އެމްޑީޕީގެ ޤައުމީ މަޖިލިސްގައި ނަގާ ވޯޓުތަކުން، އެތެރެ ހިހޫވާތަންފެނޭ: މޫސަ

އެމްޑީޕީގެ ޤައުމީ މަޖިލިސްގައި ނަގާ ވޯޓުތަކުން، އެތެރެ ހިހޫވާތަންފެނޭ: މޫސަ

Author
މުޙައްމަދު ޝަޒައިމް
03 އޮގަސްޓް 2021 09:54
0

ވެރިކަން ކުރަމުންދާ އެމްޑީޕީ ޤައުމީ މަޖިލީހުން މިހާރު ނަގަމުންދާ ވޯޓުތަކުން، ޕާޓީގެ އެތެރެ އޮތް ގޮތަށް ވަރަށް ބޮޑަށް ސާފުވަމުންދާ ކަމަށް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ޤަރާރު ކުރިއަށް ގެންދިޔަ، ޤައުމީ މަޖިލީހުގެ ބައްދަލުވުމަށް އެމްޑީޕީގެ ގިނަ މެމްބަރުން ހާޒިރު ވެފައި ނުވެއެވެ. އަދި ރައީސް ޞާލިހަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ އެރޭގެ ބައްދަލުވުން ބޮއިކޮޓް ކޮށްފައެވެ.

އެމްޑީޕީ ތެރޭގައި އުފެދިފައިވާ ޚިޔާލާތު ތަފާތު ވުންތަކުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ފާޅުގައި ވަރަށް ބޮޑަށް ފަޑުވިދާޅުވާ މޫސަ ވިދާޅުވީ ޤައުމީ މަޖިލީހުގައި ނަގާ ވޯޓުތަކުން އެމްޑީޕީ އޮތް ގޮތް ވަރަށް ބޮޑަށް ސާފުވާކަމަށެވެ. އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންނާއި ޕާޓީގެ މެމްބަރުންގެ ރޫހާއި އެއްގޮތަށް ހިނގާ ޕާޓީއަކަށްވާއިރު، އާންމު މެމްބަރުންގެ ރޫހާއި ޚިލާފްވާނަމަ ކަންކަން ވާގޮތް ގައުމީ މަޖިލީހުގެ ވޯޓުތަކުން ސާފުވާނެކަމަށް މޫސަ ވިދާޅުވިއެވެ.

އެމް ޑީ ޕީ. މިއަދާހަމައަށްވެސް ދެމިއޮތީ ޕާޓީގެ ޢާއްމު މެމްބަރުންގެ ރޫޙާއެއްގޮތަށް ޕާޓީގެ އިސްސަފުގަތިބި މީހުންގެ ޢަމަލްތައް ބެހެއްޓީމަ ދާދިފަހުން ރައްޔަތުންގެ މަޖްލީހާ، ޤައުމީ މަޖްލިސްގަ ނެގުނު ވޯޓުތަކަށް ބަލާ، މެމްބަރުންގެ ރޫޙުއެނގުމުން. އެތެރެ ހިހޫ ވާތަންފެނޭ! ހެޔޮފާލެއް.

– މޫސަ ވިދާޅުވިއެވެ.

އެމްޑީޕީން އެންމެ ފަހުން ބޭއްވި ޖަލްސާގައި، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ހުށަހެޅި ޤަރާރަށް ބަހުސް ކުރެއްވީވެސް ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން އެކަންޏެވެ. ރައީސް ޞާލިހަށް ތާއީދު ކުރައްވާ އެއްވެސް ބޭފުޅަކު މިޖަލްސާގައި ބައިވެރިވެ ވާހަކަ ދައްކަވާފައިނުވެއެވެ. ޖަލްސާގައި ރައީސް ޞާލިހަށް ތާއީދު ކުރައްވާ ބޭފުޅުން ބައިވެރިނުވި އެންމެބޮޑު ސަބަބަކީ ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރަކަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން އަރައިގަތުމަށް މަސައްކަތް ކުރާތީކަމަށް ރައީސް ޞާލިހަށް ތާއީދު ކުރައްވާ ބައެއް ބޭފުޅުންވަނީ ބުނެފައެވެ.

ބައްދަލުވުމުގައި ދައުލަތުގެ ވަޒީރުންގެ ތެރެއިން އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ހިމެނޭ އެއްވެސް ވަޒީރަކު ބައިވެރި ވެފައިނުވެއެވެ. ނަމަވެސް ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒު ބައިވެރިވެފައިވެއެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 140 މެމްބަރުންގެ ތެރެއިން އެ ބައްދަލުވުމުގައި ބައިވެރި ވެފައިވަނީވެސް މަދު މެމްބަރުންތަކެކެވެ. އެޤަރާރު ފާސްވެފައިވަނީ 39 މެމްބަރުންގެ މަދު ވޯޓުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މިހާރު
3 އަހަރު ފަހުން އެނގުނު ކަމެއް. ޔަގީނޭ ކާލިއްޔޭ