މޭ 6 ހަމަލާގެ ތަހުގީގަކީ މިހާތަނަށް ފުލުހުން ހިންގި އެންމެ ކާމިޔާބު އެއް ތަހުގީގު: އިމްރާން

މޭ 6 ހަމަލާގެ ތަހުގީގަކީ މިހާތަނަށް ފުލުހުން ހިންގި އެންމެ ކާމިޔާބު އެއް ތަހުގީގު: އިމްރާން

Author
ޢަލީ އާދަމް
25 ޖުލައި 2021 09:16
0

ބޮމެއް ގޮއްވާލައިގެން ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަވަހާރަކޮށްލަން މޭ މަހުގެ 6 ވަނަ ދުވަހުގެރޭ ދިން ހަމަލާގެ ތަހުގީގަކީ ފުލުހުން މިހާތަނަށް ހިންގި އެންމެ ކާމިޔާބު އެއް ތަހުގީގު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މޭ 6ގެ ހަމަލާއާ ގުޅޭގޮތުން ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ ކަންކަމުގެ އެންމެ ފަހުގެ މައުލޫމާތާއި ތަފްސީލް ހިއްސާކުރުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަމަލާ ދިނުމުގައި އަމަލީގޮތުން ބައިވެރިވީ މީހުންގެ އަމަލުތައް މާލެއާއި ހުޅުމާލޭގައި ހުރިގޮތުގެ ތަފްސީލް ފުލުހުން ވަނީ ހިއްސާކޮށްފަ އެވެ.

އެކަމާ ގުޅޭގޮތުން އިމްރާން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޭ 6ގެ ތަހުގީގަކީ މިހާތަނަށް ފުލުހުން ހިންގި އެންމެ ބޮޑު، އެންމެ ބުރަ އަދި އެންމެ ކާމިޔާބު އެއް ތަހުގީގު ކަމަށެވެ. މީގެ އިތުރުން ގިނަ ގޮންޖެހުންތަކާ އެކު ފުލުހުންގެ ހުރިހާ ބަހާތަކެއްގެ އެތައް ސަތޭކަ ފުލުހުންގެ ބައިވެރިވުމާ އެކު ތަހުގީގު ކާމިޔާބު ކުރުމަށް ކުރެވުނު މަސައްކަތް ބަލައިގަންނަ ކަމަށެވެ.

މޭ 6ގެ ހަމަލާ އަކީ ރާއްޖޭގެ ތާރީހުގައި ވެސް ހިންގާފައިވާ ޓެރަރިޒަމްގެ އެންމެ ނުރައްކާތެރި ހަމަލާ ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފަ އެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ މި ހަމަލާދިން ފަރާތްތަކުން ގަބޫލު ކުރާ ކުރުމުގެ މައްޗަށް ރައީސް ނަޝީދުގެ ފުރާނަ ނަގާލުމަށް ނިންމައި އެކަމުގެ ތައްޔާރީތަކާއި ރޭވުންތައް 2019 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދިޔަ ކަމަށެވެ. އެގޮތުން މޭ 6 ގައި ދިން ހަމަލާއަކީ ހަމަލާތައް ރާވައި ހަމަލާދޭން ތިން ވަނަ ފަހަރަށް ކުރި މަސައްކަތުން ދިން ހަމަލާއެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

އަދި ހަމަލާގެ މޯޓިވްއެއްގެ ގޮތުގައި މާލީ މަންފާއަކަށްވުރެ ބޮޑަށް ރައީސް ނަޝީދަކީ ދީނުން ބޭރުވެފައިވާ މީހެއް ކަމަށާއި މަރާލަން ޖެހޭ މީހެއްގެ ގޮތުގައި އަމިއްލައަށް ކަނޑައަޅައި ލޭ ހުއްދަކޮށްގެން ހިންގި އަމަލެއްގެ ގޮތުގައި ތަހުގީގަށް ފާހަގަވެފައި ވާކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ. އެ ހަމަލާގައި މުޅިން ވެސް ތިބީ ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ ފިކުރާއި ވިސްނުން ކުރިއަށް ނެރޭ މީހުން ކަން ތަހުގީގުން އެނގިފައިވާ ކަމަށް ވެސް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ރޭ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.