ޖަރުމަނު ބުންޑަސްލީގާގައި ލީޕްޒީގު ރޭ ކުޅުނުމެޗު ކާމިޔާބުކޮއް އެއްވަނަ މަގާމް ދިފާއުކޮށްފިއެވެ. ލީޕްޒިގު މޮޅުވީ ފަހަތުން އަރައި ކާމިޔާބު ކުރި ދެލަނޑާއެކު 2-1 ލަނޑުން މެޗު ކާމިޔާބުކޮއްގެންނެވެ.
ހާތާ ބާލިންއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ ހާތާ ބާލިންއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ ޖޯހަން ކޮރްޑޯބާއެވެ. ލީޕްޒިގުން ނަތީޖާ ހަމަހަމަކުރީ ޑަޔޮޓް އުޕަމެކާނޯ ކާމިޔާބުކުރި ލަނޑުންނެވެ. ލީޕްޒީގުން ތިންޕޮއިންޓް ޔަގީން ކޮށްދިނީ މާޝިއަލް ސަބިސްޓާގެ ލަނޑުންނެވެ.

ރޭގައި ބްރޫޝިޔާ ޑޯޓްމަންޑް ވެސް ވަނީ އެޓީމު ކުޅުނު މެޗު ކާމިޔާބުކޮށް ތާވަލުގެ ތިންވަނައަށް ކުރިޔަށް ޖެހިލާފައެވެ. ރެލިގޭޝަން ޒޯނުގައިވާ ޝާލްކޭއާ ވާދަކޮށް ޑޯޓްމަންޑުން ކުރި ހޯދީ 3-0 ލަނޑުންނެވެ. މެޗުގައި ދެވަނަ ހާފްގައި ލަނޑުތައް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ލަނޑު ޑޯޓްމަންޑަށް ކާމިޔާބުކޮއްދިނީ މެނުއަލް އަކަންޖީއެވެ. ޑޯޓްމަންޑަށް ލީޑު އިތުރަށް ފުޅާ ކޮއްދިނީ އާލިން ހާލެންޑްގެ ލަނޑުންނެވެ. މެޗުގެ ފަހު ލަނޑު ޑޯޓްމަންޑުން ކާމިޔާބުކޮއްދީ މެޓްސް ހުމެލްސްއެވެ. އަދި މިސީޒަނުގައި ޝާލްކޭ ލީގުގައި މޮޅެއް ހޯދިފަނުވާއިރު އެޓީމުން ލީގުގައި އެންމެފަހުން މޮޅުވެފަވަނީ ހުސްވި ޖެނިއުރީ މަހުގައެވެ.

ރޭގައި ލީގުގައި ޔޫނިއަން ބާލިން އާއި ފެރިބާގް ވާދަކުރި މެޗު 1-1 ލަނޑުން އެއްވަރުވިއިރު ބްރޫޝިޔާ މޮހަންލްބަޗް ވަނީ މެއިންޒް މައްޗަށް 3-2 ލަނޑުން ކުރިހޯދާފައެވެ. މިނަތީޖާއެކު ލީގުގެ އެއްވަނައިގައި ލީޕްޒިގް އޮތީ 13 ޕޮއިންޓާއެކުއެވެ. ލީޕްޒިގަށް ވުރެ އެއްޕޮއިންޓް މަދުން ހޯދައިގެން ބަޔާން ތާވަލުގެ ދެވަނައިގަ އޮތް އިރު ހަމަ އެއަދަދަށް ޕޮއިންޓް ހޯދައިގެން ޑޯޓްމަންޑް އޮތީ ތިންވަނައިގައެވެ. ހަތަރުވަނާގައި އޮތީ 8 ޕޮއިންޓާއެކު ސްޓުޓްގާޑްއެވެ.
ކޮމެންޓު ފޮނުވާ