ވައްޑެ ކަމަކަށް އިއުތިރާފުވުމަކީ 12 މެމްބަރުންގެ އިއުތިރާފެއް ނޫން: މުސްތަފާ

ވައްޑެ ކަމަކަށް އިއުތިރާފުވުމަކީ 12 މެމްބަރުންގެ އިއުތިރާފެއް ނޫން: މުސްތަފާ

Author
މުޙައްމަދު ޝަޒައިމް
23 ޖުލައި 2021 10:11
0

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މަޖިލިސް މެމްބަރުންތަކެއް ޖަލަށްލީ، މަސްލަހަތު ހިމާޔަތްކުރަން ކަމަށާއި މިހާރު އެކަން ކުރެއްވި ސަބަބު ވިސްނޭކަމަށް ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވެ ދެއްކެވިވާހަތަކަކީ 12 މެމްބަރުންގެ އިއުތުރާފެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއި އަލުން ގުޅުމަށްފަހު ވައްޑެ ދައްކަވަމުންދާ ވާހަތަކުގެ ތެރެއިން ރައީސް ޔާމީންގެ ވެރިކަމުގައި މަޖިލިސްގެ 12 މެމްބަރުން ޖަލަށްލި މައްސަލާގައި ދައްކަވަމުންދާ ވާހަތަކަށް ރައްދު ދެއްވަމުން މުސްތަފާ ވިދާޅުވީ ވައްޑެ ފާޅު ކުރައްވަމުންދާ ޚިޔާލުތަކަކީ ވައްޑެގެ އަމިއްލަ ޚިޔާލު ކަމަށެވެ. އެއީ އެއްވެސް ހާލެއްގައި ރައީސް ޔާމީންގެ ވެރިކަމުގައި އަނިޔާ ލިބުނު 12 މެމްބަރުންގެ ވާހަކަތަކެއް ނޫންކަމަށް މުސްތަފާ ވިދާޅުވިއެވެ.

ވައްޑެ ކަމަކަށް އިއުތިރާފުވުމަކީ 12 މެމްބަރުންގެ އިއުތިރާފެއް ނޫން.

– މުސްތަފާ ވިދާޅުވިއެވެ.

ވައްޑެ އަލުން އަނެއްކާވެސް ރައީސް ޔާމީނަށް ތާއީދުކޮށް ޕީޕީއެމްއާއި ގުޅުމަކީ އެއްވެސް ހާލެއްގައި މައްސަލައެއް ނޫންކަމަށް މުސްތަފާ ވިދާޅުވިއެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ލިބުނު އަނިޔާއަކަށް ހައްގު ބަސް ނުކެރި، ހެދުނު ގޯސްތައް ރަނގަޅުކޮށް އެކަމުގެ މަލަމަތި ސާފުކުރަން އުޅުމަކީ ވަރަށް ހަޑި ކަމެއްކަމުގައި މުސްތަފާ ވިދާޅުވިއެވެ.

ރައީސް ޔާމީން އަށް ތާއީދުކޮށް އަލުން ގުޅުމަކީ މައްސަލައެއް ނޫން. އެކަމަކު ހައްގުބަސް ބުނަންޖެހޭ. ވައްޑެއަށް ހައްގު ބަސްބުނަން ނުކެރި މިޖެހުނީ ރައީސް ޔާމީން ކުރި ހުރިހާ ގޯސްކަމެއްގެ މަލަމަތި ސާފުކުރަން.

– މުސްތަފާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 18ވަނަ ދައުރުގައި، އެމަޖިލިހުގެ 12 މެމްބަރަކު ރައީސް ޔާމިންގެ ވެރިކަމުގެ ގޮޑި ގެއްލިއްޖެކަމަށް ނިންމާ މަޖިލީހަށް ވަނުން މަނާކޮށް، އަދި އޭތެރޭގެ ބައެއް މެމްބަރުން ޖަލަށްވެސް ލާފައިވެއެވެ. އަދި އެ 12 މެމްބަރުން ފަހުން މަސައްކަތް ކޮށްފައިވަނީ، އޭރުގެ އިދިކޮޅު ޕާޓީތަކާއެކީގައެވެ. މިގޮތުން ކުރި މަސައްކަތްތަކުގެ ތެރޭގައި، އޭރު ޖަލުގައި ބަންދުކޮށް އަދި، ރާއްޖެއިން ބޭރަށް އަރުވާލެވިގެން ތިއްބެވި ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ހިންގުނު ސިޔާސީ ހަރަކާތްތަކުގައިވެސް އެންމެ އިސްދައުރެއް އަދާކޮށްފައިވަނީ އެ 12 މެމްބަރުންނެވެ.

މީގެ އިތުރުން ރައީސް ޔާމިންގެ ވެރިކަން ނިމުމަކަށް ގެންނަން އޭރުގެ އިދިކޮޅު ޕާޓީތަކުން ކުރިޔަށް ގެންދިޔަ ރިޔާސީ ކެމްޕޭނުގައާއި އަދި އާ ސަރުކާރެއް އެކުލަވާލާ، ރައްޔިތުންގެ މަޖިލިސް ހިއްސާކުރާނެ އުސޫލުތައް ކަނޑައެޅިއިރު، 12 މެމްބަރުންގެ ދާއިރާތައް 12 މެމްބަރުންނަށް ޚާއްސަ ކޮށްދޭނެކަމުގައި 2018ގެ ރިޔާސީ އިންތިޚާބަށް އެކުލަވާލި ކޯލިޝަންގެ 4 ލީޑަރުން ވައުދުވެފައި ވެއެވެ.

މީގެތެރޭގައި، 12 މެމްބަރުން، އެމްޑީޕީގެ އޮފީހުގައި ރައީސް ނަޝީދުއާއެކީގައި ބޭއްވި ބައްދަލުވުމުގައި، 12 މެމްބަރުންގެ ދާއިރާތަކަށް ވާދަކުރުމުގެ ފުރުސަތު 12 މެމްބަރުން ދެއްވާނެ ކަމަށް ވިދާޅުވެ، މި ދާއިރާތަކަށް އެމްޑީޕީގެ ކެނޑިޑޭޓުން ވާދަ ނުކުރާނެކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ. އަދި އެބައްދަލުވުމުގައި، 12 މެމްބަރުންނަށް ތިމަންމަނިކްފާނު ޚިޔާނާތްތެރި ވެއްޖެނަމަ، ތިމަންނާގެ މައިން ބަފައިންވެސް ތިމަންނާއަށް މާފް ނުކުރާނެކަމަށް ނަޝީދު ވިދާޅުވިކަމަށް 12 މެމްބަރުން މިއަދު ވިދާޅުވެއެވެ. އަދި މި ބައްދަލުވުމުގައި، ތިމަންނާ 12 މެމްބަރުންނަށް ވީ ވައުދު ނުފުއްދިކަމަށް ބުނެ، ފަހުން އެ 12 މެމްބަރުން ތިމަންނާއަކީ ޚިޔާނާތްތެރިއެކޭ ބުނާ އަޑު އަހަން ބޭނުންނުވާ ކަމަށް ނަޝީދު ވިދާޅުވިކަމަށްވެސް މިއަދު 12 މެމްބަރުން ވިދާޅުވެއެވެ.

2019ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި، 12 މެމްބަރުންގެ ތެރެއިން 19ވަނަ މަޖިލީހަށް އިންތިޚާބުވެފައިވަނީ، ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އެކަންޏެވެ. އަދި މީގެ ތެރެއިން ގިނަ މެމްބަރުން ތުހުމަތު ކުރާގޮތުގައި، އޭރުގެ އިދިކޮޅު ސިޔާސީ ކޯލިޝަނުން ވައުދުވިގޮތަށް، 12 މެމްބަރުންގެ ދާއިރާތަކަށް ކޯލިޝަންގެ ނަމުގައި ވާދަކުރުމުގެ ފުރުސަތު އެމެމްބަރުންނަށް ގެއްލުނީ ނަޝީދު އަޑީގައި ހުންނަވައިގެން، އެދާއިރާތަކަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވާދަކުރުމުގެ ފުރުސަތު ފަހިކުރުމަށް ކުރެއްވި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. ނަތީޖާއެއްގެ ގޮތުން، މީގެތެރޭގައި ހިމެނޭ ގިނަ މެމްބަރުން މިއަދު ތުހުމަތު ކުރަނީ، އެބޭފުޅުންނަށް ކޯލިޝަނުން ވީ ވައުދާ ޚިލާފުވުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީ ނަޝީދުކަމަށެވެ.

12 މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުން މިހާރު ފާޅުގައި މަސައްކަތް ކުރަމުންދަނީ ސަރުކާރާ ދެކޮޅަށެވެ. އަދި ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުސްތަފާ ހިމެނިވަޑައި ގަންނަވަނީ، މިސަރުކާރަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ އެއް ބޭފުޅެއްގެ ގޮތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.