އިއްޔެގެ ޓޫރިސްޓް އެރައިވަލް ރެކޯޑް އަދަދެއް! ނަމަވެސް މިނިސްޓަރ އުންމީދު ކުރި ވަރަށްވުރެ ދަށް!

އިއްޔެގެ ޓޫރިސްޓް އެރައިވަލް ރެކޯޑް އަދަދެއް! ނަމަވެސް މިނިސްޓަރ އުންމީދު ކުރި ވަރަށްވުރެ ދަށް!

Author
ޢަލީ އާދަމް
02 އޮގަސްޓް 2021 04:06
0

އިއްޔެ އަކީ މިއަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެ ދުވަސް ކަމަށް އުންމީދު ކުރައްވާކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން މިނިސްޓަރ މައުސޫމް އުންމީދު ކުރެއްވީ މިއަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އެތެރެވީ ދުވަސް ކަމަށްވާ މާރިޗު މަހުގެ 26 ވަނަ ދުވަހަށް ވުރެ ގިނަ މީހުން އިއްޔެ ރާއްޖެއަށް އަންނާނެ ކަމަށެވެ. މިނިސްޓްރީގެ ތަފާސްހިސާބު ދައްކާގޮތުން އެދުވަހު ރާއްޖެއަށް 5،516 ފަތުރުވެރިން ވަނީ އެތެރެވެފައެވެ.

މިނިސްޓަރ އުންމީ ދުކުރިވަރަށް އިއްޔެ ރާއްޖެއަށް ފަތުރުވެރިން އައިސްފައި ނުވި ނަމަވެސް އިއްޔެ އަކީ ނިސްބަތުން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އެތެރެވީ ދުވަހެކެވެ. އެގޮތުން އިއްޔެ 5،424 ފަތުރުވެރިންނަށް ރާއްޖެއިން ވަނީ މަރުހަބާ ކިޔާފައެވެ. މިނިސްޓަރ ލަފާކުރި ވަރަށް ވުރެ ހަމަ ކުޑަ ތަންކޮޅެއް މަދު ނަމަވެސް މިއީ ރާއްޖެއާއި ސައުތު އޭޝިއާ ސަރަހައްދުގައި ކޯވިޑްގެ ބަލިމަޑުކަމުގެ ބޮޑު ރާޅެއް އުފެދި ދަތުރުފަތު ކުރުމަށް އެޅުނު ހުރަސްތަކުގެ ފަހުން ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އެއްދުވަހާ އެތެރެވީ ދުވަހެވެ.

އެގޮތުން މިއަހަރުގެ މެއި މަހުންފެށިގެން ރާއްޖެއާއި ސައުތު އޭޝިއާގައި ކޯވިޑުގެ ހާލަތު ގޯސްވުމުން ދަތުރުފަތުރު ކުރުމުގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެއާއެކު ވަކި ހިސާބަކުން އޭޝިއާގެ ގައުމުތަކުން ރާއްޖެއަށް ދަތުރުކުރުންވެސް މެދުކަނޑާލިއެވެ. ނަތީޖާއެއްގެ ގޮތުން މިއަހަރު ފެށުނީއްސުރެ އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އެތެރެވީ އިންޑިއާއިން ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު ދަށްވެ، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގައި އިންޑިއާ ދެވަނައަށް ވެއްޓުނެވެ.

މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ންނަނީ ރަޝިއާއިންނެވެ. ނިމިދިޔަ ޖުލައި މަހު ރާއްޖެއަށް ޖުމްލަ 101،818 ފަތުރުވެރިން އެތެރެވެފައި ވާއިރު، އޭގެ 23.3 އިންސައްތަ އަކީ ރަޝިއާގެ  ފަތުރުވެރިންނެވެ. މީގެއިތުރުން އިންޑިއާއަށް ނިސްބަތްވާ ފަތުރުވެރިންގެ އަދަދަކީ ޖުމްލަ އަދަދުގެ 16.9 އިންސައްތައެވެ.

ދެ ފަތުރުވެރިން ރާއްޖޭގައި ކައިވެނީގެ އުފާފާޅުކުރަނީ – ފޮޓޯ: ކުރުނބާ މޯލްޑިވްސް

ޖުލައި މަހުގެ ނިމުމާއި އޯގަސްޓް މަހުގެ ފެށުން، ފަތުރުވެރިން އަންނަ އަދަދުތައް ބޮޑުކުރުރިއެރުމެއް ފެންނައިރު، މިހިނގާ އޯގަސްޓުމަހު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ރެކޯޑް އަދަދަކަށް އިތުރުވާނެ ކަމަށް ބެލެވެއެވެ. އެގޮތުން މިމަހުގެ ފުރަތަމަ ދުވަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު، 2019 ވަނަ އަހަރުގެ ފުރަތަމަ ދުވަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދަށްވުރެ ގިނައެވެ. ތަފާސްހިސާބު ދައްކާގޮތުން 2019 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 1 ވަނަ ދުވަހު ރާއްޖެއައީ 4،938 ފަތުރުވެރިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.