ކޯވިޑުން ދިފާއުވުމަށް ޖަހާވެކްސިން ޖަހަންޖެހޭ އާބާދީއަށް އެއްކޮށް ވެކްސިންޖެހޭ ވަރަށް ވެކްސިން ލިބުނު މަދު ގައުމުތައްތެރޭ ރާއްޖެ ހިމެނޭކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
ކޯވިޑުން ދިފާއުވުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ވެސް އެންމެ ކުރީސަފުގައި ހަރަކާތަތެރިވާ، ތަރުޖަމާނު މަބްރޫކް ވިދާޅުވީ ދިވެހި ރާއްޖެއަށް ލިބިފައި މިވާ ފުރުސަތުގެ ބޭނުން އެންމެންވެސް ހިފަން ޖެހޭކަމަށެވެ. އެހެންކަމުން މިބަލިމަޑުކަމުން އަރައިގަތުމަށް ވެކްސިން ފުރިހަމަކުރުމަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތްކުރުމަށާއި ވެކްސިން ފުރިހަމަކުރުމަށް ރައްޓެހިންނާއި، އެކުއުޅޭ އެންމެނަށް ނަސޭހަތްތެރިވެ ބާރުއެޅުމަށްވެސް މަބްރޫކްވަނީ އެދިވަޑައިގެންފައެވެ.
Maldives is among the few countries that have been able to secure enough vaccines to immunize the entire eligible population.
Achieving a near normal requires a united effort from all of us; to vaccinate, to spread the message, and to convince everyone around us to do the same. https://t.co/Ghgus1SVs3
— Mabrook Azeez (@MvSpokesperson) July 30, 2021
ވެކްސިން ޖަހަން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމް އަތޮޅުތެރޭގައި މިހާރު ފަށާފައި ވާއިރު މާލޭ ސަރަހައްދުގައި މިޕްރޮގްރާމް މާދަމާއިން ފެށިގެން ރަސްމީކޮށް ފެށުމަށް ވަނީ ހަމަޖައްސާފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދާނެކަން އިއުލާންކުރެއްވީ މިނިވަން ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ޚިތާބުގަ އެވެ.
މި ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދުގައި ވެކްސިން ޖަހާނީ ސޯޝަލް ސެންޓަރު، އާޓް ގެލަރީ، އިސްލާމީ މަރުކަޒު، ވިލިމާލެ ޔޫތު ސެންޓަރު، ދަމަނަވެށި އަދި ހުޅުމާލޭ ހޮސްޕިޓަލްގައެވެ. ހުޅުމާލޭ ހޮސްޕިޓަލް ފިޔަވާ އެހެން ސެންޓަރުތަކުގައި ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 4:00 އަށް ވެކްސިން ޖަހައިދެއެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހާނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށްކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.
މާލެ ސަރަހައްދުގައި ވެކްސިންޖެހުމަށް book.hpa.gov.mv މެދުވެރިކޮށް އެޕޮއިންޓްމަންޓް ހަދަންޖެހެއެވެ. އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އައިޑީކާޑު ނުވަތަ ޕާސްޕޯޓު ނަމްބަރާއި ފޯނު ނަންބަރު ޖެހުމަށްފަހު އެމީހެއްގެ ފުރިހަމަ ނަމާއި ވެކްސިން ޖަހަން ދާން ބޭނުންވާ ވެކްސިން ސެންޓަރާއި އެމީހަކު ދާން ބޭނުންވާ ދުވަހާއި ގަޑި އަމިއްލައަށް ކަނޑައަޅަންޖެހެއެވެ. އެޗްޕީއޭއިން ބުނީ ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ލިބޭގަޑީގެ މާކުރިން ގޮސް ކިއުގައި ޖެހެން ނުޖެހޭނެ ކަމަށާއި ގަޑީގެ 10 މިނިޓް ކުރިން ވެކްސިން ސެންޓަރަށްގޮސް ފަސޭހަކަމާއެކު ވެކްސިން ޖެހާލެވޭނެ ކަމަށެވެ.
އަދި ދިވެހިންނާއި ބިދޭސީންނަށްވެސް މިލިންކް މެދުވެރިކޮށް ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ޖެހުމަށްވެސް އެޕޮއިންޓްމަންޓް ހަމަޖެހޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު، ދެވަނަ ޑޯޒް ނުޖެހި ތިބި ފަރާތްތަކަށް ވެސް އެސްޓްރާޒެނެކާ ވެކްސިން އެ ސެންޓަރުތަކުން ޖެހޭނެ ކަމަށް އެޗްއީއޯސީން ވަނީ ބުނެފަވެ. އަދި ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް، ދެވަނަ ޑޯޒްގެ ގޮތުގައި ވެސް ކޮވިޝީލްޑް ވެކްސިން ޖެހުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް ވެސް އެޗްއީއޯސީން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމިއުނިޒޭޝަން ޕްރޮގްރާމްގެ ޕްރޮގްރާމް މެނޭޖަރ ނާޝިޔާ އަބްދުއްސައްތާރު ވިދާޅުވިއެވެ.