މުޖްތަމައަށް ޚިދުމަތްކުރުމުގެ އަދަބު ތަންފީޛުކުރުމާ ގުޅޭގޮތުން އެކި މުވައްސަސާތަކާއެކު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، އެމްސީއެސްއާއި ހޯމް މިނިސްޓްރީ ގުޅިގެން ބައްދަލުވުންތައް ފަށައިފި އެވެ.
އެގޮތުން ކަރެކްޝަނަލް ސަރވިސް އާއި ހޯމް މިނިސްްޓްރީގެ ވެރިން އިއްޔެވަނީ ޔޫތު މިނިސްޓްރީ އާއި ސަރުކާރު ކުންފުނި އެމްޓީސީސީގެ ވެރިންނާ ބައްދަލުކުރައްވާފަ އެވެ.
އިއްޔެ ވަކިވަކިން ބޭއްވި މި ދެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އާއި ހޯމް މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ފުރަތަމަ ބައްދަލުކުރެއްވީ ޔޫތު މިނިސްޓްރީގެ ބޭފުޅުންނާއެވެ. އެގޮތުން މި ބައްދަލުވުމުގައި ކުއްވެރިން މުޖުތަމައަށް ޚިދުމަތްކޮށްގެން އަދަބު ތަންފީޒުކުރުމަށް ދެފަރާތުން ގުޅިގެން ކުރިއަށްގެންދެވޭނެ ކަންކަމާގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އާއި ހޯމް މިނިސްޓްރީގެ އިސް ބޭފުޅުން އިއްޔެ ދެން ބައްދަލުކުރެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއެވެ.
އެމްސީއެސްއާއި ހޯމް މިނިސްޓްރީ ގުޅިގެން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު "ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު (ނރ.02/2021)" ގެ ދަށުން މުޖްތަމައަށް ޚިދުމަތްކުރުމުގެ އަދަބު ތަންފީޛުކުރުމާބެހޭގޮތުން، އެމްޓީސީސީގެ ބޭފުޅުންނާ މިއަދު ބައްދަލުކޮށްފި pic.twitter.com/4V5x0yGeKj
— Maldives Correctional Service (@CorrectionsMv) August 1, 2021
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު "ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު"ގެ ދަށުން މުޖުތަމައަށް ފައިދާވާނެ ކޮންމެވެސް އިޖުތިމާއީ މަސައްކަތެއް ފުރިހަމަކުރުމަށް ކަނޑައެޅޭ އަދަބުތައް ތަންފީޒުކުރުމަށް ކުއްވެރިން ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން އެކިއެކި މަސައްކަތްތަކުގައި ބައިވެރިކުރެވޭނެ އެވެ. މިގޮތުން މީގެ ކުރިންވެސް ވަނީ މާލޭގެ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތުގައި، ރާއްޖޭގެ ޖަލުތަކުގައި ތިބި ބައެއް ކުއްވެރިން ބޭނުން ކޮށްފައެވެ.