ފައްރާހް އަހުމަދު (ފައްރަ) މި ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ސޮއިކޮށްފިއެވެ.
ފައްރަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް އާއި ގުޅުނީ ޓީސީ ދޫކޮއްލުމަށްފަހުއެވެ. ޓީސީއާއެކު ފައްރަ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. ބަންގްލަދޭޝްގައި ބޭއްވި އިންވިޓޭޝަނަލް ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކަޕްގެ ޗެމްޕިއަންކަން ޓީސީން ހޯދީ ފައްރަގެ ކެޕްޓަން ކަމުގައެވެ. ދިވެހި ޕްރިމިއަރ ލީގާއި ޗެރިޓީ ޝީލްޑްވެސް ފައްރަ ވަނީ ޓީސީއަށް ހޯދައިދީފައެވެ.
މިމަހުގެ ފަހުކޮޅު ފަރިތަކުރުންތައް ފެށުމަށް މަސައްކަތްކުރާ ސަސް އިން ފުރަތަމަ ޑިވިޝަނުގައި ކުޅެމުންއަންނަ ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ހުނަރުވެރި ކުޅުންތެރިން އެކުލެވޭ މޮޅު ޓީމެއް ފެނިގެންދާނެ ކަމަށް އެޓީމުން މައުލޫމާތު ދެއެވެ. ފައްރަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް އާއި ގުޅުނުއިރު އޭނާ ޓީސީ ދޫކޮށްލާފައިވަނީ ހަ އަހަރު އެ ކުލަބުގައި ކުޅުމަށްފަހުގައެވެ.
ސަސްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ކުރިން ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމުތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ކޯޗު އަހުމަދު ނާޝިދު (ނާދު) އެވެ.