ވިލިމާލެ ކުޑަކުދިންގެ ހިޔާގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މިއަދު ހެނދުނު ހިނގި މި ހާދިސާގައި ރޯވި އަލިފާން އެމްއެންޑީއެފް ވިލިމާލެ ފަޔަރ ސްޓޭޝަން އިން ހަރަކާތްތެރިވެ ވަނީ ނިއްވާލާފަ އެވެ.
އެމްއެންޑީއެފުން ބުނީ ކުޑަކުދިންގެ ހިޔާގެ ހަތަރު ވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައި އަލިފާން ރޯވި ކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 06:03 ހާއިރު އެމްއެންޑީއެފް ވިލިމާލެ ފަޔަރ ސްޓޭޝަންއަށް ލިބުމާއެކު ވިލިމާލެ ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވާން ފަށާފައި ވާކަމަށެވެ.
ފަޔަރފައިޓަރުން ކުރި މަސައްކަތުން 06:10 ގައި އަލިފާން ކޮންޓްރޯލް ކުރެވިފައިވާއިރު އަލިފާން އެއްކޮށް ނިއްވާލެވިފައި ވަނީ މިއަދު ހެނދުނު 07:20 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި ނަމަވެސް އެ ކޮޓަރީގައި ހުރި ބައެއް ތަކެއްޗަށް އެކިވަރުގެ ގެއްލުންތައް ލިބިފައި ވާކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
ފުލުހުން ގެންދަނީ މި ހާދިސާ އިތުރަށް ބަލަމުންނެވެ.
މިއީ މި ހިޔާގައި ޖެހިޖެހިގެން ކޮންމެ މަހަކުވެސް އަލިފާނުގެ ހާދިސާ ހިނގި 3 ވަނަ ފަހަރެވެ. އެގޮތުން މޭ މަހުގެ 4 ވަނަދުވަހު ހިޔާގެ ފުރަތަމަ ފަންގިފިލާގައި އަދި ޖޫން މަހުގެ 6 ވަނަ ދުވަހު ހިޔާގެ ދެވަނަ އިމާރާތުގެ އެންމެ މަތީގައި ހުރި ގުދަނެއްގައި ވަނީ އަލިފާނުގެ ހާދިސާ ހިނގާފަ އެވެ.
ކޮމެންޓު ފޮނުވާ