ތެރެއަށް އަޅާފައި ހުރި ރޭޒާ ފުށްތައް ބުރައިގެން ގޮސް ހަށިގަނޑަށް ވަނުމުންނެވެ. އެ ރޭޒާ ފުށްތައް ނަގައި އެ މަނިކުފާނުގެ ފުރާނަ ސަލާމަތް ކުރަން އޭޑީކޭ ހޮސްޕިޓަލްގައި ގިނަ އިރުތަކެއް ވަންދެން އޮޕަރޭޝަން ކުރި އެވެ. އޭގެ ފަހުން މޭ 13 ގައި އެ މަނިކުފާނު އިތުރު ފަރުވާ އަށް ޖަރުމަނަށް ވަޑައިގަތެވެ. އިނގިރޭސި ވިލާތަށް ވަޑައިގަތީ ޖުލައި 1 ގަ އެވެ.
ކޮމެންޓު ފޮނުވާ