މިއަހަރުގެ އަރަފާތު ދުވަހާއި އަދި އަޟުހާ އީދު ދުވަހާ ދިމާކޮށް މާތްވެގެންވާ ގެފުޅުގެ އުރަކޮޅު ސައުދީ އޮފިޝަލުން ބަދަލު ކޮށްފިއެވެ.
ގެފުޅުގެ އުރަކޮޅު، ކޮންމެ އަހަރަކުވެސް އެއްފަހަރު، ހައްޖުގެ އަޅުކަމުގެ ދެވަނަ ދުވަހު، މާތްވެގެންފާ ހަރަމްފުޅުގެ ރައީސްގެ ބެއްލެވުމުގެ ދަށުން ބަދަލު ކުރެވެއެވެ.
ގެފުޅުގެ އުރަކޮޅަކީ، މައްކާގެ އަލް މަސްޖިދުލް ހަރަމްގެ މެދުގައި ހުންނަ، އިބުރާހިމްގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާއީލްގެފާނާއި ދެބޭލަކުން ބިނާކުރެއްވި ގެކޮޅު މުޅިން ފޮރުވޭގޮތަށް ތައްޔާރު ކޮށްފައި އޮންނަ އުރަކޮޅެކެވެ.
ކޮންމެ އަހަރަކުވެސް އެއްފަހަރު، ކަޅުކުލައިގެ މި އުރަކޮޅު ބަދަލުކުރުމުގެ މަަސައްކަތް ކުރައްވަނީ ކައުބާގެ ދޮރުވާނުންގެ ގޮތުގައި ތިއްބަވާ ބޭފުޅުންނެވެ.
ޖެނެރަލް ޕްރެޒިޑެންސީ އޮފް ގްރޭންޑް މޮސްކު އެފެއާޒް ޑރ. ސާދު ބިން މުހައްމަދު އަލް-މުހައިމީދު ވިދާޅުވި ގޮތުގައި މިއަހަރު ގެފުޅުގެ ފޮތިކޮޅު ތައްޔާރު ކުރެވިފައިވަނީ، މަތީ ފެންވަރުގެ 670 ގްރާމްގެ ސިލްކާއި، 120 ކިލޯގްރާމްގެ ރަން ރޮދި އަދި 100 ކިލޯގްރާމްގެ ރިހި ރޮދި ބޭނުން ކޮށްގެންނެވެ.
މިއަހަރު، ކިންގ އަބުދުލް އަޒީޒް ކޮމްޕްލެކްސް ފޯރ ހޯލީ ކައުބާ ކިސްވާގައި، ކަޅުކުލައިގެ މި އުރަކޮޅު ތައްޔާރު ކުރުމަށްޓަކާ ސައުދީގެ ފޮތި ވިޔެހަދާ 200 މީހުން މަސައްކަތް ކޮށްފައިވާ ކަމަށްވެސް އަލް-މުހައިމީދު ވިދާޅުވެފައި ވެއެވެ.
ނުވަ ވަނަ ގަރުނުގެ ތާރީޚު އިލްމުވެރިއެއް ކަމުގައިވާ މުހައްމަދު ބިން އަބުދުﷲ އަލް- އަޒާޤީ ލިޔުއްވާފައިވާ ގޮތުގައި، ގެފުޅުގައި އުރަކޮޅެއް އެންމެ ފުރަތަމަ ބޭނުން ކޮށްފައިވަނީ، 4 ހަތަރުވަނަ ގަރުނުގެ ޔަމަނުގެ ރަސްކަލެއް ކަމުގައިވާ ތުއްބާ، ޖުރުހަމް ގަބީލާގެ ލީޑަރުންނަށް ގެފުޅު ސާފުކޮށް ބޭއްވުމަށާއި އަދި ގެފުޅު ދޮރުކޮޅެއް ހެދުމަށާއި އަދި ތަޅުދަނޑިއެއް ހެދުމަށް އަމުރުކުރެއްވުމާއި ގުޅިގެންނެވެ.
އެއަށްފަހު، ގެފުޅުގެ އުރަކޮޅު ވެގެން ގޮސްފައިވަނީ، ގެފުޅުން އެންމެ ފާހަގަ ކޮށްލެވޭ ސިފަ ކަމުގައެވެ.