ހުކުރު ދުވަހުގެ މެންދުރު ނަމާދު ކުރަންޖެހޭނެތަ؟

ހުކުރު ދުވަހުގެ މެންދުރު ނަމާދު ކުރަންޖެހޭނެތަ؟

Author
ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފް
23 ޖުލައި 2021 07:13
0

الحمد لله، والصلاة والسلام على من لا نبي بعده،
ހުކުރު ދުވަހު ހުކުރުނަމާދު ކޮށްފިނަމަ، މެންދުރު ނަމާދު ކުރާކަށް ނުޖެހޭނެއެވެ. ހުކުރު ނަމާދުގެ ޖަމާޢަތް ނުލިބިއްޖެ މީހާ މެންދުރު ނަމާދު ކުރުން ހުއްޓެވެ.

ހުކުރު ދުވަހު ކުރަން ވާރިދުވެފައިވާ އަޅުކަންތައް:

1. ހުކުރުނަމާދު ކުރުން.

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِي لِلصَّلاةِ مِنْ يَوْمِ الْجُمُعَةِ فَاسْعَوْا إِلَى ذِكْرِ اللَّهِ وَذَرُوا الْبَيْعَ ذَلِكُمْ خَيْرٌ لَكُمْ إِنْ كُنتُمْ تَعْلَمُونَ) މާނައަކީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ހުކުރު ދުވަހު ހުކުރުނަމާދަށް ގޮވާލެވިއްޖެނަމަ، ފަހެ މާތް ﷲ ހަނދުމަކުރުމަށްޓަކައި ހިނގައިދާށެވެ. އަދި ވިޔަފާރިކުރުން ހުއްޓާލާށެވެ. އެއީ ތިޔަބައިމީހުން ދަންނަނީނަމަ ތިޔަބައިމީހުންނަށް ހުރި ހެޔޮކަމެކެވެ".
ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ފަރުވާކުޑަކަމާއި އެކު ތިންހުކުރު ދޫކޮށްފި މީހެއްގެ ހިތުގައި މާތް ﷲ ސިއްކަ ޖައްސަވައެވެ".

2. ދުޢާ ކުރުން ގިނަކުރުން.

ހުކުރު ދުވަހު ގައި ދުޢާ އިޖާބަ ކުރައްވާ ވަގުތެއްވެއެވެ. އެވަގުތާއި ދިމާކޮށް ދުޢާކޮށްފިނަމަ، މާތް ﷲ އެދުޢާ އެއް އިޖާބަ ކުރައްވާނެ ކަމަށް ސުންނަތުން ޘާބިތުވެއެވެ.

3. ކަހަފް ސޫރަތް ކިޔެވުން.

ރަސޫލު ﷲ -ޞައްލަ ﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ހުކުރު ދުވަހު ކަހަފް ސޫރަތް ކިޔަވައިފިނަމަ ދެހުކުރު ދެމެދުގައި އަލިކަމެއް ލައްވައެވެ".

4. ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަ ކުރުން.

ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އާދަމުގެ ފާނު ހެއްދެވީ އެދުވަހުގައެވެ. އަދި އެކަލޭގެފާނު އަވަހާރަވީ ވެސް އެދުވަހުގައެވެ. ގިޔާމަތްވާނީ ވެސް އެދުވަހުގައެވެ. ތާޅަފިލި ފުމެލެވެނީވެސް އެދުވަހުގައެވެ. ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ. ތިޔަބައިމީހުން ގެ ޞަލަވާތް ތިމަންކަލޭގެފާނަށް ހުށަހެޅޭނެއެވެ. އެހިނދު ޞަޙާބީން ދެންނެވިއެވެ. ކަލޭގެފާނު އަވަހާރަވުމަށްފަހުގައި، ތިމަންމެންގެ ޞަލަވާތް ކަލޭގެފާނަށް ހުށަހެޅޭނީ ކިހިނަކުންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "ނަބީބޭކަލުންގެ ހަށިތައް ކެއުން މާތް ﷲ ވަނީ ބިންތަކަށް މަނާ ކުރައްވާފައެވެ".

والله تعالى أعلم.

އެޑިޓަރުގެ ނޯޓް: ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ، ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފަކީ ފިގްހް ޢިލްމުން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން ދީނީގޮތުން ދިވެހި ރައްޔިތުންނަށް އޮޅުން އަރާފައިވާ ގިނަގުނަ ކަންތައްތަކެއް އޮޅުންފިލުވައިދެއްވުމަށް މަސައްކަތްކުރައްވާ ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.