ހިޔާ ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުންދިޔަ، އެޗްޑީސީގެ މުވައްޒިފެއް ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން، ސޮއިކުރުން ވަގުތީ ގޮތުން މެދު ކަނޑާލައިފިއެވެ.
އީދު ބަންދާއި، ސައްބީސް ބަންދަށްފަހު ހިޔާ ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އެޗްޑީސީން މިއަދު ވިދާޅުވީ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް، ސޮއިކުރުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުންދިޔަ، އެޗްޑީސީގެ މުވައްޒިފެއް ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން، ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މެދުކަނޑާލައިވާކަމަށެވެ.
މުވައްޒިފަކު ޕޮޒިޓިވްވުމުން މިއަދުން ސޮއިކުރަން ތާވަލް ކުރެވިފައިވާ މީހުން ސޮއިކުރުން ވަގުތީގޮތުން ވަނީ މެދު ކަނޑާލާފައެވެ. އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންތައްތައް އަލުން ފަށާނެ ތާރީހެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި މަޝްވަރާ ކުރުމަށްފަހު އިއުލާންކުރާނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
ހިޔާ މަޝްރޫޢުގެ ދަށުން ދޫކުރާ 6720 ހައުސިންގ ޔުނިޓު ލިބުނު ފަރާތަކާއެކު އެއްބަސްވުން އެކުލަވާލާ ފްލެޓުތަކުގެ ތަޅުދަނޑި ޙަވާލުކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގައެވެ. އެކި ދުވަސްތަކަށް ބަހާލައިގެން ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާއިރު އެޗްޑީސީއިން މަސައްކަތް ކުރަމުންދިޔައީ މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން މިމަސައްކަތް އެއްކޮށް ނިންމުމަށެވެ. ނަމަވެސް ބަންދުތަކާއި، ކޯވިޑްގެ ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން މިމަސައްކަތް އިތުރަށް ފަސްވެގެންދާނެއެވެ.
ފްލެޓުގެ އެއްބަސްވުން އެކުލަވާލުމަށް ވަކި ދުވަސްތަކެއް ކަނޑައާޅާފައި ވީނަމަވެސް އެއްބަސްވުން އެކުލަވާލެވޭނީ އެކަމަށްޓަކައި އެޗްޑީސީން ދޫކުރާ ފޯމުތައް ފުރިހަމަކޮށް ލިޔެކިޔުންތައް ހަމަކުރުމުންނެވެ. މިކަންކަން ފުރިހަމަ ނުކުރާ ފަރާތްތަކާއެކު އެޓަވަރެއްގެ އެއްބަސްވުން އެކުލަވާލަން ކަނޑައެޅިފައިވާ ދުވަހުގައި ކުރިއަށް ނުދެވޭނެކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ. އެހެންކަމުން އެއްބަސްވުންތަކުގައި ސޮއކުރުމަށް އައުމުގެ ކުރިން މަޢުލޫމާތު ސާފުކުރުމަށް އެޗްޑީސީއިން އިލްތިމާސްކުރައްވައެވެ.
ކޮމެންޓު ފޮނުވާ