އިޓާލިއަން ސެރިއާގައި އިންޓަމިލާން މޮޅުވެ ތާވަލުގެ ތިންވަނައަށް ކުރިޔަށް ޖެހިލައިފިއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗު އިންޓަމިލާނުން ކާމިޔާބުކުރީ ޖެނޯ ދެކޮޅަށްކުޅެ 2-0 ލަނޑުންނެވެ. ފުރަތަމަ ހާފްގައި އިންޓަމިލާނުން ޖެނޯއާގެ ގޯލަށް އަމާޒުކޮއް ހަމަލާއެއް ފޮނުވިފަ ނުވާއިރު މިއީ 2019 ވަނައަހަރު މާޗުމަހުގެ ފަހުން ލީގުގައި އިންޓަމިލާނަށް މެޗެއްގެ ފުރަތަމަހާފްގައި ގޯލާއަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާނުލެވުނު ފުރަތަމަ ފަހަރެވެ.
މެޗުގައި އިންޓަމީލާނުން ފުރަތަމަ ލަނޑު 64 ވަނަ މިނޓުގައި ކާމިޔާބުކޮއްދިނީ ރޮމަލޫ ލުކާކޫއެވެ. މިއީ މި ސީޒަންގައި އޭނާ ކުޅުނު 13 މެޗުގެ ތެރެއިން ކާމިޔާބުކުރި 15 ލަނޑުއެވެ. އޭނާ ވަނީ އިންޓަމިލާނަށް އެންމެފަހުން ކުޅުނު 9 މެޗުގައި 10 ލަނޑު ކާމިޔާބުކޮއްފައެވެ. އިންޓަމިލާނުގެ ފަހު ލަނޑު ކާމިޔާބުކޮއްދިނީ ޑަނިލޯ ޑަމްބްރޯސިއޯއެވެ.

ލީގުގައި އެޓްލާންޓާއިން ވަނީ ސަންޕަޑޯރިޔާ އާއި ވާދަކޮށް އަމިއްލަ ދަނޑުގައި 3-1 ލަނޑުން ބަލިވެފައެވެ. ސަންޕަޑޯރިޔާއިން ވަނީ ހުސްވިހަފްތާގައި ލީގުގައި ލާޒިޔޯވެސް ބަލިކޮށް ފައެވެ. ރޭ ލީގުގައި ލާޒިޔޯ ބޮލޯނާ ވާދަކުރި މެޗު ލާޒިޔޯ ކާމިޔާބުކުރީ 2-1 ލަނޑުންނެވެ. މެޗުގެ ދެވަނަ ހާފްގައި ލާޒިޔޯއަށް ލީޑް ނަގައިދިނީ ލުއިސް އަލްބާޓޯއެވެ. މެޗުގައި ލާޒިޔޯ އިން ލީޑް އިތުރަށް ފުޅާކުރީ ޗިރޯ އިމޮބިލީ ކާމިޔާބުކޮއްދިން ލަނޑުންނެވެ. ބޮލޯނާއަށް ސުންކަނޑުވާލަދިނީ ސިލްވިސްޓިރީއެވެ.
މި ނަތީޖާއެކު އިންޓަމިލާނުން 10 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައަށް ކުރިޔަށްޖެހިލި އިރު ސަންޕަޑޯރިޔާއިން ވަނީ 9 ޕޮއިންޓް ހޯދައިގެން ފަސްވަނައަށް ޖެހިލާފައެވެ. ލާޒިޔޯ 7 ޕޮއިންޓާއެކު އޮތީ 10ވަނައިގައެވެ.
ކޮމެންޓު ފޮނުވާ