އީދު ބަންދަށްފަހު، ކޯވިޑްގެ ނުރައްކާތެރިކަން އިތުރަށް ގޯސްވެދާނެ ކަމަށް ބައެއް ފަރާތްތަކުން ދެކޭ

އީދު ބަންދަށްފަހު، އާންމު ހާލަތަކަށް! ރައްކާވެ ތިބިއްޔާ ދަތުރު!

އީދު ބަންދަށްފަހު، އާންމު ހާލަތަކަށް! ރައްކާވެ ތިބިއްޔާ ދަތުރު!

2019ވަނަ އަހަރު ނިމެމުން ދަނިކޮށް މުޅި ދުނިޔެއަށް ފެތުރެންފެށި ކޯވިޑް19ގެ ނުރައްކަތެރި ވަބާ، އާލަމީ ވަބާއަކަށް ބަދަލުވެ، ދުނިޔޭގެ އެކި ގައުމުތަކަށް މި ނުރައްކާތެރި ވަބާ އާންމުވެގެން ދިއުމަށްފަހު، މި ސިއްޙީ ނުރައްކާތެރި ކާރިސާގެ އަސަރު އެންމެ ބޮޑަށް ކުރި އެއްގައުމަކަށް ވެގެން ދިޔައީ ދިވެހިރާއްޖެއެވެ.

މިގޮތުން ކޯވިޑް19ގެ ނުރައްކާތެރި އާލަމީ ވަބާގައި މިއަދާ ހަމައަށް 200 އަށްވުރެ ގިނަ މީހުން ރާއްޖެއިންވަނީ ނިޔާވެފައެވެ. އަދި ކޯވިޑްގެ ނުރައްކާތެރި ދެ ރާޅަކާ ކުރިމަތިލާންޖެހި، ވިޔަފާރިތައް ހުއްޓުމަކަށް އައިސް، ރައްޔިތުން އެކި ގޮތް ގޮތުން ފުރަ ބަންދުގައި ތިބޭތާވެސް ދޮޅު އަހަރާއި ގާތްވެގެން ދިޔައީއެވެ.

އެހެންނަމަވެސް، ނުހަނު ދަތިހާލަތު ގައުމަށް ކުރިމަތިވެފައި ވަނިކޮށް، މިއަހަރު ފެށުނުތަނާ ކަހަލަ ގޮތަކަށް، ދުނިޔޭގެ ގައުމުތަކުން އީޖާދުކުރި ވެކްސިންތަކުގެ ޒަރީއާއިން، ގައުމުތަކަށް ހިންދެމިލެވޭނެކަމުގެ އުއްމީދުގައި ތިބިނަމަވެސް، އޭގެ ފަހުންވެސް އައި ކޯވިޑް19ގެ ނުރައްކާތެރި ވޭރިއެންޓްތަކުގެ ޒަރިޢާއިން ވަކީން ޚާއްސަކޮށް ދެކުނު އޭޝިއާގެ ގައުމުތަކަށް ކުރިމަތިވެގެން ދިޔައީ ވަރަށް ނުރައްކާތެރި ހާލަތެކެވެ.

އިންޑިއާ، ނޭޕާލް އަދި އިންޑޮނޭޝިއާފަދަ ގައުމުތަކުގައި ކޯވިޑްގެ ނުރައްކާތެރި ވޭރިއެންޓް އެއްވެސް ހިފެހެއްޓުމެއްނެތި ފެތުރި، މިވޭރިއެންޓްގެ ޝިކާރައަކަށް ދިވެހިރާއްޖެވެސް ވެގެން ދިޔައީއެވެ. އަދި ރާއްޖެއަށް މިހާލަތު ކުރިމަތި ވެގެން ދިއުމުގައި، އެޗްޕީއޭއިން އޭގެ ކުރިން އަޅާފައިވާ ފިޔަވަޅުތަކަށް ކުއްލިއަކަށް ލުއި ދިނުމާއި، އަދި ސިޔާސީ ބައެއް ފަރާރްތަކުގެ ޕްރެޝަރަށް ދޫދީ، މިއަހަރުގެ އެޕްރިލްމަހު އޮތް ކައުންސިލް އިންތިޚާބަށް އަމާޒުކޮށް، އެއްރަށުން އަނެއް ރަށަށް ދަތުރު ކުރެވޭގޮތަށް ލުއިދީ، އެކަށައެޅިފައިހުރި ގައިޑްލައިންތަކަށް ގެނައި އާދަޔާޚިލާފު ބަދަލުތަކުގެ ދައުރު ބޮޑުކަން ވަކީން ޚާއްސަކޮށް ފާހަގަ ކޮށްލަން ޖެހެއެވެ.

ކައުންސިލް އިންތިޚާބަށް އަމާޒުކޮށް އެޗްޕީއޭއިން ދިން ލުއިތަކަށް އެތައްބައެއްގެ ފާޑުކިއުން އަމާޒުވެގެން ދިޔަ

އެހެންނަމަވެސް، އެއަށްފަހު، ކޯވިޑް19ގެ ހާލަތު ފުރަމާލެއާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާދަޔާ ޚިލާފަށް ގޯސްވެ، ގޯސްތަކެއް ެހެއްދެވިއްޖެކަން ސަރުކާރަށްވެސް ފަހުމްވެ، އަލުން އާފިޔަވަޅުތަކެއް އަޅުއްވާފައި ވެއެވެ.

ހަމައެއާއެކު، ވެކްސިން ޖަހަން އަލުން ފެށި، ކޯވިޑް19ގެ ހާލަތަށް ބޯޑެތި ކުރިއެރުންތަކެއް ލިބިގެންދިޔަ ތަނާކަހަލަ ގޮތަކަށް މުސްލިމް ގައުމުތަކާ މި ކުރިމަތީ ހައްޖުގެ އަޅުކަމަށްފަހު އަންނަ އަޟުހާ އީދާއިއެވެ.

 

އީދު ބަންދާ ދިމާކޮށް ބޮޑެތި ލުއިތަކެއް!

ކޯވިޑް19ގެ ހާލަތު ރާއްޖޭގައި ބޮޑުތަކުން ރަގަޅުވެގެން ދިއުމާގުޅިގެން، ކުރިން އަޅާފައިވާ ފިޔަވަޅުތަކަށް ފަހަކަށް އައިސް ސަރުކާރުން މިވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. މީގެތެރޭގައި، ކޯވިޑަށް ޕޮޒިޓިވްވެ، ރަގަޅުވެފައިވާ މީހުންނަށް ކަރަންޓީނުނުވެ އެއްރަށުން އަނެއްރަށް ދަތުރުކުރެވޭ ގޮތް ހެދުމާއި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިތިބޭ މީހުންނަށްވެސް ކަރަންޓީނު ވުމަކާ ނުލާ ދަތުރު ނުކުރެވޭ ގޮތަށް، އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުންވެސް ހިމެނެއެވެ.

އަދި ސަރުކާރުން މި ލުއިތައް ދީފައިވާއިރު، މިހާތަނަަށް އައިއިރު އާބާދީގެ ބޮޑުބަޔަކަށް ވެކްސިންގެ ދެ ޑޯޒްދީ ފުރިހަމަ ކޮށްފައިވާކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ. މިގޮތުން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އެޗްޕީއޭގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އާބާދީގެ 259،761 މީހުންވަނީ ކޯވިޑް19ގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.

މިހުރިހާ ކުރިއެރުންތަކާއެކު، ފާއިތުވެދިޔަ އަހަރާ ޚިލާފަށް، މިއަހަރުގެ ބޮޑުއީދާ ދިމާކޮށް، ގިނަ އަދަދެއްގެ ރައްޔިތުން މިވަނީ މާލެއިން އެކި ރަށްރަށަށް ދަތުރުވެސް ކޮށްފައެވެ. އަދި މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގައި އީދުކުޅިވަރުތައް ބޭއްވުން ރަސްމީކޮށް މަނާކުރެވިފައިވާ އޮތް ނަމަވެސް، މިފަދަ ބައެއް ރަށްރަށުގައިވެސް އީދުކުޅިވަރުތައްވެސް ބާއްވާފައިވާކަންވެސް ފާހަގަ ކޮށްލެވެއެވެ.

މިގޮތުން، އީދު ބަންދާ ދިމާކޮށް، ކޯވިޑްގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ސަރުކާރުން ބޮޑެތި ލުއިތަކެއް ދިނުމާއިގުޅިގެން، އެކި ރަށްރަށުގައި އީދުގެ ކުޅިވަރުތައް ކުރިޔަށް ގެންގޮސްފައިވާ ގޮތުން، ފާއިތުވެދިޔަ ދުވަސްތަކުގައި ކޯވިޑްގެ ނުރައްކާތެރިކަމުގައި އުޅެންޖެހުނު ހާލަތުގެ މަތިން ހަނދާންނެތި، އަދިވެސް ކޯވިޑްގެ ނުރައްކަލުން ދިވެހިންނަށް އަރައިގަނެވިފައިނުވާކަން ވެސް ބައެއް ރަށްރަށުގައި ހަދާންވެސް ނެތް ކަހަލައެވެ.

ކޯވިޑްގެ ނުރައްކާތެރިކަމާއެކުވެސް ބައެއް ރަށްރަށުގައިވަނީ އީދުކުޅިވަރު ބާއްވާފަ

 

އެޗްޕީއޭގެ ބައެއް ފިޔަވަޅުތަކަށް ބައެއް ފަރާތްތަކުގެ ފާޑުކިއުން!

ރާއްޖޭގެ ކޯވިޑް19ގެ ހާލަތަށް ވަރަށް ބޮޑުތަނުން ކުރިއެރުން ލިބިގެން ގޮސްފައިވާކަން މިއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. އަދި މި ކުރިއެރުމާއެކީ، އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދެވެން ޖެހޭކަން މިއީވެސް ގަބޫލުކުރަންޖެހޭ ހަގީގަތެއްވެސް މެއެވެ. ސަބަބަކީ، ކޯވިޑްގެ ފިޔަވަޅުތަކާއެކީ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ބޮޑުކަމުންނާއި، އަދި އާންމުރައްޔިތުން ގޭގެ ބަންދުގައި ތިބެންޖެހުމުން އާންމު ހާލަތަށް ކުރިމަތިވެގެންދާ އިގްތިސާދީ އަދި އިޖުތިމާޢީ ގޮންޖެހުންތަކުގެ ބޮޑުކަމުންނެވެ.

އެހެންނަމަވެސް ހަމަ މިއާއެކީ ފާހަގަ ކޮށްލަންޖެހޭ އަނެއް މުހިންމު ނުކުތާއަކީ، ކޯވިޑްގެ ހާލަތު ރާއްޖޭގައި ރަގަޅުވަމުން އައި ނަމަވެސް، އަވައްޓެރި ބައެއް ގައުމުތަކާއި، އަދި ރާއްޖެ ހިމެނޭ ބައްރުގެ ބައެއް ގައުމުތަކުން ދަނީ ކޯވިޑް19ގެ ބޮޑެތި ރާޅުތަކާ އަދިވެސް ހަގުރާމަ ކުރަމުންކަމުން ކަމެވެ. މީގެތެރޭގައި މީގެކުރިން ހާލަތު އެންމެ ގޯސްވި އިންޑިއާގެ ހާލަތު ކުރިއަށްވުރެ ރަގަޅު ނަމަވެސް، އިންޑިއާގައި އަދިވެސް ބަލީގެ ހާލަތު އޮތީ ކަންބޮޑުވާން ޖެހޭ ހާލަތުގައެވެ.

ހަމައެއާއެކު، އިންޑޮނޭޝިއާގެ ހާލަތު މިވަގުތުއޮތީ، އެގައުމަށް މިހާތަނަށް ކުރިމަތިވި ކޯވިޑް19ގެ އެންމެ ނުރައްކާތެރި ރާޅުގެ ތެރޭގައެވެ. ކޯވިޑްގެ މިހާލަތާއި އެގައުމުން ހަގުރާމަ ކުރަމުންދާއިރު، ކޮންމެ ދުވަހަކުވެސް 1،000 އަށްވުރެ ގިނަ މީހުން ދަނީ މިބަލީގައި އެގައުމުގައި މަރުވަމުންނެވެ.

ވަށައިގެންވާ އަވައްޓެރި ގައުމުތަކުގައި މިހާލަތު އޮތްއިރު، މި ހަފްތާގައި ސަރުކާރުން މިވަނީ، ރާއްޖެއިން ބޭރުން ރާއްޖެއަށް އެތެރެވާ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކުން ރާއްޖޭގައި ކަރަންޓީނުވާން ނުޖެހޭގޮތަށްވެސް ލުއިދީަފއެވެ.

ސަރުކާރުގެ މިނިންމުމަށް ސިޔާސީ ބައެއް ފަރާތްކުގެވެސް ފާޑުކިއުން އަމާޒުވެގެން ގޮސްފައިވާއިރު، އަދިވެސް ރާއްޖެއަށް ޓޫރިސްޓުންގެ ގޮތުގައާއި އަދި އެނޫން ގޮތްގޮތުންވެސް އެތެރެވާ ބައެއް ފަރާތްތަކަކީ، ކޯވިޑް19ގެ ހާލަތު ވަރަސް ގޯސް ގައުމުތަކުން އަންފަރާތްތައްކަން ފާހަގަ ކޮށްލަން ޖެހެއެވެ.

އެޗްޕީއޭއިން ފިޔަވަޅުތަކަށް ލުއި ދީނުމުގައި ބައެއް ހާލަތްތަކުގައި އަމަލްކުރާ އުސޫލުތަކަށް ބައެއް ހާލަތްތަކުގައި ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެގެން ދޭ

އަދި ވަކީން ޚާއްސަކޮށް، ކޯވިޑްގެ އާ ވޭރިއަންޓްތައް އަދިވެސް އުފަންވެދާނެކަމުގެ ބިރުވެރިކަން އެކީ ފިލައިގެން ގޮސްފައި ނުވަނިކޮށް، އަދި ކޯވިޑްގެ އާ ވޭރިއަންޓަތަކުގެ މައްޗަށް ވެކްސިން ދެވެމުންދާ ސްޕީޑަށް ކުރި ހޯދިފައި ނުވަނިކޮށް، ރާއްޖެއިން ބޭރުން ރާއްޖެއަށް އެތެރެވާ ފާރާތްތަކަށް އެޗްޕީއޭއިން މިދިން ލުޔަކީ، ބައެއް ފަރާތްތަކަށް ބަލައިގަންނަން ފަސޭހަވި ލުޔަކަށް ވެގެނެއް ނުދިޔައެވެ.

ސަބަބަކީ، ހަމަ މިފަދައިން، އިންޑިއާގައި ނުރައްކާތެރި ވޭރިއެންޓެއް ފެތުރެމުން ދަނިކޮށް، އޭރުވެސް އިންޑިއާފަދަ ގައުމުތަކުން މީހުން އެތެރެވުން ކޮންޓްރޯލް ނުކުރެވި އިންޑިއާގައި ފެތުރެމުންދިޔަ ވޭރިއެންޓް ރާއްޖޭގެ ހަފޮޅުން އެތެރެވެ، ބިންދާލި ބޮޑު ރާޅުގެމަތިން އަދިވެސް ހަދާންހުރުމެވެ.

 

ފާރަވެރިވެ ތިބުން ވަރަށް މުހިންމު

އެހެންކަމުން، އީދު ބަންދަށްފަހު، އެކި ރަށްރަށަށް ދަތުރުކުރި ފަރާތްތަކުންވެސް ގަބޫލުކުރަންވީ ހަގީގަތަކީ، ކޯވިޑް19ގެ ނުރައްކާތެރިކަން އަދިވެސް ފިލައިގެން ގޮސްފައި ނުވާކަމެވެ. އެއްތަނަކަށް މީހުންއެއްވެ، ގައިދުރުކަން ނުބަހައްޓާ، މާސްކުއެޅުމަށް ސަމާލުކަން ނުދީ، އާންމު ހާލަތަކަށް ދިރިއުޅުން ބަދަލުކޮށްލުމަށް އަދި ގާތްވެސް ނުވާކަމެވެ.

ހަމަ އެއާއެކު ފިޔަވަޅުތަކަށް ލުއި ދިނުމުގައި، ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމުގައި ސަރުކާރުން ފާވަވެރި ވާންޖެހޭ ޖެހުމަށް ބަދަލެއް އަންނަން ޖެހޭވަރުގެ ބަދަލެއް ކޯވިޑްގެ ހާލަތުން ހަގީގަތުގައިވެސް ދުނިޔެއިން އަދި ފެންނަމުންނެއް ނުދެއްވެ.

މިހަގީގަތްތަކުގެ މައްޗަށް ސިކުޑިއާއި ވިސްނުން ބަރޯސާކޮށްގެން ކުރިޔަށް ނުގޮސްފިނަމަ، ދެން ނަގާރާޅުގައި ދެން ކުރިމަލާންޖެހޭ ގޮންޖެހުންތައް ވަކީން ބޮޑުވެފައި ނުރައްކާތެރިވާނެކަމުގައި ގަބޫލުކުރަމާތޯއެވެ.

ރައްކާވެ ތިބިއްޔާ ދަތުރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *