އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށާއި، ނަމަވެސް އެމަނިކުފާނު މަރާލަން ކުރަމުންދާ މަަސައްކަތް ހުއްޓާލެވުނުކަމަށް ގަބޫލުކުރަން ވަރަށް ދަތި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކްލަބް ހައުސްގައި "ވޮއިސް އޮފް އައްޑޫ" ނަމުގައި އޮންނަ ކްލަބްއެއްގެ އޮންލައިން ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެން ނަޝީދު ވަނީ އެމަނިކުފާނަށް ދެވުނު ހަަމަލާއާއި ގުޅޭގޮތުންވެސް ކޮންމެވެސް ވަރަކަށް ވާހަކަ ދައްކަވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ މެއި 6ގައި ދިން ހަމަލާއަކީ އެހަމަލާ ހިންގި މީހުންނާއި ހަމައިން އެކަނި ނިމެނޭނެ ކަމެއް ނޫންކަމަށެވެ. އެއީ ބޮޑު ނެޓްވޯކަކުން ކޮށްފައިވާ ކަމަކަށްވާއިރު، އެއެންމެން ހައްޔަރުކޮށް ފިޔަވަޅު އެޅިފައިވާކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެފަދަ ދެވަނަ ބޮމެއް ރާއްޖޭގައި ގޮވާތަން ދެކެން ބޭނުން ނޫންކަމަށެވެ. އެކަން ކުރެވޭނީ ކަމައިބެހޭ ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅު އަޅައި، ހަރުކަށި ފިކުރަށް ނިސްބަތްވާ މީހުން ހައްޔަރު ކުރެވިގެންކަމަށެވެ. އަދި މަޖިލީހުގެ 241 ކޮމެޓީން އެކުލަވާލި ރިޕޯޓުގައި ހިމެނޭ ކަންކަން ސަރުކާރުން ތަންފީޒު ކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މިހާރު ހުރީ ރާއްޖެއަށް ދިއުމަށް ވަރަށް ބޮޑަށް ކެތްމެދު ވެފައިކަމަށެވެ. ބޭރުގައި އެހެން ގިނަ ދުވަސް ވަންދެން ހުރުމަކީ ފަސޭހަކަމެއް ނޫންކަމަށާއި، ހަޔާތުގައި މިގޮތަށް ހުންނަން ޖެހުނު ކޮންމެ ފަހަރަކުވެސް ހުންނަން ޖެހުނީ މިފަދަ އެކި ސަބަބުތަކާއި ގުޅިގެންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގައި މިހާތަނަށް ވަނީ 4 މީހެއްގެ މައްޗަށް ދައުވާ ކޮށްފައެެވެ. މި މައްސަލާގައި ދައުވާ ކުރަން ފޮނުވުނު 4 މީހުންގެ މައްޗަށް ވަނީ ބޮޑެތި ހުކުމްތައް އަންނަ 13 ދައުވާއެއް އުފުލާފައެވެ. ޕީޖީ ވިދާޅުވީ މިމައްސަލައަކީ އެއްވެސް ހާލެއްގައި ދީނީ މައްސަލައެއްކަމަށް ނުބުނެވޭނެކަމަށެވެ. އަދި ތަހުގީހުގައި މިހާތަނަށް ހައްޔަރު ކޮށްފައިވާ މީހުން ދައްކާ ވާހަތަކާއި، ލިބިފައިވާ ހެކިތަކާއި، މައުލޫމާތަށް ބަލާއިރު މިއީ ރޭވިގެން ހިންގި ޖީނައީ ބޮޑު މައްސަލައެއްކަމަށެވެ. އިސްލާމްދީނަކީ ހައްދުފަހަނަ އެޅުމާއި، މީހުންނާއި، ތަކެއްޗަށް ގެލުންދޭން ހިތްވަރުދޭ ދީނަކަށް ނުވާއިރު، މިކަން ދީނާއި ގުޅުވޭނެ ގޮތެއް ނެތްކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.