ސައުދީ އަރަބިއާގައި، ފިހާރަތަކާއި އަދި ވިޔަފާރީގެ މުއާމަލާތްކުރާ އެހެނިހެން ތަންތަންވެސް ބަންދު ނުކޮށް، ނަމާދު ގަޑީގައިވެސް ހުޅުވާފައި ބެހެއްޓޭނެކަމަށް ފެޑެރޭޝަން އޮފް ސައުދީ ޗޭމްބާރސްއިން ނެރެފައިވާ ސާކިއުލާއަކުން ބުރާސްފަތި ނިންމާފައިވާ ކަމަށް، ސައުދީ އަރަބިއާގެ މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
އެ ފެޑެރޭޝަނުން ބުނެފައިވަނީ، ފެޑެރޭޝަންގެ އިރުޝާދުތަކާއި އެއްގޮތްވާ ގޮތުގެމަތިން، ވިޔަފާރިއާއި އިގްދިސާދީ ހަރަކާތްތައް މަސައްކަތު ގަޑިތަކުގައި، ނަމާދު ގަޑިއާއި ދިމާވި ނަމަވެސް ބަންދު ނުކޮށް ކުރިޔަށް ގެންދެވޭނެ ކަމަށެވެ.
ފެޑެރޭޝަން އޮފް ޗެމްބާސްއިން ބުނެފައިވަނީ، އެ ފެޑެރޭޝަންގެ މި ނިންމުމަކީ، އަދިވެސް މުޅި ދުނިޔޭގައި ފެތުރެމުންދާ ކޯވިޑްގެ ނުރައްކަލުން ސަލާމަތްވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނުމުގެ އިތުރުން، ފިހާރަތަކުގައި މަސައްކަތް ކުރާ މުވައްޒިފުންނާއި އަދި ކަސްޓަމަރުންގެ ސަލާމަތަށްޓަކާ އެޅި ފިޔަވަޅުތަކެއް ކަމުގައެވެ.
އަދި މި ނިންމުމަކީ، ކޮންމެ ނަމާދު ވަގުތަކަށްފަހު، ފަސްފަހަރު މީހުން ފިހާރަތައް ހުޅުވަންދެން ކިއުހަދައިގެން ޖަމާވެގެން ތިބުންވެސް ހުއްޓުވުމަކަށް ގެނައުމަށް ނިންމި ނިންމުމެއް ކަމުގައިވެސް ޗޭމްބާރސްއިން ބުނެފައި ވެއެވެ. ފެޑެރޭޝަނުން ބުނެފައިވަނީ، މި ނިންމުމަކީ، ކަމާ ގުޅުންހުރި ހުރިހާ މުވައްސަސާތަކާ މަޝްވަރާ ކުރުމަށްފަހު ނިންމާފައިވާ ނިންމުމެއް ކަމުގައެވެ.
ސައުދީ އަރަބިއާގައި ފަހަކަށް އައިސްވަނީ، ދީނީގޮތުން ކުރިން ދަމަހައްޓަމުން އައި، ގިނަ ކަންތައްތަކަށް ބޮޑެތި ދޫތަކެއް ދީފައެވެ. މީގެތެރޭގައި، އެގައުމުގައި އާންމު ތަންތަނުގައި ޝޯތައް ބޭއްވުމުގެ ފުރުސަތު ދިނުމާއި، ސިނަމާތައް ހިންގުން މަނާކޮށްފަ އޮތް އޮތުން ދޫކޮށްލުމާއި އަދި އަންހެނުން ކާރު ދުއްވުން މަނާކޮށްފަ އޮތް އޮތުންވެސް ނިމުމަކަށް ގެނައުން ހިމެނެއެވެ.
ކޮމެންޓު ފޮނުވާ