އެމްޑީޕީއާއި، މިހާރު ވެރިކަން ކުރާ ކޯލިޝަނުން ރައްޔިތުންނަށް ވެފައިވާ މެނިފެސްޓޯ ވަނީ ދެރަދުންގެ ދެމެދު ތާށިވެފައި ކަމުގައި ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
ގަވާއިދާ ޚިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދުގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހާ ކޮންމެ ފަހަރަކު އުޅަނދު ޕާކުކުރި މީހާގެ ލައިސަންސުން ފަސް ކްރެޑިޓް ޕޮއިންޓް އުނިކުރާ ގޮތަށް ހަމަޖައްސާ 100 ޕޮއިންޓްގެ ކްރެޑިޓް ހުސްވުމުން ލައިސަންސް ބާތިލުވާ ގޮތަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އާ ގަވާއިދާއި ގުޅިގެން މަލީހުވަނީ ސަރުކާރަށް ބޮޑެތި ފާޑުކިޔުން އަމާޒުކޮށްފައެވެ.
މަލީހު ވިދާޅުވީ މިސަރުކާރުން ވެރިކަމަށް އައީ ސްޓިކާޖެހުން ހުއްޓާލާނެކަމަށް ބުނެ ވައުދު ވުމަށްފަހުގައި ކަމަށެވެ. އަދި އޭރު ވައުދު ވެފައިވަނީ ރައްޔިތުންނަށް އެކަށީގެންވާ ޕާކްކުރެވޭނެ ތަންތަން ހަމަޖައްސައި ދޭނެކަމަށެވެ. މިކަންކަމަކީ އޭރު އެމްޑީޕީން އެކުލަވާލި މެނިފެސްޓޯގައި ވަރަށް ސާފުކޮށް ލިޔެފައިވާ ކަންތައްތަކެއް ކަމަށް މަލީހު ވިދާޅުވިއެވެ. ނަމަވެސް މިއަދު މިކަންކަން ހަނދާންނެތި މެނިފެސްޓޯ އޮތީ ދެރަދުންގެ ދޭތެރޭގައި ތާށިވެފައި ކަމަށް މަލީހު ވިދާޅުވިއެވެ.
ސްޓިކާ ޖެހުން ހުއްޓާލާނެ ކަމުގެ ޖަޒީރާ ވަޢުދާއި އެކު ވެރިކަމަށް އައި އެމްޑީޕީއިން އެންމެ ފަހުން ޕާކު ކުރެވޭ ތަނަކުން ލައިސަންސް ގަނޑުވެސް ދައުލަތައް ނަގާ ދުއްވުމުން މަހުރޫމު ކުރަން ފޫގަޅައިފި. މެނިފެސްޓޯ އޮތީ ދެރަދުންގެ ދެމެދު ތާށިވެފަ. ހައްލަކީ ބޭލުން.
– މަލީހު ވިދާޅުވިއެވެ.
މިހާރު ގެޒެޓްކޮށްފައިވާ ގަވާއިދުގައި ބުނެފައިވާ ގޮތުން ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުުމުގެ ކުށް ދެ ފަހަރަށްވުރެ އިތުރުވެއްޖެނަމަ އިތުރަށް ތަކުރާރުވާ ކޮންމެ ފަހަރަކު އުޅަނދު ދުއްވި މީހާގެ ލައިސަންސް އިން 25 ޕޮއިންޓް އުނިވާނެ އެވެ. އަދި އުޅަނދު ދުއްވި މީހާގެ އިހުމާލުން އެއް އަހަރު ދުވަހުގެ ތެރޭގައި ފަސް އެކްސިޑެންޓަށްވުރެ ގިނައިން އެކްސިޑެންޓް ހިނގާ ކޮންމެ ފަހަރަކު އުޅަނދު ދުއްވި މީހާގެ ލައިސަންސް އިން 20 ޕޮއިންޓް އުނިވާނެ ކަމަށް ބުނެފައިވެއެވެ.
ގާނޫނުގައި ނުވަަތަ ގަވާއިދުގައި ކަނޑައަޅާފައިވާ ދުވެލީގެ މިންގަނޑާ ހިލާފުވުމުގެ އަމަލު ދެ ފަހަރަށްވުރެ އިތުރަށް ތަކުރާރުކޮށްފިނަމަ އެ މީހެއްގެ ލައިސަންސް އިން 15 ޕޮއިންޓް އަދި އެއްކޮޅަށް ދުވުމަށް ކަނޑައަޅާފައިވާ މަގެއްގައި އެއާ ހިލާފަށް ދުއްވުން ނުވަތަ ޓްރެފިކް ބައްތިއާ ހިލާފަށް ދުއްވުމުގެ ކުށް ދެ ފަހަރަށްވުރެ އިތުރަށް ތަކުރާރުކޮށްފިނަމަ ކޮންމެ ފަހަރަކު އެ މީހެއްގެ ލައިސަންސް އިން 10 ކްރެޑިޓް ޕޮއިންޓް އުނިވާނެއެވެ.
މީގެ އިތުރުން ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދުގައި ޕާކިން ސްޓިކާ ޖަހާ ކޮންމެ ފަހަރަކު އުޅަނދު ޕާކުރުކުރި މީހާގެ ލައިސަންސް އިން ފަސް ޕޮއިންޓް އުނިވާނެ ކަމަށް ވަނީ ބުނެފައެވެ. މި ގޮތުން 20 ސްޓިކާ ހަމަވުމުން ލައިސަންސް ބާތިލުވާނެއެވެ. އަދި މިއިން ކޮންމެ ގޮތަކުން ލައިސަންސް ބާތިލުވީނަމަވެސް އަލުން ލައިސަންސް ހޯދަން ހުށައެޅޭނީވެސް 180 ދުވަސް ( ހަ މަސް ދުވަސް) ފަހުންނެވެ.
ކޮމެންޓު ފޮނުވާ