ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން 2019 ވަނަ އަހަރުން ފެށިގެން ރާވައި މަސައްކަތްތަކެއް ކުރަމުން އައި ކަަމަށާއި އެ މީހުން ތައްޔާރުވީ ޖާނުން ފިދާވެގެން ނަމަވެސް ނަޝީދު އަވަހާރަކޮށްލަން ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުންނާއި ޕްރޮސިކިއުޓަރ ޖެނެރަލް ގުޅިގެން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ މި ހަމަލާދިން ފަރާތްތަކުން ގަބޫލު ކުރާ ކުރުމުގެ މައްޗަށް ރައީސް ނަޝީދުގެ ފުރާނަ ނަގާލުމަށް ނިންމައި އެކަމުގެ ތައްޔާރީތަކާއި ރޭވުންތައް 2019 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދިޔަ ކަމަށެވެ. އެގޮތުން މޭ 6 ގައި ދިން ހަމަލާއަކީ ހަމަލާތައް ރާވައި ހަމަލާދޭން ތިން ވަނަ ފަހަރަށް ކުރި މަސައްކަތުން ދިން ހަމަލާއެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
"2020 ވަނަ އަހަރު ފަހުކޮޅުން ފެށިގެން މި ހަމަލާ ދިނުމުގެ ގޮތުން އަމަލީ ގޮތުން މަސައްކަތް ފަށާފައިވާކަން ފާހަގަކުރެވިފައިވޭ"
– ސީޕީ ހަމީދު
މި މީހުންގެ ތެރެއިން ޖާނުންފިދާވެގެން ވެސް ނަޝީދު އަވަހާރަކޮށްލަން ތައްޔާރުވެ ހުރީ 6 މޭގައި ބޮން ގޮއްވާލި އަޙްމަދު އަދުހަމް ކަމަށް ފުލުހުން ބުންޏެވެ. އެކަމަށް ހިތްވަރުދީ, ސެލް އޮޕަރޭޓްކުރުމުގައި އެންމެ އިސްކޮށް އުޅުނު އެކަކީ ހއ. ހޯރަފުށީ, އަލަނާސިގޭ, މުހައްމަދު ތަސްލީމް ކަމަށް ފުލުހުން މިރޭ އާންމުކުރި މައުލޫމާތުގައި ވަނީ ބުނެފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ނަޝީދު އަވަހާރަކޮށްލަން ރޭވީ އެމަނިކުފާނުގެ ދީނުން ބޭރުވެފައިވާ ކަމަށާއި ލޭ ހުއްދަވެފައިވާ ކަމަށް އަމިއްލައަށް ނިންމައިގެން ކަމަށެވެ. އެ ހަމަލާގައި މުޅިން ވެސް ތިބީ ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ ފިކުރާއި ވިސްނުން ކުރިއަށް ނެރޭ މީހުން ކަން ތަހުގީގުން އެނގިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަމަލާގެ މޯޓިވްއަކީ ހަރުކަށި ފިކުރުގެ ވިސްނުމުގެ ސަބަބުތަކަށްޓަކައި ރައީސް ނަޝީދު އަވަހާރަކޮށްލުން,"
– ރިޔާޒް
ރިޔާޒް ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލަން ސައިކަލް ގޮއްވާލަން ކުރިން ކުރި މަސައްކަތްތަކުގެ ތެރެއިން ނަޝީދު ކުރިން ދިރިއުޅުއްވި ޔާގޫތުގެ ސަރަހައްދުގައި ސައިކަލު ބަހައްޓައިގެން ހަމަލާދޭން މަސައްކަތްކުރި ކަމަށާއި، އެ މަސައްކަތް ނާކާމިޔާބު ވުމުން ނަޝީދު ކަސްރަތު ކުރައްވަން ނުކުންނަވާ ގަޑީގައި މޭރީ ބްރައުން ސަރަހައްދުން ހަމަލާ ދިނުމަށްވެސް އެމީހުންގެތެރޭ ވާހަކަ ދެކެވިފައި ވާކަން ތަހުގީގަށް މިހާތަނަށް އެނގިފައި ވާކަމަށެވެ.