ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ގެ ކޮޅު މއ. ކިނބިގަސްދޮށުގެއަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގެއްލުންދެއްވައިފިއެވެ.
މިއަދު ކިނބިގަސްދޮށުގެ ސަރަހައްދައް ވަޑައިގެން އެގޭގެ ދޮރުމާތީ ހައްދާފައިވާ ވެޔޮގަނޑަކަށް ގެއްލުންދެއްވަން މަސައްކަތްކުރައްވާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
މި ވިޑިއޯގައި އެގޭގެ ކުރިމަތީގައި ހުންނަވައިގެން ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ ރައީސް މައުމޫން ކިނބިގަސްދޮށުގެ މޯގޭޖްކުރުމަށްފަހު ޖާބިރުގެ އަތުން ނެންގެވި ލޯނު އަދާކޮށްފައި ނުވާތީ އޭނާ ހުންނެވީ އެގެއާ ހަވާލުވާން އައިސްކަމަށެވެ.
Maumoonge Gekolhu, Kinbigasdhoshuge Kairi Ah Vadaigen Jabir Bayaaneh Dhevvanee
Ithuru mauloomaathu: https://t.co/JCb8zqbHzS pic.twitter.com/dyqIIbYa9T
— #MvCrisis (@MvCrisis) August 4, 2021
މަޖިލިސް އިންތިޚާބާއި، ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ޖާބިރު އަތްޕުޅުން ރައީސް މައުމޫން 29 މިލިއަން ރުފިޔާ ނަންގަވާފައިވާކަމަށާއި، ނަމަވެސް އެފައިސާ އަނބުރާ ނުދައްކަވާކަމަށް ޖާބިރު ގެންދަވަނީ ތުހުމަތުކުރައްވަމުންނެވެ. އެފައިސާ ހޯދުމަށް ޖާބިރު ވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅު ސިވިލް ކޯޓަށް މައްސަލައެއްވެސް ހުށައަޅާފައެވެ.
ޖާބިރު ވިދާޅުވީ އެފައިސާ މައުމޫނު ނެންގެވީ "ޑިމޮކްރެސީ" ގާއިމުކުރުމަށް ޓަކައި ކަމަށެވެ. އަދި އަނބުރާ ދައްކާގޮތަށް އެފައިސާ ހަވާލޮކޮށްފައިވަނީ ރައީސް މައުމޫނުގެ އެދިލެއްވުމަށް މެލޭޝިއާގެ ޑަބަލް ޑްރީ ހޮޓެލްގައި ރައީސް މައުމޫންގެ ދަރިކަލުންނާއިއެކު ވެފައިވާ އެއްބަސްވުމުގެ ދަށުންކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.
ޖާބިރުގެ އަތުން ރައީސް މައުމޫން ނެންގެވިކަމަށް ބުނާ ފައިސާގެ ބައެއް ހަވާލުވެވަޑައިގަތީ ދަރިކަލުން ފާރިސް މައުމޫންކަމަށް ތުހުމަތުކޮށް، އެފައިސާއަށް ފާރިސް ޚިޔާނަތްތެރިވެފައިވާ މައްސަލަ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސަޢީދު މިއަހަރުގެ ޖަނަވަރީ މަހު ފުލުހުންނަށްވެސް ހުށަހަޅާފައިވެއެވެ.