އެމެރިކާގައި ވެކްސިން ނުޖަހާ ތިބި މީހުންގެ މެދުގައި ކޯވިޑް ކޭސްތައް އާދަޔާ ޚިލާފަށް މަތިވާން ފަށާފައިވާއިރު، އެގައުމުގައި ކޯވިޑް ކާރިސާގެ މިސްރާބު ހުރީ ރަގަޅަށް ނޫން ކަމުގައި، އެމެރިކާގެ އެންމެ އިސް ސިއްޙީ މާހިރު އެންތަނީ ފައުޗީ ވިދާޅުވެއްޖެއެވެ.
ޑރ. އެންތަނީ ފައުޗީ ވިދާޅުވި ގޮތުގައި، އެމެރިކާގައި، ވެކްސިން މަދުން ދެވޭ ސަރަހައްދު ތަކުގައި ކޯވިޑް19 ފެތުރެމުންދަނީ ޑެލްޓާ ވޭރިއެންޓްގެ ސަބަބުންކަމުގައެވެ.
އޭނާ ވިދާޅުވި ގޮތުގައި ވައިރަސް ފެތުރުން ކޮންޓްރޯލު ކުރުމުގެ ގޮތުން، އެމެރިކާގައި މާސްއެޅުމާއި ގުޅޭގޮތުން އެކުލަވާލެވިފައިވާ ގައިޑްލައިންތައް އަލުމް މުރާޖައާކުރުމުގެ ވިސްނުންވެސް ސިއްޙީ މާހިރުން މިހާދަނީ ގެންގުޅެމުން ކަމުގައެވެ. އަދި މީގެ އިތުރުން ސިއްޙީ ގޮތުން ބަލިކަށި ފަރާތްތަކަށް ބޫސްޓަރ (ކޯވިޑުން އިތުރަށް ރައްކާތެރި ކޮށްދިނުމުގެ ގޮތުން ދެވޭ 3ވަނަ ޑޯޒް)އެއް ދިނުމާމެދުވެސް ސިއްޙީ މާހިރުން މިހާރު ގެންދަވަނީ ވިސްނަވަމުން ކަމުގައިވެސް އޭނާ ވިދާޅުވެފައި ވެއެވެ.
ކޮރޯނާ ވައިރަސްގެ ހާލަތު، އެމެރިކާގައި ވެކްސިން ނުޖެހި ތިބި މީހުންގެ މެދުގައި މިހާރު ދަނީ، "ކާރިސާއަކަށް ބަދަލުވަމުން" ކަމުގައިވެސް އެމެރިކާގެ ރައީސް ޖޯ ބައިޑްންގެ މެޑިކަލް އެޑްވައިޒަރ، ޑރ. ފައުޗީ ވިދާޅުވިއެވެ.
ރަސްމީ ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް އައިއިރު، އެމެރިކާގެ އާބާދީގެ %49 އަށް ވަނީ ވެކްސިން ދެވިފައެވެ. އެއީ 162.7 މިލިއަން މީހުންނެވެ.
މިއަހަރުގެ އެޕްރިލް މަހާ ހަމައަށް އެމެރިކާ ވެގެންދިޔައީ ދުނިޔޭގައި އެންމެ ގިނައަދަދަކަށް ވެކްސިން ދީފައިވާ ގައުމުކަމުގައެވެ. އެހެންނަމަވެސް އެގައުމުގައި ވެކްސިން ދެވޭ ނިސްބަތް އެޕްރިލް މަހަށްފަހު ވަނީ ދަށަށް ގޮސްފައެވެ. ވެކްސިން ދެވޭ ނިސްބަތް އެންމެ ދަށުގައި އުޅެނީ އެމެރިކާގެ ދެކުނުގެ ސްޓޭޓްތަކުގައެވެ. މި ސްޓޭޓްތަކުގައި ވެކްސިންގެ ފުރަތަމަ ޑޯޒްވެސް ދެވިފައިވަނީ ސްޓޭޓްތަކުގެ އާބާދީތަކުގެ %50 އަށްވުރެވެސް މަދު މީހުންނަށެވެ.
ނަތީޖާއެއްގެ ގޮތުން އެމެރިކާގައި މޭ މަހާއި ޖޫންމަހު، ދުވާލަކަށް ކޯވިޑްޖެހޭ މީހުންގެ ނިސްބަތް ދަށަށް ގޮސްފައިވި ނަމަވެސް، މިހާރު އަދަދުތައްވަނީ އަނެއްކާވެސް މަތި ވާން ފަށާފައެވެ.
މިގޮތުގައި މިއައި ބަދަލާއެކު، އެެމެރިކާގައި 34 މީހުން މިބަށްޔަށް ޕޮޒިޓިވް ވެފައިވާއިރު، މިހާތަނަށް ޖުމްލަ 610,000 މީހުންވަނީ ބަލީގައި ދުނިޔެ ދޫކޮށްފައެވެ.
އެމެރިކާގައި އަނެއްކާވެސް އާދަޔާއި ޚިލާފަށް ކޯވިޑް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދަނީ، އަސްލު ވައިރަހަށްވުރެވެސް ފަސޭހައި ގަންގަޔަށް އަރާ ޑެލްޓާ ވޭރިއެންޓެގެ ސަބަބުން ކަމުގައި އެގައުމުގެ ސިއްޙީ މާހިރުން ދަނީ ބުނަމުންނެވެ.