ވޫހާންއިން އަލުން ކޯވިޑް19 ފެނުމާއި ގުޅިގެން، ސިޓީގެ މުޅި އާބާދީ ކޯވިޑަށް ޓެސްޓް ކުރަނީ

ވޫހާންއިން އަލުން ކޯވިޑް19 ފެނުމާއި ގުޅިގެން، ސިޓީގެ މުޅި އާބާދީ ކޯވިޑަށް ޓެސްޓް ކުރަނީ

Author
ހުސެއިން
04 އޮގަސްޓް 2021 06:55
0

ދުނިޔެއިން ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނުނު ސިޓީ ކަމުގައިވަ، ޗައިނާގެ ވޫހާން ސިޓީން އަނެއްކާވެސް އަލުން ކޯވިޑް19އަށް ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން، ވޫހާން ސިޓީގެ މުޅި އާބާދީ ކޯވިޑަށް ޓެސްޓް ކުރުމަށް ޗައިނާގެ އިދާރާތަކުން ފަށައިފިއެވެ.

ވޫހާންއިންވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައިވާ 7 މީހަކު ފެނިފައެވެ. މިއީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެސިޓީން ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނުނު ފުރަތަމަ ފަހަރެވެ.

11 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވޫހާން ސިޓީއަކީ، 2019ވަނަ އަހަރު ނިމެމުން ދަނިކޮށް، އެސިޓީން އެންމެ ފުރަތަމަ ކޯވިޑް19 ފެނުމާއި ގުޅިގެން މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވާ ސިޓީއެކެވެ.

މިހާރު ޗައިނާގައި ދަނީ، ފާއިތުވެދިޔަ މަސްތަކުގައި، އެގައުމުގައި، ކޯވިޑްގެ އެންމެ ގޯސް ހާލަތު ތަޖުރިބާ ކުރަމުންނެވެ. މިގޮތުން ފާއިތުވި 10 ވަރަކަށް ދުވަސް ތެރޭގައި އެގައުމުގައި ވަނީ 300 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.

ފަހަކަށް އައިސް ޗައނާގެ 15 ސިޓީއެއްގައި ކޯވިޑް ކޭސްތައް ފެނުމާއި ގުޅިގެން، ޗައިނާގެ މުވައްސަސާތަކުން ދަނީ މި ސިޓީތަކުގެ އާބާދީގެ ބޮޑުބައެއް ޓެސްޓް ކުރުމާއި އަދި ސިޓީތަކުގައި އަލުން ލޮކްޑައުންތައްވެސް ތައާރަފް ކުރަމުންނެވެ.

ޗައިނާގެ އޮތޯރިޓީތަކުން ގަބޫލުކުރަނީ، އެގައުމުގެ އެކިހިސާބުތަކުން މިހާރު ކޯވިޑް19 ފެންނަމުންދަނީ، އަސްލު ވައިރަހަށްވުރެ ފަސޭހައިން ގައިންގަޔަށް އަރަމުންދާ ޑެލްޓާ ވޭރިއެންޓްގެ ސަބަބުންނާއި އަދި މިހާރު ފެށިގެން އުޅޭ ޓުއަރިޒަމް ސީޒަންގައި މީހުން ތަންތަނަށް ދަތުރު ކުރުން އިތުރުވެގެން ގޮސްފައި ވާތީއެވެ.

ވޫހާންގެ މުޅި އާބާދީ ކޯވިޑަށް ޓެސްޓު ކުރުމުގެ މަސައްކަތް ޗައިނާގެ މުވައްސަސާތަކުން ފަށާފައި މިވަނީ އަންގާރަ ދުވަހު ޗައިނާގައި 90 މީހުން ބައްޔަށް ޕޮޒިޓިވް ވެފައި ވަނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.