2014 ވަނަ އަހަރު ބޮލީވުޑަށް ނުކުއިތް ޓައިގާ ޝްރޮފް އަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލު ކަން ހޯދި ފަންނާނެކެވެ.
މިހާ ތަނަށް 10 ފިލްމަކުން ފެނިގެން ގޮސްފައިވާ ޓަައިގާގެ އެކްޝަން ރޯލްތަކާއި ނެށުމުގެ ޖާދޫގައި ގިނަބަޔަކު ވަނީ ޖެހިފައެވެ. އަދި ބޮލީވުޑްގެ އެންމެ ކުޅަދާނަ އެއް ނެށުންތެރިޔާ އަދި އެކްޓަރ ރިތިކް ރޯޝަންގެ ނެށުމާއި ޓައިގާގެ ނެށުމާއި އަޅުވާކިޔާލެވެއެވެ.
31 އަހަރުގެ ޓައިގާ ވަނީ ދާދިފަހުން އިންސްޓަގްރާމްގައި "އާސްކް މީ އެނީތިންގ" ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ. މިއީ ފޭނުންނާއި ގުޅުން ބަދަހި ކުރުމުގެ ގޮތުން އޭނާ ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
އެގޮތުން މި ސެޝަންގައި އެންމެ ގިނައިން ޓައިގާއާ ކުރެވުނު އެއް ސުވާލަކީ "އެންމެ ކަމުދާ ބަތަލާ އަކީ ކާކުތޯ؟" އެވެ. މި ސުވާލަށް ޖަވާބު ދެމުން ޓައިގާ ބުނެފައިވަނީ އޭނާ އަށް އެންމެ ކަމުދާ ބަތަލާ އަކީ މާދުރީ ޑިކްސިޓް ކަމަށެވެ. ނަމަވެސް މިއީ ފޭނުން އުންމީދު ކުރި ޖަވާބެއް ނޫނެވެ. ގިނަ ބަޔަކު އުންމީދު ކުރީ އޭނާގެ އެންމެ މަގުބޫލު ބަތަލާ އަކީ ދިޝާ ޕަޓާނީ ކަމަށް ބުނާނެކަމަށެވެ.
ދިޝާ ޕަޓާނީ އާއި ޓައިގާ ޝްރޮފް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ ވާހަކަތަށް މީޑިއާގައި ދަނީ ރިޕޯޓް ކުރަމުންނެވެ. ނަމަވެސް މި ދެތަރިން ކުރެ އެކަކުވެސް މީޑިއާގައި އެވާހަކައެއް ނުދައްކައެވެ. އަދި އެ ވާހަކަތަކަށް އިންކާރެއް ވެސް ނުމެކުރެވެ. ދެތަރިން އެކުގައި ވަގުތު ހޭދަކުރުމާއި ޗުއްޓީތަކުގައި ދިއުމާއި އުފަންދުވަސް ފާހަގަ ކުރުމާއި މިނޫންވެސް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ މަންޒަރުތަށް ދަނީ ފެންނަމުންނެވެ.
ފޭވަރިޓަކީ މާދުރީ ކަމަށް ޓައިގާ ބުނެފައިވާ އިރު، އޭނާގެ ބައްޕަ ޖެކީ ޝްރޮފަކީ މާދުރީއާ އެކު ގިނަ ފިލްމުތަކެއް ކުޅެފައިވާ އެކްޓަރެކެވެ. އޭގެ ތެރޭގައި "100 ޑޭސް"، "ކަލް ނާޔަކް" އަދި "ދޭވްދާސް" ފަދަ ފިލްމުތައް ހިމެނެ އެވެ.