މިއަދު ނާއިންސާފުންދޭ އަނިޔާއަށް މާދަމާ އިންސާފު ޤާއިމް ކުރެވޭނެ: ޝިޔާޒު

މިއަދު ނާއިންސާފުންދޭ އަނިޔާއަށް މާދަމާ އިންސާފު ޤާއިމް ކުރެވޭނެ: ޝިޔާޒު

Author
މުޙައްމަދު ޝަޒައިމް
01 އޮގަސްޓް 2021 08:42
0

މިއަދު ނާއިންސާފުން ދޭ އަނިޔާއަށް މާދަމާ އިންސާފު ޤާއިމް ކުރެވޭނެ ކަމުގައި ރައީސް ޔާމީންގެ ޤާނޫނީ ވަކީލް އަބްދުﷲ ޝިޔާޒު ވިދާޅުވެއްޖެއެވެ.

ޝިޔާޒު މިފަދަ ޓްވީޓެއް ކުރައްވާފައިވަނީ ނޫސްވެރިޔާ އަހުމަދު ރިޟުވާނު ޢަބުދުﷲ ގެއްލުވާލި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގެއްލިފައިވާ މީހުންނާއި މަރުތައް ބަލާ ކޮމިޝަނަށް ހާޒިރުވުމަށް ކުއްލިއަކަށް އެންގި އެންގުމާއި ގުޅިގެންނެވެ. ސިޔާސީ ގޮތުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ހަރަކާތްތައް އިތުރުވެ، ސިޔާސީ މަސައްކަތް ފުޅާކޮށްފައިވާ މިދުވަސްވަރު ރައީސް ޔާމީންގެ ޝަރީއަތްތަކާއި، ކޮމިޝަންތަކަށް ހާޒިރުކުރާ ނިސްބަތްވެސް ދަނީ އިތުރުވަމުންނެވެ. މިއަދުވެސް ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފައެވެ.

ރައީސް ޔާމީނާއިމެދު ސަރުކާރުން އަމަލުކުރަމުންދާ ގޮތާއި ގުޅިގެން އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަބްދުﷲ ޝިޔާޒު ވިދާޅުވީ ކޮންމެ ކަމަކީވެސް އިންސާފު އަރާ ހަމަކުރާނެ ކަންތައްތަކެއް ކަމަށެވެ. މިއަދު ކޮމިޝަން ހަދައިގެން ސަރުކާރަށް ޖަރީމާ ހިންގަން ތިބޭ މީހުން 2023 ނޮވެމްބަރ 18 ވަނަ ދުވަހު ރާއްޖޭގައި ތިބެދާނެ ކަމާއިމެދު ޝިޔާޒު ވަނީ ސުވާލު ކުރައްވާފައެވެ.

2023 ނޮވެމްބަރ 18 ވަނަ ދުވަހު މިހާރުގެ ސަރުކާރާ ސަރުކާރުން ޖަރީމާ ހިންގާ ކޮމިޝަންތަކާއި އެކި ނަންނަން ކިޔައިގެން މަޤާމްތަކުގައި ތިބި މީހުން މިރާއްޖޭގައި ތިބޭނެބާއެވެ؟ މިއަދު ނާއިންސާފުން ދޭ އަނިޔާއަށް މާދަމާ އިންސާފު ޤާއިމް ކުރެވޭނެއެވެ.

– ޝިޔާޒު ވިދާޅުވިއެވެ.

މަރުކޮމިޝަންގެ މެމްބަރަކު ވިދާޅުވީ ރައީސް ޔާމީން ކޮމިޝަނަށް ހާޒިރުވުމަށް ދަންނަވާފައިވަނީ މ.ޝަނިންސްޓަރ އަހުމަދު ރިޞުވާން އަބްދުﷲ ގެއްލުވާލި މައްސަލާގައި ކޮމިޝަނުން ކުރަމުންދާ ތަހުގީގުގައި ސުވާލު ކުރުމަށްކަމަށެވެ. ރައީސް ޔާމީން ހާޒިރު ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ.

ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަންތަކުން މިހާތަނަށް މާބޮޑު ނަތީޖާއެއް ނެރެވިފައިނުވާއިރު، ކޮމިޝަން އުވާލުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންވަނީ ގޮވާލާފައެވެ. އަދި ކޮމިޝަނަކީ ހަމައެކަނި މުސާރަނަގާ ކޮމިޝަނެއްކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އުފެއްދެވި ރިޔާސީ ކޮމިޝަންތަކަށް މިހާތަނަށް 12 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގްކުރާ ކޮމިޝަނަށް މިހާތަނަށް 4.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެތެރެއިން 3.8 މިލިއަން ރުފިޔާއަކީ އެކޮމިޝަންގެ މެންބަރުންގެ މުސާރައާއި އެލަވެންސްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.