މުޅި މާލެއަށް މިހާރުވަނީ ކަރަންޓް ދެވިފައި: ސްޓެލްކޯ

މުޅި މާލެއަށް މިހާރުވަނީ ކަރަންޓް ދެވިފައި: ސްޓެލްކޯ

ގަޑިއެއްހާ އިރުގެ މެދުކެނޑުމަކަށްފަހު މުޅި މާލެއަށް މިހާރުވަނީ ކަރަންޓް ދީފައިވާ ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ. ކަރަންޓްގެ ޚިދުމަތް ކެނޑުނީ ގްރޭޓަރ މާލެ ގްރިޑްގެ ދެވަނަ ސާކިޓް އެނަރޖައިޒް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ސްޓެކްލޯއިން މަޢުލޫމާތުދެއެވެ.

ގްރޭޓަރ މާލެ ގްރިޑްގެ ދެވަނަ ސާކިޓް އެނަރޖައިޒް ކުރުމުގެ މަސައްކަތް މިއަދު ހެނދުނު 8:00 އިން ހަވީރު 5:00 އަށް ކުރިޔަށްދާއިރު، މާލެއާއި، ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ސްޓެލްކޯއިން ކުރިންވަނީ ބުނެފައެވެ. މި މަސައްކަތުގެ ފަހު ދުވަސްކަމުގައިވާ މާދަމާ ކުރިޔަށްދާނީ ހުޅުލޭގެ ސަބްސްޓޭޝަން އެނަރޖައިޒްކުރުމުގެ މަސައްކަތެވެ.

ސްޓެލްކޯއިން ކުރިން ބުނެފައިވަނީ، ގްރޭޓާމާލޭ ކަރަންޓު ވިއުގަ ގުޅާލުމުގެ މިމަހު 17 ވަނަދުވަހު ފަށާފައިވާ ކަމަށާއި މި މަސައްކަތް ހިނގަމުންދާ ވަގުތުތަކުގައި، މަސައްކަތް ފެށުނު ދުވަހުގައާއި އަދި މި މަހުގެ 21 ވަނަ ދުވަހު (މިއަދު) މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެގޮތުން، މިއަދުގެ ހެނދުނު 8:00 އިން 17:00 އަށް މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.

ސްޓެލްކޯ އިން ބުނެފައިވަނީ ގްރޭޓާމާލޭ ގްރިޑް ކަނެކްޝަނަކީ މާލެ އާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132ކޭވީގެ 7 ކިލޯމީޓަރުގެ ދެ ސާކިޓުން ގުޅާލެވޭ މަޝްއޫއެކެވެ. މި މަޝްރޫއުގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރާއި، ހުޅުލޭގައި 8 އެމްވީއޭގެ ދެ ޓްރާންސްފޯމަރު ވަނީ ސްޓެލްކޯއިން ބަހައްޓާފައި އެވެ. މި ކަރަންޓު ވިއުގައިގެ ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިފައި ވާކަމަށް ސްޓެލްކޯއިން ބުނެއެވެ.

މި މަޝްރޫޢުގެ ސަބަބުން، އެއް ރަށުން ކަރަންޓު ކެނޑިއްޖެނަމަ އަނެއް ރަށުގައި އުފައްދާ ކަރަންޓު ބޭނުންކޮށްގެން ކަރަންޓު ދިނުމުގެ އިންތިޒާމު ހަމަޖެހޭނެއެވެ.

އެގޮތުން މާލޭގެ ކަރަންޓުގެ ނިޒާމަށް މައްސަލައެއް ދިމާވެއްޖެނަމަ ހުޅުމާލޭގެ ކަރަންޓު ގްރިޑާ ގުޅާލެވޭނެއެވެ. އަދި ހުޅުމާލެއަށް ނުވަތަ ހުޅުލެއަށް މައްސަލައެއް ދިމާވެއްޖެނަމަ މާލޭގެ ގްރިޑާ ގުޅާލެވޭނެއެވެ. މިއީ 45 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *