އޮގަސްޓުމަހުން ފެށިގެން ވެކްސިން ނުޖަހާ މީހުންނަށް ސައުދީގައި އާންމު ތަންތަނަށް ވަނުން މަނާކޮށްފި

އޮގަސްޓުމަހުން ފެށިގެން ވެކްސިން ނުޖަހާ މީހުންނަށް ސައުދީގައި އާންމު ތަންތަނަށް ވަނުން މަނާކޮށްފި

Author
ހުސެއިން
22 ޖުލައި 2021 07:17
0

ސައުދީ އަރަބިއާގައި ވެކްސިން ފުރިހަމަ ނުކޮށް ތިބޭ މީހުން، އޮގަސްޓުމަހުގެ 1 ވަނަ ދުވަހުން ފެށިގެން، ރެސްޓޯރަންޓް ތަކަށާއި، ޝޮޕިންގ މޯލްތައްފަދަ އާންމު ތަންތަނަށް އެއްވުމާއި ވަނުން މަނާކުރެވޭނެކަން ސައުދީގެ މިނިސްޓްރީ އޮފް މުނިސިޕަލް އެންޑް ރޫރަލް އެފެއާރސް އިން އަންގާރަ ދުވަހު އިއުލާން ކޮށްފިއެވެ.

މުނިސިޕަލް މިނިސްރީން ބުނެފައިވާ ގޮތުގައި، ކޯވިޑް19ގެ ވެކްސިން ދެ ޑޯޒް ފުރިހަމަ ކޮށްފައި ނުވާ ފަރަތަކަށް ޝޮޕިން ސެންޓަރު ތަކަށާއި، މޯލް ތަކަށާއި، އާންމު ވިޔަފާރިކުރާ ފިހާރަ ތަކަށާއި، އޭގެ އިތުރުން މާރުކޭޓްތަކަށް ވަނުންވެސް އޮގަސްޓު މަހުގެ އެއްވަނަ ދުވަހުންފެށިގެން މަނާ ކުރެވިގެން ދާނެއެވެ.

އަދި މީގެ އިތުރުން ރެސްޓޯރަންޓް ތަކަށާއި، ކެފޭތަކާށާއި ބޯކޮށާ ތަންތަނަށާއި ބިއުޓީ ސެލޫންތަކަށާއި ކައިވެނި ހަފްލާތަކަށް ވަނުމުގެ ހުއްދަވެސް ދިނުމަށް ހަމަޖެހިފައިވަނީ ވެކްސިން ޖަހާފައިވާކަން ސާބިތު ކޮށްދެވޭ މީހުންނަަށް އެކަންޏެެވެ.

"އާންމު ސިއްޙަތު ރައްކާތެރިކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އާންމު ޚިދުމަތް ދޭ ގިނަ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒިފުންނާއި އަދި އެތަންތަނަށް ދާ މީހުންވެސް ތިބެން ޖެހޭނީ ވެކްސިން ޖަހައިގެން،" ސައުދީ މުނިސިޕަލް މިނިސްޓްރީ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވެއެވެ.

ފާއިތުވެދިޔަ ހަފްތާގައި ސައުދީގެ އިންޓީރިއަރ މިނިސްޓްރީންވަނީ، އަންނަ އޮގަސްޓުމަހުގެ 9ވަނަ ދުވަހުން ފެށިގެން، ސައުދީގެ ރައްޔިތުންގެ އެގައުމުން ބޭރަށް ދަތުރު ކުރާނަމަ، ވެކްސިން ޖެހުން މަޖުބޫރުވާގޮތަށް ހަމަޖައްސާފައެވެ.

ސައުދީ އަރަބިއާގައި މިހާތަނަށް 512,142 ކޯވިޑް19އަށް ޕޮޒިޓިވް ވެފައިވާއިރު، މިހާރު އެގައުމުގައި ބައްޔަށް ފަރުވާ ހޯދަމުން ދަނީ 10,799 މީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.