ނަޝީދަށް ދިން ހަމަލާގައި، ހަތަރު މީހަކަށް، 13 ދައުވާއެއް!

ނަޝީދަށް ދިން ހަމަލާގައި، ހަތަރު މީހަކަށް، 13 ދައުވާއެއް!

Author
މުޙައްމަދު ޝަޒައިމް
03 އޮގަސްޓް 2021 02:22
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް 13 ދައުވާއެއް އުފުލައިފިއެވެ.

ދައުވާ އުފުލާފައިވާ މީހުންނާއި، އަހަރު:

– އަދުހަމް އަހުމަދުގެ މައްޗަށް 4 ދައުވާއެއް
– މުޖާޒު އަހުމަދުގެ މައްޗަށް 2 ދައުވާއެއް
– ތަހުމީން އަހުމަދުގެ މައްޗަށް 4 ދައުވާއެއް
– އަލީ ހައިޝަމްގެ މައްޗަށް 3 ދައުވާއެއް

އަދުހަމް އަހުމަދު ރަޝީދަކީ ހަމަލާ ދިނުމަށްޓަކައި އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވާލި މީހާ އެވެ. އަދި އަދުހަމް ހުރީ ޖާނުން ފިދާވެގެންވެސް އެ ހަމަލާ ދިނުމަށް އޭނާ ހުރީ ތައްޔާރަށް ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ. ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދަކީ ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލްގެ ވެރި ފަރާތެވެ. އޭނާ ވަނީ ސައިކަލްގައި ބޮން ހަރުކުރުމަށްވެސް އެހީތެރިވެދީފައެވެ. އަދި މި ހަމަލާ ދިނުމުގައި އިސް ދައުރެއް އޭނާ އަދާކޮށްފައިވާކަން ތަހުގީގަށް ސާބިތުވެފައިވެއެވެ.

އަދުހަމްގެ މައްޗަށް އުފުލާފައިވަނީ ހަތަރު ދައުވާއެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އާއި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާއެވެ.

މުޖާޒު އަހުމަދުގެ މައްޗަށް އުފުލާފައިވަނީ ޓެރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށާއި ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެ ދިނުމުގެ ކުށެވެ. މި ދެ ކުށް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 20 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ތަހުމީނުގެ މައްޗަށް ހަތަރު ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމުގައި އެހީތެެރިވެ ދިނުމުގެ ދައުވާ އާއި ޓެރަރިސޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ 49 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އަލީ ހައިޝަމްގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެ ދިނުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އޭނާގެ މައްޗަށް މި ދައުވާތައް ސާބިތުވެއްޖެނަމަ 46 އަހަރުގެ ހުކުމެއް އަންނާނެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.