ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ އިގްތިސާދު ހިންގައިދޭ އިންޖީނު! ހައްލު ހޯދާދީ!

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ އިގްތިސާދު ހިންގައިދޭ އިންޖީނު! ހައްލު ހޯދާދީ!

Author
ހުސެއިން
31 ޖުލައި 2021 08:05
0

ކޯވިޑް19ގެ ކާރިސާ ވެގެން މިދިޔައީ ފަހުގެ ޒަމާންތަކުގައި ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތި ކުރުވި އެންމެ ބޮޑު ކާރިސާއަށެވެ. އަދި ދުނިޔޭގެ ނިސްބަތުން ބެލި ކަމުގައިވި ނަމަވެސް، ކޯވިޑް19ގެ އާލަމީ ވަބާގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރިން ގައުމަކަށް މުޅި ދުނިޔެއިންވެސް ވެގެން މިދިޔައީ ދިވެހި ރާއްޖެއެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ.

ދިވެހިރާއްޖެއަކީ އިގްތިސާދީ ވަސީލަތްތައް ނުހަނު މަދު ގައުމެކެވެ. އިގްތިސާދު ބަރޯސާވެފައި އޮތީ މައިގަޑު ދެތިން ސިނާއަތެއްގެ މައްޗަށެވެ. އަދި މީގެތެރެއިންވެސް، އިގްތިސާދުގެ އެންމެ ބޮޑުބައެއް ބިނާވެފައިވަނީ، ފަތުރުވެރިކަމުގެ ސިނާއަތަށެވެ. އަދި މިއީ ގައުމުގެ އިގްތިސާދު އެ ސިނާއަތުތަކެއްގެ މައްޗަށް ބިނާވެފައިވާ ދެތިން ހަތަރު ސިނާއަތެއްގެ ތެރެއިންވެސް އެންމެ ޟައީފުކޮށް އޮތް ސިނާއަތެވެ. ނަތީޖާއެއްގެ ގޮތުން، ކޯވިޑް ކާރިސާގެ ގޮންޖެހުންތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު 2020 ވަނަ އަހަރު ނިމުނުއިރު %68 ދަށަށް ގޮސްފައި ވެއެވެ.

ވަކީން ޚާއްސަކޮށް ކޯވިޑް ކާރިސާއިން ސާބިތު ވެގެން ދިޔައީ މި ހަގީގަތެވެ.

މިގޮތުން، ރައްޔިތުންގެ މަޖިލިހަށް 2021 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން، ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވަނީ، ކޯވިޑް19 ކާރިސާއިން އަރައިގަތުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއެކުވެސް، 2020 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު، %29.3 އިން ކުޑަވެފައި ވާކަމުގައެވެ. މިއީ މީގެކުރިން ދުވަހަކުވެސް ރާއްޖޭގެ އިގްތިސާދު ދަށަށް ގޮސްފައިވާ މިންވަރެއް ނޫނެވެ.

ދިވެހިރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމަށް ކޯވިޑް19 ކާރިސާގެ ސަބަބުން އައިސްފައިވާ ނުރަގަޅު ބަދަލު ދައްކުވައިދޭ ޗާޓެއް

 

ކޯވިޑް ކާރިސާގެ ތެރޭގައި ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން އެހީތެރިވެދިން، އެހެންނަމަވެސް ކުރިޔަށް ހުރި ގޮންޖެހުންތައް އަދި މާބޮޑު!

ކޯވިޑް19ގެ ނުރައްކާ ދިވެހިރާއްޖެއަށްވެސް އިންތިހާއަށް ބޮޑަށް ކުރިމަތިވެ، ބޯޑަރުތައް ބަންދުވެ، އިމްޕޯޓް އެކްސްޕޯޓަށް އިންތިހާއަށް އަސަރުކޮށް، އަދި އޭގެ އިތުރުން ވެރިރަށް މާލެވެސް ހިމެނޭގޮތުން ރާއްޖޭގެ އެކިރަށްތައް ގިނަ ދުވަސްތަކަކަށް ލޮކްޑައުން ކުރަންޖެހުމުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގަމުން އައި ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް އިންތިހާއަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހުނެވެ.

މިގޮތުން، ކެފޭ ރެސްޓޯރަންޓުތައް، ޖިމްތަކާއި އަދި އެނޫނަސް ދުވަހުންދުވަހަށް އެތަކެއް ޚިދުމަތެއް ފޯރުކޮށްދެމުން އައި އެތަކެއް ވިޔަފާރިތަކާއި ޚިދުމަތްތައް ހުއްޓުމަކަށް އައުމުގެ ނަތީޖާއަކަށް ވެގެން ގޮސްފައިވަނީ، ބައެއް ވިޔަފާރިތައް ބަގުރޫޓުވެ، އަނެއްބައި ވިޔަފާރިތައް ލޯނުގެ މައްޗަށް އިތުރަށް ލޯނު ނަގަންޖެހި، އަވަސް މުސްތަގުބަލެއްގައި އަރައި ނުގަނެވޭނެވަރަށް އިދަ ޖެހިގެން ދިއުމެވެ.

އެހެންނަމަވެސް، ކޯވިޑް ކާރިސާގެ ތެރޭގައި، ވިޔަފާރިތަކަށް ކުރިމަތިވި މި ގޮންޖެހުންތައް މެނޭޖުކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން، ސަރުކާރުން ސްޓިމިއުލަސް ޕެކޭޖްތަކެއް ތައާރަފްކޮށް، މުވައްޒަފުންނަށް މުސާރަ ދިނުންފަދަ، އަދި ދުވަހުން ދުވަހަށް ހިންގަންޖެހޭ އޮޕްރޭޝަންތައް ހިންގުމަށް އެހީތެރިވެދިނުމުގެ ގޮތުން ފައިސާގެ އެހީތެރިކަން ފޯރުކޮށް ދީފައިވާކަން ފާހަގަ ކުރަންޖެހެއެވެ.

މިގޮތުން، އެސްޑީއެފްސީ މެދުވެރިކޮށް ދޫކޮށްފައިވާ ކޮވިޑް-19 ރިކަވަރީ ލޯނުތަކުގެ ގްރޭސް ޕީރިއަޑް 6 މަހުގެ މުއްދަތަކަށް އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން ނިންމާފައި ވެއެވެ.

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީ މެދުވެރިކޮށް ސަރުކާރުން ތަޢާރަފުކުރި ރިކަވަރީ ލޯން ސްކީމަކީ ކޮވިޑް-19އާ ގުޅިގެން ކުދި ވިޔަފާރި އާއި މެދުފަންތީގެ ވިޔަފާރިތަކަށާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ވަރކިންގ ކެޕިޓަލް ފޯރުކޮށްދީ، މި ދަތި ދަނޑިވަޅުން އިގުތިސާދު އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން ސަރުކާރުން ތައާރަފް ކޮށްފައިވާ ސްކީމެކެވެ.

އެހެންކަމުން، ކޯވިޑް ކާރިސާގައި ސަރުކާރުން ތައާރަފްކުރިން ސްޓިމިއުލަސް ޕެކޭޖުތަކަކީ، ބައެއް އާދައިގެ ވިޔަފާރިތަކަށް އެންމެ ކުޑަމިނުން މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކާ ލިބިގެން ދިޔަ އެހީތެރިކަމަކަށް ވިނަމަވެސް، މި ރިކަވަރީ ލޯނު ނުލިބޭ އެތަކެއް ވިޔަފާރިތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބިކަންވެސް ފާހަގަ ކޮށްލަންޖެއެވެ.

ކޯވިޑް19ގެ ސަބަބުން ކެފޭ ރެސްޓޯރަންޓްތައް އެތައް ދުވަހެއްވަންދެން ބަންދު ކުރަންޖެހި، އެތައް ވިޔަފާރިއަކަށްވަނީ ތަހައްމަލް ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކާ ކުރިމަތި ލާންޖެހިފަ

އަދި ހަމަ އެފަދައިން، ލޯނުތައް އަބުރާ އަދާކުރުމުގައި ގްރޭސް ޕީރިއަޑް ދިގު ދަންމާލަ ދިނުންފަދަ ބައެއް ލުއިތައް ލިބިގެންދިޔަ ނަމަވެސް، ކޯވިޑުން އަރައިގަތުމަށްފަހުވެސް ހަމަ މި ލޯނުތަކުގެ ބުރަ ވިޔަފާރިތަކުން ދިގުމައްދަތަކަށް އުފުލަންޖެހޭކަމީވެސް ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. އަދި މިބުރަ އުފުލަންޖެހޭ ހާލަތްތަށް އަންނައިރު، ކޯވިޑް19ގެ ސަބަބުން ހަގީގަތުގައިވެސް، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ މައިބަދަތައް ތިބީ ބިދިފައިކަންވެސް މިއަދު ދެނެގަންނަން އެބަޖެހެއެވެ.

 

ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދީގެން މެނުވީ އިގްތިސާދުގެ އިންޖީނު ހިގައެއް ނުގަންނާނެ!

ހުރިހާ ގައުމެއްގެވެސް އިގްތިސާދުގެ ހަގީގީ އިންޖީނަކީ އެގައުމެއްގައި ވިޔަފާރީގެ ސިނާއަތުގައި ވިޔަފާރި ކުރަމުންދާ ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކެވެ.

ސަބަބަކީ، ބޮޑެތި ވިޔަފާރިވެރިންގެ ހުރިހާ ވިޔަފާރިއެއްވެސް ބަރޯސާވެގެން ދަނީ ކުދި ވިޔަފާރިންނަށް ކުރާ ސަޕްލައިތަކުގެ މައްޗަށް ކަމަށްވާތީއެވެ. އެހެންގޮތަކަށް ދަންނަވަނީނަމަ، މުދަލުގެ ބޭނުން ކުރާ ފަރާތްތަކާއި، އަދި މުދާ ފޯރުކޮށްދޭ ފަރާތްތަކާ ގުޅުވައިދޭ ހަގީގީ ފާލަމަކީ ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކެވެ.

އެހެންކަމުން، ކުދިއަދި މެދުފަންތީގެ ވިޔަފާރިތައް އިދަ ޖެހިއްޖެނަމަ، ނުވަތަ އެފަރާތްތަކަށް ވިޔަފާރިތައް ބަންދުކުރަން މަޖުބޫރު ވެއްޖެނަމަ، ސަަޕްލައި ޗެއިންގެ ބޮޅުތައް އެހިސާބުން ނެއްޓިގެން ދިޔައީއެވެ. އެހާތަނުން، ހިގަހިގާ އޮތް އިގްތިސާދުގެ ދުވެލި މަޑުޖެހިގެން ދާނެއެވެ. އަދި ސަޕްލައި ޑިމާންޑަށް އޭގެ ނޭދެވޭ އަސަރުކޮށް، ޗޭނުގެ ދެކޮޅުގައި ޗޭނަށް ވިލުން ގެނުވަން ތިބޭ، ސަޕްލަޔަރުންނާއި، އަދި މުދާ ބޭނުން ކުރާފަރާތްތަކުގެ ހަކަތައް ހުއްޓަސްވެސް، އިގްތިސާދަށް އެހާލަތުގައި ވިލުންވެރިކަމެއް ނާންނާނެއެވެ.

ނަތީޖާއަކަށް ވެގެންދާނީ އިގްތިސާދީ އިންޖީނު ހިގައިނުގަނެ، މުޅި ގައުމުގެ އިގްތިސާދުގެ ދުވެލި މަޑުޖެހިގެން ދިއުމެވެ.

އެހެންކަމުން، ކޯވިޑް ކާރިސާގެ ސަބަބުން އިދަޖެހިފައި އޮތް އިގްތިސާދު ނަގާ ކޮޅަށް ޖެހުމުގައި ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި ސަރުކާރުން އާ އިންތިޒާމްތަކެއް މިވަނީ ހަމަަޖައްސަން ޖެހިފައެވެ. ސަބަބަކީ، މިވިޔަފާރިތަކަކީ، އެތައް އައިލާއެއްގެ ދުވާލުގެ އާންމު ޚަރަދުތަކާއި، އަދި އާދައިގެ އެތަކެއް މުސާރަވެރިންނެއްގެ ވަޒީފާތަކާއި ގުޅުންހުރި އިގްތިސާދީ މުހިންމު ގިންތިއަކަށް ވެގެންދާތީއެވެ.

އެސްޑީއެފްސީ މެދުވެރިކޮށް ދޫކޮށްފައިވާ ކޮވިޑް-19 ރިކަވަރީ ލޯނުތަކުގެ ގްރޭސް ޕީރިއަޑް 6 މަހުގެ މުއްދަތަކަށް ސަރުކާރުންވަނީ އިތުރު ކޮށްދީފަ

 

ބޭންކުތަކުން ދެމެހެއްޓެނިވި ދައުރެއް އަދާކޮށްދޭން ޖެހޭ!

ދިވެހިރާއްޖޭގެ ބޭންކިންގެ ނިޒާމަކީ، އެނިޒާމު އެތުރިފައި އޮތްގޮތުން، އާދައިގެ ވިަޔފާރިތަކަށް ކުރިއަރައިގަތުމުގެ ފުރުސަތު ފަހިވާގޮތަށް އަތުރާލެވިފައި އޮތް ބޭންކިންގ ނިޒާމެކޭ ދެންނެވޭކަށް ނެތެވެ.

މިގޮތުން ބަލާއިރު، ރާއްޖޭގެ އެކި ގިންތިތަކުގެ ވިޔަފާރިވެރިން އެންމެބޮޑަށް ބަރޯސާވާންޖެހިފައިވާ ބޭންކަކީ ބޭންކް އޮފް މޯލްޑިވްސްއެވެ. އަދި މިހަގީގަތް މިގޮތުގައި އޮތްއިރު، "ދިވެހިންގެ ބޭންކު އަހަރެންގެ ބޭންކް"ގެ ނަމުގައި ހިންގަމުން އަންނަ މިބޭންކަކީ، ރާއްޖޭގައި ހިންގާ ކުންފުނިތަކާ އަޅާބަލާއިރު، ކޮންމެ އަހަރަކުވެސް އެންމެ ބޮޑު ފައިދާއެއް ނަގަންމުން އަންނަ ބޭންކުވެސް މެއެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެކަނިވެސް ބޭންކް އޮފް މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 298 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާ އަށް 357 މިލިއަން ރުފިޔާ ދިވެހިންގެ ބޭންކަށް ލިބިފައި ވެއެވެ.

ދިވެހިންގެ ގައުމީ ބޭންކަކީ ކޮންމެ އަހަރަކުވެސް ސާފު ފައިދާގެ ގޮތުގައި އެތައް ސަތޭކަ މިލިއަން ރުފިޔާގެ ފައިދާ ހޯދަމުންދާ ބޭންކަކަށް ވިނަމަވެސް، މި ބޭންކުން ދޭ ކޮމާޝަލް ލޯނުތަކުގެ އިންޓަރެސްޓް ރޭޓް އަދިވެސް ހުރީ 11 ނުވަތަ 12 އިންސައްތަ އާއި ހަމައިގައެވެ.

ކުދިއަދި މެދުފަންތީގެ ވިޔަފާރިއަކަށް މި ބޭންކުން ލޯނެއް ނެގުމަކީ، އަބިދަރިން މޯގޭޖް ކުރުންފަދަ ކަމެކެވެ. އާދައިގެ ނިކަމެތި ރައްޔިތު މީހާއަށް މިބޭންކުން ލޯނުނެގުން ވެގެންދަނީ، އޭނާގެ މަރާ ދިރިހުރުމާމެދު ނަގާ ރިސްކަކަށެވެ.

މިހާލަތުގައި ލޯނުނަގައިގެން ވިޔަފާރިކުރަމުންދާ އާދައިގެ ވިޔަފާރިވެރިޔާއަށް ހެދޭ ކިތަންމެ ކުޑަ ގޯހެއްނަމަވެސް، ވެގެންދަނީ، ބޭންކުން އޭނާއަށް ހަރުކަށި އަދަބު ދޭވަރުގެ ބޮޑު ކުށަކަށެވެ.

ހަމައެއާއެކު، ބޭންކުން ވިޔަފާރިތަކަށް ޑޮލަރެއް ނުލިބެއެވެ. ޚުދު ބޭންކުން ދޫކޮށްފަ އޮންނަ ކެރެޑިޓް ކާރޑުން ވިޔަފާރި ކުރުމުގެ ފުރިހަމަ މިނިވަންކަން ކަސްޓަމަރުންނަށް ދޫކޮށްލުމަށްވެސް ބޭންކަށް ވަނީ ނުކުޅެދިފައެވެ. ކޮންމެ ފަދަ ސަބަބުތަކެއް މެދުވެރިވެގެން ކަމުގައިވި ނަމަވެސް މިއީ މިއަދުގެ ހަގީގަތެވެ.

އެހެންކަމުން، ކޯވިޑްގެ ކާރިސާއިން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކާއެކު، އެންމެ ފުރަތަމަ އަންނަވީ ހެޔޮ ބަދަލަކީ، ދިވެހިންގެ ބޭންކަކީ، ކުދިއަދި މެދުފަންތީގެ ވިޔަފާރުތަކަށް އޮތް އެހީތެރިކަމަކަށް ވުމެވެ. ނުވަތަ، ބޭންކުން ދޫކުރާ ލޯންތަކުގެ އިންޓަރެސްޓް ރޭޓަށް ހެޔޮ ބަދަލު ގެނެސް، ލުއި ފަސޭހަކަމާއެކު އަދާކުރެވޭ ނޯނު ސްކީމުތައް ތައާރަފް ކުރުމެވެ. ވިޔަފާރިތަކަށް ބޭންކުން އިންވެސްޓް ކުރުމަކީ، ވިޔަފާރިތަކަށް ކަތާވަރުގެ ޒިންމާއަކަށް ހެދުމެވެ.

ކޮންމެ އަހަރަކުވެސް ގައުމީ ބޭންކުން އަންނަނީ އެތައްސަތޭކަ މިލިއަން ރިފިޔާއި ފައިދާ ހޯދަމުން، އެހެންނަމަވެސް، އޭގެ ލުއިފަސޭހަކަން ރައްޔިތުންނާހަމައަށް ފޯރަމުން ނުދާކަމުގެ ޝަކުވާތައް ގިނަ

އެހެން ނޫންކަމަށް ވާނަ، ކޯވިޑްގެ ބިޔަ ރާޅުން ލިބުނު އަނިޔާތަކާއި ގެއްލުންތަކަށް ފަރުވާ ނުހޯދި، ރާއްޖޭގެ ކުދިއަދި މެދުފަންތީގެ ގިނަ ވިޔަފާރިތަކެއް ކުރިޔަށް އޮތްތަކުގައި ބަގުރޫޓު ވެގެން ދާނެއެވެ.

މިއީ އެތަކެއް އާއިލާތަކަށް ތަހައްމަލް ކުރަންޖެހޭނެ ބަރުދާސްތުކުރަން ދަތި ވޭނަކަށް ވުމުގެ އިތުރުން، މިހާލަތު މެދިވެރިވެގެން އައުމުން، އޭގެ ނަތީޖާއެއްގެ ގޮތުން މުޅި ގައުމުގެ އިގްތިސާދީ އިންޖީނުވެސް ހުއްޓުމަކަށް އަންނާނެއެވެ.

މިއީ ވަގުތު ފާއިތުވުމުގެ ކުރިން، މިއަދު ވިސްނާ ފިކުރު ނުކޮށްފިނަމަ، މާދަމާ މީގެ ހިތްދަތިކަން މުޅި ގައުމު ބަރުދާސްތު ކުރަންޖެހޭނޭ ބޮޑު މައްސަލައަކަށް ވެގެންދާނޭކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.