ހުޅުމާލޭގެ ފޭސް 2 އާއި، ބްރިޖަކީވެސް ކުރީގެ ރައީސް މައުމޫންގެ ތަސައްވަރެއް ކަމުގައި ރައީސް މައުމޫންގެ ދަރިކަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ޕީޕީއެމާއި އަލަށް ގުޅުނު ބަޔަކު ފޯމް ހަވާލު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވަނީ ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް ރައީސް މައުމޫން ނުކުންނެވި ސަބަބުތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. އަބްދުއްރަހީމް ވިދާޅުވީ ރައީސް މައުމޫނާއި ރައީސް ޔާމީންގެ ގުޅުން ގޯސްވެފައި ވަނިކޮށް އޮކްޓޫބަރު 7، 2016 ގައި ރައީސް ޔާމީންގެ އެދިވަޑައިގަތުމަކަށް ރައީސް މައުމޫނާއި ބައްދަލު ކުރެއްވި ކަމަށެވެ. މައުމޫންގެ ރަސްމީ އޮފީހުގައި އޮތް ބައްދަލު ކުރެއްވުމުގައި ރައީސް ޔާމީނާމެދު އޮތް ކަންބޮޑުވުންތައް މައުމޫން އޭނާއަށް ވިދާޅުވެ ދެއްވި ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ މާލެ-ހުޅުލެ ގުޅާލަން ބްރިޖް އަޅަނީ ކީއްކުރަންތޯ އާއި އެ މަސައްކަތަށްވުރެ މާ މުހިންމު ކަންކަން އެބަހުރި ކަމަށް ރައީސް މައުމޫން އެ ދުވަހު ވިދާޅުވި ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި މާލޭގައި އިސްލާމީ މަރުކަޒެއް ބިނާ ކޮށްފައި ވަނިކޮށް ހެންވޭރުގައި "ކިންގް ސަލްމާން މިސްކިތް" ނަމުގައި އެހެން އިސްލާމީ މަރުކަޒެއް ހެދުމުގެ ބޭނެއް ނެތް ކަމަށާއި ހުޅުމާލެ ހިއްކަވާފައި ވަނިކޮށް ފޭސް ދޭއެއްގެ ނަމުގައި "ޒުވާނުންގެ ޝަހަރެއް" ހިއްކުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު ކުރެއްވި ކަމަށެވެ.
އަދި އޭގެ ފަހަށް އެ ހުރިހާ ކަމަކީ ވެސް އެމަނިކުފާނުގެ "ލެގަސީ" ދުއްވާލެއްވުމަށް ރައީސް ޔާމީން ކުރައްވާ ކަމެއް ކަމަށް ވިދާޅުވެ އެމަނިކުފާނުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެއީ ކަމަށް ވިދާޅުވި ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ އެ ވާހަކަތައް ދޮގު ކުރައްވަން މައުމޫނަށް ކެރިވަޑައި ނުގަންނަވާނެ ކަމަށެވެ.
އަބްދުއްރަހީމްގެ ވާހަތަކާއި ގުޅިގެން ޔުމްނާ ވިދާޅުވީ ހުޅުމާލޭގެ ފޭސް 2ގެ ތަސައްވަރަކީވެސް އަދި ބްރިޖް އެޅުމުގެ ވިސްނުމަކީ ރައީސް މައުމޫންގެ ވިސްނުމެއްކަމަށެވެ.
ކަނޑައެޅިގެން ދޮގެއް. ފޭޒް 2 ވެސް ބްރިޖްވެސް އެއީ ރައީސް މައުމޫންގެ ތަސައްވުރެއް. ތާއީދު އަނބުރާ ގެންދެވީ ޕީ.ޕީ.އެމް ގެ ސަރުކާރު ޕީ.ޕީ.އެމް ގެ އުސޫލުތަކާއި ދުރަށް ގޮސް ކޮރަޕްޝަނާ އަނިޔާވެރިކަމުގެ ތެރެއަށް ދިޔުމުން. އޭރު ކަން ހިނގާދިޔަ ގޮތް ހަނދާން ނެތޭހާ ދުވަހެއް ނުވޭ.
– ޔުމްނާ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ އެތެރޭގައި އުފެދުނު ޚިޔާލުތަފާތުވުމުގެތެރެއިން، ރައީސް މައުމޫން ރައީސް ޔާމީނަށް އޮތް ތާޢީދު އަނބުރާ ގެންދެވިކަން ހާމަކުރެއްވީ، ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުސްތަޝާރު ރައީސް ޔާމީނާއި ހަވާލުކުރެއްވުމަށް ސުޕްރީމް ކޯޓުން ޢަމުރުކުރެއްވުމުންނެވެ.
ކޮމެންޓު ފޮނުވާ