އަމިއްލަ އަމިއްލައަށް މީހުން ކާފަރެއްގެ ގޮތުގައި ކަނޑައަޅަގެން މަރާލުމަށް ނިންމާކަން ފުލުހުންގެ ތަޙްޤީޤަށް އެނގެން އޮތްއިރު ކާފަރެކޭ، ދީނާ ދެކޮޅު މީހެކޭ، ލާދީނީ މީހެކޭ، މުސްލިމުންނާ ދިމާލަށް ގޮވުން ހަމަ ހުއްދަ ކުރަންވީތޯ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ސުވާލު އުފައްދަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ފުލުހުންނާއި ޕްރޮސިކިއުޓަރ ޖެނެރަލް ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ނަޝީދު އަވަހާރަކޮށްލަން ރޭވީ އެމަނިކުފާނުގެ ދީނުން ބޭރުވެފައިވާ ކަމަށާއި ލޭ ހުއްދަވެފައިވާ ކަމަށް އަމިއްލައަށް ނިންމައިގެން ކަމަށެވެ. އަދި އެ ހަމަލާގައި މުޅިން ވެސް ތިބީ ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ ފިކުރާއި ވިސްނުން ކުރިއަށް ނެރޭ މީހުން ކަން ތަހުގީގުން އެނގިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
“ހަމަލާގެ މޯޓިވްއަކީ ހަރުކަށި ފިކުރުގެ ވިސްނުމުގެ ސަބަބުތަކަށްޓަކައި ރައީސް ނަޝީދު އަވަހާރަކޮށްލުން,”
– ރިޔާޒް
އަދި މިއީ އެއްވެސް ވަރަކަށް ހަމަލާދިން މީހުންނަށް ފައިސާ ދީގެން ބަޔަކު ކުރުވި ކަމެއްކަން ތަހުޤީގަށް މިހާތަނަށް ލިބުނު މައުލޫމާތުން އެނގެން ނެތްކަމަށާއި ހަމަލާގެ މޯޓިވް އަކީ އަމިއްލައަށް ނިންމި ނިންމުމެއްގައި ނަޝީދަކީ މަރާލަން ޖެހޭ މީހެއްގެ ގޮތުގައި ކަނޑައަޅައިގެން އެކަން އެގޮތަށް ކުރަން ކުރި މަސައްކަތެއްކަން ތަހުގީގަށް އެނގިފައި ވާކަމަށް ރިޔާޒް ވިދާޅުވިއެވެ.
މިކަމާގުޅިގެން އިންތި ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ކާފަރެކޭ، ދީނާ ދެކޮޅު މީހެކޭ، ލާދީނީ މީހެކޭ، މުސްލިމުންނާ ދިމާލަށް ގޮވުން ހަމަ ހުއްދަ ކުރަންވީތޯ ރައީސް އޮފީސް ޓެގް ކުރައްވާ ސުވާލު ކުރައްވާފަ އެވެ.
އަމިއްލަ އަމިއްލައަށް މީހުން ކާފަރެއްގެ ގޮތުގައި ކަނޑައަޅަގެން މަރާލުމަށް ނިންމާކަން ފުލުހުންގެ ތަޙްޤީޤަށް މި އޮތީ އެނގެން.
ކާފަރެކޭ، ދީނާ ދެކޮޅު މީހެކޭ، ލާދީނީ މީހެކޭ، މުސްލިމުންނާ ދިމާލަށް ގޮވުން ހަމަ ހުއްދަ ކުރަންވީތޯ؟ @presidencymv pic.twitter.com/t8nJnefLuP
— ???????? ????? (@Imthiyazfahmy) July 24, 2021
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ މި ހަމަލާދިން ފަރާތްތަކުން ގަބޫލު ކުރާ ކުރުމުގެ މައްޗަށް ރައީސް ނަޝީދުގެ ފުރާނަ ނަގާލުމަށް ނިންމައި އެކަމުގެ ތައްޔާރީތަކާއި ރޭވުންތައް 2019 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދިޔަ ކަމަށެވެ. އެގޮތުން މޭ 6 ގައި ދިން ހަމަލާއަކީ ހަމަލާތައް ރާވައި ހަމަލާދޭން ތިން ވަނަ ފަހަރަށް ކުރި މަސައްކަތުން ދިން ހަމަލާއެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
އަދި ހަމަލާ ދިން މީހުންގެ ތެރެއިން 6 މޭގައި ބޮން ގޮއްވާލި އަޙްމަދު އަދުހަމް ހުރީ ޖާނުން ފިދާވެގެންވެސް ނަޝީދު އަވަހާރަކޮށްލަން ތައްޔާރަށް ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.