ކިނބިގަސްދޮށުގެއަށް ޖާބިރު ގެއްލުންދިން މައްސަަލަ ފުލުހުން ބަލަނީ

ކިނބިގަސްދޮށުގެއަށް ޖާބިރު ގެއްލުންދިން މައްސަަލަ ފުލުހުން ބަލަނީ

Author
ޢަލީ އާދަމް
05 އޮގަސްޓް 2021 06:52
0

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ގެ ކޮޅު މއ. ކިނބިގަސްދޮށުގެއަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގެއްލުންދެއްވި މައްސަލަ ފުލުހުން ބަލަންފަށައިފިއެވެ.

ކިނބިގަސްދޮށުގެ ސަރަހައްދައް ވަޑައިގެން އެގޭގެ ދޮރުމާތީ ހައްދާފައިވާ ވެޔޮގަނޑަކަށް ޖާބިރު ގެއްލުންދެއްވަން މަސައްކަތްކުރައްވާ ވީޑިއޯއެއް އިއްޔެ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ކިނބިގަސްދޮށުގޭގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދިން މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާގައި ދއުރުވި ވިޑިއޯގައި ކިނބިގަސްދޮށުގޭގެ ކުރިމަތީގައި ހުންނަވައިގެން ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ ރައީސް މައުމޫން ކިނބިގަސްދޮށުގެ މޯގޭޖްކުރުމަށްފަހު ޖާބިރުގެ އަތުން ނެންގެވި ލޯނު އަދާކޮށްފައި ނުވާތީ އޭނާ ހުންނެވީ އެގެއާ ހަވާލުވާން އައިސްކަމަށެވެ.

މަޖިލިސް އިންތިޚާބާއި، ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ޖާބިރު އަތްޕުޅުން ރައީސް މައުމޫން 29 މިލިއަން ރުފިޔާ ނަންގަވާފައިވާކަމަށާއި، ނަމަވެސް އެފައިސާ އަނބުރާ ނުދައްކަވާކަމަށް ޖާބިރު ގެންދަވަނީ ތުހުމަތުކުރައްވަމުންނެވެ. އެފައިސާ ހޯދުމަށް ޖާބިރު ވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅު ސިވިލް ކޯޓަށް މައްސަލައެއްވެސް ހުށައަޅާފައެވެ.

ޖާބިރު ވިދާޅުވީ އެފައިސާ މައުމޫނު ނެންގެވީ “ޑިމޮކްރެސީ” ގާއިމުކުރުމަށް ޓަކައި ކަމަށެވެ. އަދި އަނބުރާ ދައްކާގޮތަށް އެފައިސާ ހަވާލޮކޮށްފައިވަނީ ރައީސް މައުމޫނުގެ އެދިލެއްވުމަށް މެލޭޝިއާގެ ޑަބަލް ޑްރީ ހޮޓެލްގައި ރައީސް މައުމޫންގެ ދަރިކަލުންނާއިއެކު ވެފައިވާ އެއްބަސްވުމުގެ ދަށުންކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ޖާބިރުގެ އަތުން ރައީސް މައުމޫން ނެންގެވިކަމަށް ބުނާ ފައިސާގެ ބައެއް ހަވާލުވެވަޑައިގަތީ ދަރިކަލުން ފާރިސް މައުމޫންކަމަށް ތުހުމަތުކޮށް، އެފައިސާއަށް ފާރިސް ޚިޔާނަތްތެރިވެފައިވާ މައްސަލަ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސަޢީދު މިއަހަރުގެ ޖަނަވަރީ މަހު ފުލުހުންނަށްވެސް ހުށަހަޅާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.