އެމްޑީޕީ ތެރޭގައިވެސް ހަރުކަށި ވިސްނުން އެބައުޅޭ: ނަޝީދު

އެމްޑީޕީ ތެރޭގައިވެސް ހަރުކަށި ވިސްނުން އެބައުޅޭ: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
12 ޖުލައި 2021 04:55
0

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ތެރޭގައިވެސް ހަރުކަށި ފިކުރު އެބައޮތް ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ގިނަ އަދަދެއްގެ ބަޔަކު ތިބޭ "ޖަޒީރާ" ވަޓްސް އެޕް ގްރޫޕްގައި ރައީސް ނަޝީދު ވަނީ ހަރުކަށި ފިކުރާއި ގުޅޭގޮތުން އެމަނިކުފާނުގެ ޖަޒުބާތުތައް ބަންޑުން ކޮށްލާފައެވެ. އަދި ސަރުކާރު ކޯލިޝަން ތެރޭގައި މިފުކުރަށް ޖާގަ އޮތް މިންވަރާއިމެދުވެސް ރައީސް ނަޝީދު ވަނީ ވާހަކަ ދައްކަވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ ހަރުކަށި ފިކުރު އެމްޑީޕީ ތެރޭގައިވެސް އެބައޮތްކަމަށެވެ.

އަޅުގަނޑު ބޭނުމީ ދީނީ ގޮތޮން މެދުމިނުގެ ސިޔާސަތުގެ މީހުންގެ ކޯލިޝަނެއް. އެމްޑީޕީ ތެރޭގައިވެސް ހަރުކަށި ވިސްނުން އެބައުޅޭ.

– ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ އެމަނިކުފާނު މިމެސެޖްތައް ލިޔުއްވި ގްރޫޕްގެ ތެރޭގައިވެސް ހަރުކަށި ފިކުރުގެ މީހުން ތިބިކަމަށް ވިދާޅުވެފައެވެ. އަދި ގްރޫޕްގައިތިބި ހަރުކަށި ފިކުރަށް ތާއީދުކުރާ މީހުން ގްރޫޕުން ނެރުމަށް މަސައްކަތް ކުރެއްވުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

މި ގުރޫޕްގެ އެޑްމިންވެސް މިކަން ބަލާ، މި ގްރޫޕްގައިތިބި ހަރުކަށި، ޖިހާދީ ފިކުރުގެ މީހުން ގްރޫޕުން ވަކި ކުރުން ވަރަށް މުހިންމު.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ ރާއްޖޭގެ ހަރުކަށި ފިކުރު އޮތް މިންވަރާއި ގުޅޭގޮތުން ވަރަށް ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކަވާފައެވެ. އަދި މިކަމުގައި އެމަނިކުފާނުގެ ކަންބޮޑުވުން އޮތްމިންވަރު ވަނީ ހިއްސާ ކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ މިހާރު އޮތް ވެރިކަން ހިންގާ ކޯލިޝަނާއިއެކު ކުރިއަށް ދިއުމަށް ނޭދޭކަމަށެވެ. އަދި ރައީސް ޞާލިހުއާއިއެކު ސިޔާސީ އެއްވެސް މަސައްކަތެއް ކުރުމަށް ދެން ނުހުރެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑާއި މިހާރު ރައީސުލްޖުމްހޫރިއްޔާއާއި، ފިކުރީ ގޮތުން ޚިޔާލު ތަފާތު. އަޅުގަނޑު މެންގެ ޒާތީ ކަންތައްތަކުގައި އަބަދުވެސް އުޅޭނީ އެކުގައި. އަޅުގަނޑުގެ ދަރިންގެ އިބޫ ދޮންބެ އެއްކަމަކު، އެކަމަކު ދެން ރައީސުލްޖުމްހޫރިއްޔާއާއި އެކީ ސިޔާސީ ގޮތުން ހުރެވޭކަށް ނެތް.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އިތުރަށް ދެން ކުރަންޖެހޭ އެއްވެސްކަމެއް ނެތްކަމަށެވެ. ވެރިކަންވެސް ކުރެވިއްޖެ ކަމަށާއި، އަދި އެނޫންކަންވެސް ކުރެވިފައިވާކަމަށެވެ. ނަމަވެސް މިހާރު މަސައްކަތް ކުރައްވަނީ ޤައުމު ދަރިންނާއި ހަމައަށް ހެޔޮ ގޮތުގައި ވާސިލް ކުރުމުގެމަސައްކަތް ކުރުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.