މީހުންގެ ލޭހުއްދަކޮށް، މަރަން ގޮވާމީހުން އުގަންނައިދޭ ތަންތަނުގައި ބޭތިއްބިގެންނުވާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) މަރަން ގޮވާލި، ނ. ކުޑަފަރީ ސްކޫލުގެ އިސްލާމް ޓީޗަރު މުހައްމަދު އަޝްރަފް ވަޒީފާއިން ވަކިކޮށްފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި އިންތި ވިދާޅުވީ، ރާއްޖޭގައި ފާޅުގައި މީހުން މަރަން ގޮވާ މީހުންނާއި، ލޭހުއްދަ ކުރަން ގޮވާލާ މީހުންނަކީ ދަރިވަރުންނަށް ތައުލީމުދޭ ތަންތަނުގައި ބޭތިއްބިގެން ވާނެބައެއް ނޫންކަމަށެވެ. މިފަދަ މީހުންގެ ކިބައިން ދަރިވަރުންނަށް ލިބިގެންދާނީ ނުރަނގަޅު ކަންތައްތަކެއްކަމަށް އިންތި ވިދާޅުވިއެވެ.
މީހުންގެ ލޭ ހުއްދަކޮށް މަރަށް ފާޅުގައި ގޮވާ މީހުންނާއި، އެކަމަށް ހިތްވަރުދޭ މީހުން، ދަރިވަރުންނަށް އުނގަންނައިދޭ ތަންތަނުގެ މަޤާމުތަކުގައި އަދި އަމުދުން ބޭތިއްބެވިގެން ނުވާނެ.
– އިންތި ވިދާޅުވިއެވެ.
ވައްޑޭ މަރަން އަޝްރަފް ގޮވާލީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން އެއްވުމެއްގައި، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރަށް މަރުހިފުމަށް ލީތަލް އިންޖެކްޝަން ބޭނުންކުރަން ކެބިނެޓްގައި މަޝްވަރާ ކޮށްފައިވާ ކަމަށް ވިދާޅުވެ އެކަމަށް ވައްޑޭ ފާޑުކީ މައްސަލައިގައެވެ. މަރަން މަރުހިފުމާ ގުޅޭގޮތުން ވައްޑޭ ދެއްކެވި ވާހަކައާ ގުޅިގެން ގިނަ ބަޔަކު އޭނާއަށް ފާޑުކިޔައި ވަނީ އިންޒާރު ދީފަ އެވެ. އިންޒާރުތަކުގެ ސަބަބުން ވައްޑޭ އަށް މިހާރު ސިފައިން ސެކިއުރިޓީ ދެއެވެ.
އިންތިއަކީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއަށްފަހު އެހމަަލާގެ ބައިވެރިން ހައްޔަރު ކުރުމަށާއި، ހަރުކަށި ފިކުރާއި ދެކޮޅަށް އެންމެ ބޮދަށް ވަކާލާތު ކުރަމުންދާ މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރެކެވެ. ރާއްޖޭގައި ހަރުކަށި ފިކުރު އޮތްމިންވަރާއި، މިކަމުގެ ސަބަބުން މިޖުތަމައު ނުރައްކަލަށް ހުށަހެޅިފައިވާ މިންވަރަކީ ކުރިއަށް އޮތް ޖީލުތަކަށްވެސް މިކަމުން ނުބައި އަސަރު ކުރާނެކަމަށް އިންތިވަނީ މަޖިލީހުގައި ވާހަކަ ދައްކަވަމުންވެސް ވިދާޅުވެފައެވެ. އަދި މިފަދަ މީހުން ހައްޔަރުކޮށް ފިޔަވަޅު އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އިންތިވަނީ ވިދާޅުވެފައެވެ.