އުމުރުން 78 އަހަރުފުޅުގައި ދުނިޔޭގައި ފޯނު އުފެއްދުމަށް މަޝްހޫރު، ސައުތު ކޮރެއާގެ ސެމްސަންގ ގުރޫޕުގެ ޗެއަރމަން ލީ ކުން ހީ މަރުވެއްޖެއެވެ.
ލީ ވަނީ އޭނާގެ ބައްޕަގެ ކުޑަކުޑަ ޓްރޭޑިންގ ބިޒްނަސް އިގްތިސާދީ ބޮޑު ވިޔަފަރިއަކަށް ހައްދަވާ އަދި މިވިޔަފާރި ޝިޕިންގ އާއި އިންޝޫރަންސް ފަދަ އެތަކެއް ދާއިރާއަކަށް ފުޅާ ކުރައްވަފައެވެ.
އަދި އޭނާގެ ހަޔާތުގައި ސެމްސަންގ އިލެކްޓްރޯނިކްސްވަނީ ދުނިޔޭގެ އެންމެ ބޮޑު ޓެކް ފާރމްގެ މަގާމު ހޯދާފައެވެ. ފޯބްސް މަޖައްލާއިން އާންމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އޭނާގެ މުޅި ބައިތުލްމާލުގައި 21 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާހުރި ލިއަކީ ދެކުނު ކޮރެއާގައިހުރި އެންމެ މުއްސަދި މީހާވެސްމެއެވެ.
ސެމްސަންގ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ލީ މަރުވެފައިވަނީ އާދީއްތަ ދުވަހު، އޭނާގެ އާއިލާގެ ހާޒިރުގައެވެ. އަދި އޭނާ މަރުވާން މެދުވެރިވި ސަބަބެއް އެކުންފުނިން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް 2014 ވަނަ އަހަރު ލީއަށް ހާޓް އެޓޭކެއް ޖެހި، ދިރިއުޅެއްނެ ޖެހިފައިވަނީ އެހެން މީހުންގެ އެހީތެރިކަމުގައެވެ. އަދި ކުންފުނިން ބުނެފައިވަނީ ލީގެ ހަދާންތައް އެކުންފުނިން ތާއަބަދަށް ދަމަހައްޓާނެކަމަށާއި ލީއާއިއެކީ ކުންފުނި ކޮށްފައިވާ ތަޖުރިބާތަކާއިމެދު ފަޚުރުވެރިވާ ކަމުގައެވެ.
ލީއަކީ، 1938 ވަނަ އަހަރު އުފެއްދި ސެމްސަންގ ކުންފުނީގެ ބާނީ ލީ ޔަންގ ޗުލްގެ ތިންވަނަ ދަރިފުޅެވެ. އަދި ލީ ސެމްސަންގ ކުންފުޏާއި ގުޅިވަޑައިގެންފައިވަނީ 1968 ވަނައަހަރުއެވެ. 1987ވަނަ އަހަރު އޭނާގެ ބައްފަ ނިޔާވުމާއި ގުޅިގެން ކުންފުނީގެ ޗެއަރމަންކަމާއި ހަވާލުވެވަޑައިގަތެވެ.
އޭނާ ކުންފުނީގެ ޗެއަރމަންކަމާއި ހަވާލުވެ ވަޑައިގަތްއިރު، ސެމްސަންގ ކުންފުނި މަޝްހޫރުވެފައިވަނީ ފެންވަރުދަށް، އަގުހެޔޮ ތަކެތި އުފައްދާ ކުންފުންޏެއްގެ ގޮތުގައެވެ. އެހެންނަމަވެސް އޭނާގެ ޗެއަރމަން ކަމުގައި، ކުންފުންޏަށް ބޮޑެތި ބަދަލުތައް ގެންނަވާ، ކުންފުންޏަކީ ކަސްޓަމަރުން އިތުބާރުކުރާ ކުންފުންޏަކަށް ހެއްދެވިއެވެ.
ލީ އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ ކުންފުނީގެ މުވައްޒަފުންނަށް އަމާޒުކޮށް 1993 އަހަރު އޭނާ ވިދާޅުވެފައިވާ ބަސްކޮޅަކާއި ގުޅިގެންނެވެ. އެއީ "އަނބިމީހާ އާއި ދަރިން ފިޔަވާ އެހެން ހުރިހާ އެއްޗެއް ބަދަލު ކޮށްލަމާ ހިންގަވާ" މި ބަސްކޮޅެވެ. މިއަށްފަހު އެކުންފުނި ވަނީ އޭރު ކުންފުނީގައި ހުރި ފޯން ސްޓޮކް އެކީ އަންދާލާ ނައްތާލާފައެވެ. މީގެތެރޭގައި 150،000 މޯބައިލް ފޯނު ހިމެނެއެވެ.
ލީ ފާހަގަ ވެގެންދިޔައީ މީޑިއާއި ދުރު، މީހުންނާއިވެސް ވަކިން ދިރިއުޅުއްވުން ބައްޓަންކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. ލީގެ ހަޔާތުގައި ދެފަހަރެއްގެ މަތިން އޭނާގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކުރެވުނެވެ. މީގެ ތެރޭގައި އެގައުމުގެ ކުރީގެ ރައީސް ރޯހ ޓޮއި ވޫހަށް ރިޝްވަތު ދެއްވިކަމުގެ ތުހުމަތުވެސް ހިމެނެއެވެ. ސެމްސަންގގެ ޗެއަރމަންކަމުން އޭނާ ވަކިވެ ވަޑައިގަތީ 2008 ވަނަ އަހަރު، އޭނާގެ މައްޗަށް ޓެކްސްއަށް މަކަރު ހެދުމުމުގެ ތުހުމަތު ކުރެވުމާއި ގުޅިގެންނެވެ. މިގޮތުން ތަންފީޒުކުރުން ފަސްކުރޭވޭގޮތަށް އޭނާގެ މައްޗަށް 3 އަހަރުދުވަހުގެ ޖަލުހުކުމެއް އިއްވުނެވެ. އެހެންނަމަވެސް 2009 ވަނަ އަހަރު އެގައުމުގެ ރައީސްވަނީ އޭނާއަށް މާފް ދެއްވާފައެވެ.
ލީގެ ފިރިހެން ދަރިފުޅު ލީ ޖައި ޔަންގ ވެސް ވަނީ ރިޝްވަތުގެ ކުށް ސާބިތުވެ، ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކޮށްފައެވެ. ލީގެ ދަރިފުޅާއި ގުޅުންހުރި ރިޝްވަތުގެ މިމައްސަލައާއި ގުޅިގެން 2017 ވަނަ އަހަރު ދެކުނު ކޮރެއާގެ އޭރުގެ ރައީސް ޕާރކް ގައުން ހައި ވަނީ މަގާމުން ދުރުކުރެވިފައެވެ.