ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެ ޤައުމުގެ ސަރުކާރުން އެމަނިކުފާނަށް މިއަދު ރަސްމީކޮށް މަރުޙަބާ ދަންނަވައިފިއެވެ.
ކޮލަމްބޯގައި ހުންނަ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސަށް މަރުޙަބާ ދެންނެވީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއެވެ. 21 ބަޑީގެ ސަލާމަކުން ފެށިގެންދިޔަ މި ރަސްމިއްޔާތުގައި، ރައީސް މުޢިއްޒުގެ ޝަރަފުގައި އެރުވި ސްރީލަންކާ އަސްކަރިއްޔާގެ ގާޑް އޮފް އޮނަރއެއް އެމަނިކުފާނު ވަނީ އިންސްޕެކްޓް ކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދިވެހި ކެބިނެޓުގެ ވަޒީރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. މަރުޙަބާ ދެންނެވުމުގެ ތެރެއިން ދެ ޤައުމުގެ އިސް ބޭފުޅުން ވަނީ ދެ ރައީސުންނަށް ތަޢާރުފުކޮށް އަރުވާފައެވެ. އެއަށްފަހު، ރައީސް މުޢިއްޒު ވަނީ ސްރީލަންކާގެ ރައީސާއެކު ރަސްމީ ފޮޓޯއެއް ނަންގަވައި، ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
ރައީސް މުޢިއްޒުގެ މި ފުރަމާނަ ދަތުރުފުޅަކީ ސްރީލަންކާގެ ރައީސްގެ ޚާއްޞަ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މީގެ ކުރިން، ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 28 އިން 30 އަށް ސްރީލަންކާގެ ރައީސްވެސް ވަނީ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ