އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލުމަށް ދިން ނުރައްކާތެރި ހަމަލާއަށްފަހު، އެހަމަލާއާއި ގުޅިގެން ރައީސް ނަޝީދު ދައްކަވަމުންދާ ވާހަތަކާއި އެމްޑީޕީގެ އެއްވެސް މެމްބަރަކަށް ދެކޮޅު ނުހެއްދެވޭނެ ކަމުގައި އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދިޔަ ޕާލިމަންޓްރީ އިންކުއަރީ ރިޕޯޓް އެކުލަވާލި ކޮމެޓީގެ މުޤައްރިރު މުހައްމަދު އަސްލަމް، ރައީސް ނަޝީދު ދައްކަވަމުންދާ ވާހަތަކަށް ރައްދު ދެއްވުމުން އިންތި ވަނީ އެކަމާއި ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވާފައެވެ.
އިންތި ވިދާޅުވީ ރާއްޖޭގައި ހައްދު ފަހަނައަޅާފައިވާ ހަރުކަށި ފިކުރު އޮތްކަމަށް ފާޅުގައި ވާހަކަދައްކަން ކެރޭ ހަމައެކަނި ލީޑަރު ބޮމެއް ގޮއްވާލައި ބޮޑެތި ޒަހަމްތަކެއްލިބި އެހާލުގައި އޮންނަވައިގެން މިކަން ހިނގައިދިޔަ ގޮތައި، ޤައުމު ހަމަމަގަށް އަޅުވަން ދެއްވާ ލަފައާއި ގުޅިގެން އެކަމަށް ފާޑުކިޔައި އެމްޑީޕީގެ އެއްވެސް މެމްބަރަކަށް ވާހަކަ ނުދެއްކޭނެކަމަށެވެ.
ހަރުކަށި ފިކުރުގެ ވާހަކަދައްކަވާ ހަމައެކަނި ލީޑަރު، ބޮންގޮއްވާ ޒަޙަމްކޮށްލުމުން، އެޙާލުކޮޅުގައި އޮންނަވައިގެން، އެޙާލަތަށް ޤައުމު ދިޔަސަބަބާއި ޙައްލުކުރަން ފަސްޖެހެމުންދާ ގޮތުގެ ވާހަކަ ދެއްކެވުމުން، ދެން އެކަމުގައި މި ޕާޓީގެ ވަކި އެހެން މީހަކަށް ދެއްކެން އޮންނާނީ ކޮން ވާހަކައެއް؟
– އިންތި ވިދާޅުވިއެވެ.
ވެރިކަން ލިބުމުން ވެރިކަން ދިފާއު ކުރެއްވުމަށް އެމްޑީޕީން މަސައްކަތް ކުރަންޖެހޭކަމަށް ވިދާޅުވެ އަސްލަމް ދެއްކެވި ވާހަތަކައި ގުޅިގެން އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ގިނަ ބޭފުޅުން ދަނީ އަސްލަމަށް ސޯޝަލް މީޑިއާގައި ރައްދު ދެއްވަމުންނެވެ.
ރައީސް ނަޝީދަށް ދިން ނުރައްކާތެރި ހަމަލާއާއި ގުޅިގެން ތަހުގީގް ކުރިއަށްދާ ގޮތުންނާއި، އަދި ސަރުކާރުން މަޖިލީހަށް ހުށަހެޅި ނަފްރަތު ބިލަށް ސަރުކާރުން ތާއީދު ނުކުރުމުން ރައީސް ނަޝީދުވަނީ މިސަރުކާރަށް އެމަނިކުފާނުގެ އެއްވެސް ތާއީދެއް ނޯންނާނެކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއާއިވެސް ސިޔާސީ ގޮތުން އެއްވެސް ގުޅުމެއް ނުބާއްވާނެކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދުވަނީ ސަރުކާރު ކޯލިޝަންއާއިމެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންއާއިއެކު އެމްޑީޕީން ބައިއަތު ހިފުމަކީ ޤައުމަށާއި ރައްޔިތުންނަށް އޮތް އެންމެ ރަނަގޅު ގޮތްކަމަށްވެސް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ