އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން އާންމުންނަށް ދޫކޮށްފައި ހުރި ގޯތިތަކެއް ނަގައި ބަދަލު ދޭން އައްޑޫ ސިޓީ ކައުންސިލުން ނިންމި މައްސަލަ މި މަހުގެ 24 ވަނަ ދުވަހު ނިންމަން ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ތާވަލުކޮށްފިއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އިރުމަތީ ފާރާތާއި ހުޅަނގު ފަރާތުން ދޫކޮށްފައިވާ ބިންތައް އެހެން ސަރަހައްދަކަށް ބަދަލުކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް އެދި ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އަމިއްލަ ފަރާތަކުންނެވެ. ބުދަ ދުވަހު ބޭއްވި އަޑު އެހުމުގައި އައްޑޫ ސިޓީ ކައުންސިލުން ވަނީ ޖަވާބުދާރީވުމަށް އިތުރު ވަގުތު ދިނުމަށް އެދިފައެވެ. ކޯޓުން ނިންމީ، ވަގުތީ އަމުރަށް ޖަވާބުދާރީ ވުމަށް ފަސް ދުވަސް، އަދި މައްސަލައިގައި ޖަވާބުދާރީ ވުމަށް 10 ދުވަސް ދިނުމަށެވެ.
ގޯތިތައް ނަގަން ކައުންސިލުން ނިންމާފައި ވަނީ ގާނޫނީ އިޖުރާއަތުތަކާ ހިލާފަށް ކަމަށް ބުނެ، އެ ނިންމުން ބާތިލުކޮށްދޭން ކޯޓަށް ހުށަހެޅި މައްސަލަތަކުގައި އެދިފައިވެއެވެ. އެ މައްސަލަތައް ނިމެންދެން، ދައުވާ ކުރި މީހުންނަށް ގެއްލުމެއް ނުވާނެ ގޮތަށް، ވަކި ގޮތެއް ނިމެންދެން ގޯތިތައް ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް އެ މީހުންގެ ފަރާތުން ވަނީ އެދިފައެވެ.
އޭގެ ތެރެއިން ބައެއް މީހުންގެ އަޑުއެހުންތައް މިއަދު ފަށާފައިވާއިރު، މިއަދު ހަތް މީހެއް މައްސަލައިގެ އަޑުއެހުން ބާއްވަން ތާވަލުކޮށްފައިވެއެވެ. އެގޮތުން ހެނދުނު ބައެއް މައްސަލަތައް އަދި މެންދުރު 12 އިން ފެށިގެން ވެސް އެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށްދާނެއެވެ.
އައްޑޫ ސިޓީ ހިދަތޫ 40 އަށްވުރެ ގިނަ ބަންޑާރަގޯތި ނެގުމަށް ކައުންސިލް ނިންމައިފި
ބަންޑާރަ ބިމަކީ ދައުލަތުގެ މިލްކިއްޔާތެއް ނަމަަވެސް ގޯތި ދޫކުރުމަށްފަހު، ދައުލަތުން އެ ބިން ބޭނުން ވެއްޖެ ހާލަތެއްގައި ވެރިފަރާތާ މަޝްވަރާ ކުރުމަށްފަހު އަދުލުވެރި އިންސާފުވެރި ބަދަލެއް ދިނުމަށްފަހު ބިން ނެގުމުގެ ބާރު ދައުލަތަށް ލިބިގެންވެއެވެ. މީގެ ކުރިން އަމަލުކޮށްފައިވަނީ ވެސް މިގޮތަށެވެ. ކުޅުދުއްފުށި ސިޓީގެ އެއަރޕޯޓު އެޅުމަށްޓަކައި ބިން ދައުލަތަށް ނެގުމުގައި ވެސް އަމަލުކޮށްފައިވަނީ މިފަދައިންނެވެ.
ކައުންސިލުން އެ ގޯތިތައް ނަގަން ނިންމި އިރު، ބައެއް ތަންތަނުގައި ވަނީ އިމާރާތް ވެސް ކުރަން ފަށައިފައެވެ. އިމާރާތްކޮށްފައިވާ މީހުންނާ ވެސް މަޝްވަރާކުރާނެ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ. ގޯތިތައް ނަގަން އިއުލާނުކުރި އިރު ކައުންސިލުން ވަނީ އެ ތަންތަނުގައި އިތުރު މަސައްކަތް ނުކުރުމަށް ވެސް އަންގައިފައެވެ.
އައްޑޫސިޓީގެ ބިމުގެ މައްސަލައިގައި އެ ގޯތިތަކުގެ ވެރިފަރާތުގެ އެންމެ ބޮޑު ޝަކުވާއަކީ، އެއްވެސް މަޝްވަރާކުރުމެއް ނެތި ކައުންސިލުން އެ ގޯތިތައް ނެގުމަށް ނިންމުމެވެ.