ރާއްޖެއިން ކޯވިޑް-19އަށް އިތުރު 78 މީހުން ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރުއަލަށް ޕޮޒިޓިވްވި 78 މީހުންގެ ތެރޭގައި ހިމެނެނީ، މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 28 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 34 މީހުންނާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 16 މީހެކެވެ.
އަލަށް މި ބައްޔަށް ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ޖުމްލަ 75،071 މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.
އެކްޓިވް ކޭސްތަކުގެ ޢަދަދު މިހާރު ހުރީ 2،496 ގައި އެވެ. ބައްޔަށް ޕޮޒިޓިވްވެފައި ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން މިހާރު އަންނަނީ 18 މީހަކަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 231 މީހެކެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 72،349 އަށް އިތުރުވެފަ އެވެ.
ބަލި ދެނެގަތުމަށްޓަކައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 6،320 ސާމްޕަލް ވަނީ ޓެސްޓުކޮށްފަ އެވެ.
ކޯވިޑް ބަލީގައި ރޭ ފަތިހު ނިޔާވި، 59 އަހަރުގެ ދިވެހި އަންހެނަކާއި އެކު، މިހާތަނަށް ރާއްޖޭގައި ކޯވިޑް ބަލި ޖެހިގެން ނިޔާވީ މީހުންގެ އަދަދު ވަނީ 214އަށް އަރާފަ އެވެ. މީގެތެރޭގައި ހިމެނެނީ 196 ދިވެހިންނާ 18 ބިދޭސީންނެވެ.