މިޔަންމާގެ މަގާމުން ދުރުކޮށްފައިވާ ލީޑަރު އަންގސަންގ ސޫކީގެ މައްޗަށް އިތުރު ދައުވާތަކެއް އެގައުމުގެ އަސްކަރީ ސަރުކާރުން ކޮށްފައިވާ ކަމަށް، އޭނާ ގާނޫނީ ވަކީލުން ވިދާޅު ވެއްޖެއެވެ.
ސޫކީގެ ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވެފައިވާ ގޮތުގައި، މިފަހަރު ސޫކީއާއި ދެކޮޅަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި، ކޮރަޕްޝަނާއި ގުޅުންހުރި ދައުވާތައްވެސް ހިމެނޭ ކަމަށެވެ. އަދި އިތުރު ދެދައުވާއެއް، ސޫކީގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި މިން ތޫއާއި ދެކޮޅަށްވެސް އުފުލާފައިވާކަމަށް ވެސް ގާނޫނޫ ވަކޫލުން ވިދާޅުވެފައި ވެއެވެ.
"އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ކޮރަޕްޝަނާ ގުޅުންހުރި ދައުވާތައް ހިމެނޭ. އަހަރެމެންނަކަށް ނޭގޭ އެމީހުން ދައުވާތައް އުފުލި ސަބަބެއް. އަދި ކޮން ދައުވާތަކެއް ކަމެއްވެސް. އަހަރެމެން އޭގެ ތަފްސީލްތައް ހޯދާނަނަން،" ސޫކީގެ ގާނޫނީ ވަކީލާ މިން މިން ސޮއި ރޮއިޓާސްއާއި ވާހަކަ ދައްކަމުން ވިދާޅުވެފައި ވެއެވެ.
އުމުރުން 76 އަހަރުގެ އަންސަންގ ސޫކީއާއި ދެކޮޅަށް އަލަށް އުފުލާފައިވާ ދައުވާތަކުގެ ސަބަބުން، މިޔަންމާގެ ތަފާތު 3 ސިޓީއެއްގައި މިހާރު އަންގްސަން ސޫކީގެ ޝަރީއަތްތަށް ކުރިޔަށް ދާނެއެވެ.
ނޯބެލް ޕީސްގެ އިނާމު މީގެކުރިން ހާސިލް ކުރައްވާފައިވާ، މިޔަންމާގެ އިންތިޚާބީ ލީޑަރު، އެގައުމުގެ އަސްކަރިއްޔާއިން ގެނައި ބަޢާވާތެއްގައި ވެރިކަމުން ދުރުކޮށް، މި އަހަރުގެ ފެބްރުއަރީ މަހުގެ 1ވަނަ ދުވަހުން ފެށިގެން ވަނީ ހައްޔަރު ކުރެވިފައެވެ.
ވޯކީ ޓޯކީ ރޭޑިއޯ ގާނޫނާ ޚިލާފަށް މިޔަންމާއަށް އެތެރެކޮށް ގެންގުޅުމުގެ ދައުވާގެ އޭނާގެ މައްޗަށް ކޮށްފައި ވާއިރު، ކޯވިޑާދެކޮޅަށް އަލާފައިވާ ފިޔަވަޅުތަކާއި ޚިލާފްވި ކަމުގެ ދައުވާގެ ހުކުމް މިއަދު އެނާގެ މައްޗަށް އައިސްފައިވަނީ، ޑިސާސްޓަރ މެނޭޖްމަންޓް ގާނޫނުގެ ދަށުންނެވެ. މި ދައުވާތައް ކޮށްފައިވަނީ، ވެރިރަށް ނައިޕިޓޯގައެވެ.
އަދި ހަމަ އެއާއެކު، ޔަންގޮން ކޯޓުގައި، އޭނާގެ މައްޗަށްވަނީ، މިޔަންމާގެ އޮފިޝަލް ސީކްރެޓް ގާނޫނާއި ޚިލާފުވުމުގެ ދައުވާވެސް ކޮށްފައެވެ. މި ދައުވާ ސާބިތު ވެއްޖެނަމަ އެނާގެ މައްޗަށް 14 އަހަރުދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އަންސަންގ ސޫކީގެ ގާނޫނީ ވަކީލުންގެ ޓީމުންވަނީ މިހުރިހާ ދައުވާތަކަށްވެސް އިންކާރު ކޮށްފައެވެ.
ސޫކީގެ ދަރިންނާއި އަދި އަވަހާރަވެފައިވާ ފިރިކަލުންނަކީ، ގައުމުން ބޭރުގެ ރައްޔިތުކަން އޮންނަ ބަޔަކަށް ވާތީ އޭނާއަށް އެގައުމުގެ ރައީސްކަމަށް ވާދު ކުރުމުގެ ފުރުސަތުވަނީ ގެއްލިފައެވެ. ބަޢާވާތަކުން ވެރިކަން ބަދަލު ކޮށްލުމުގެ ކުރިން އޭނާވަނީ މިޔަންމާގެ ސްޓޭޓް ކައުންސިލަރުކަން އަދާ ކުރައްވާފައެވެ.