ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ތައްޔާރުކުރި އިންކުއަރީ ރިޕޯޓްގައި އިސްލާހުކުރަން ބުނެފައިވާ ކަންކަން އިސްލާހުކުރައްވާނެކަމުގެ ޔަގީނަކް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ތައްޔާރުކުރި އިންކުއަރީ ރިޕޯޓް އެމަނިކުފާނަށް އެރުވުމަށްޓަކައި ބޭއްވި ރަސްމިއްުޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ މި ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ މެންބަރުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކުރައްވާފައިވާ ވަރަށް ބުރަ އަދި މުހިއްމު މަސައްކަތެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ މެންބަރުން މި ރިޕޯޓު އެކުލަވައިލެއްވުމުގައި ކޮށްދެއްވި ބުރަ މަސައްކަތަށްޓަކައި އެ ކޮމިޓީގެ އެންމެހާ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.
މިރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަމަށް ބައްލަވާ، އެކަންކަމުގައި އިޞްލާހުކުރަން ހުރި ކަންކަން އިޞްލާހު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ރިޕޯޓް ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް ހުށައަޅުއްވައި، ޤައުމީ ސަލާމަތާއި ގުޅުންހުރި މުހިއްމު ކަންކަން ވީހާވެސް އަވަހަށް ހައްލުކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ ފަރާތުން ވަނީ މި ރިޕޯޓު އެކުލަވާލުމުގައި ސަރުކާރުގެ ފަރާތުން ލިބިލެއްވި އެއްބާރުލުމަށްޓަކައި ޝުކުރުދަންނަވާފައެވެ. އަދި މި ރިޕޯޓް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށްޓަކައި ބޭނުންވި ކަންކަން ފަހިކޮށްދިނުމަށްޓަކައި ސަރުކާރުގެ އެންމެހާ މުއައްސަސާތަކުންވެސް ދެއްވި އެއްބާރުލުން ފާހަގަކޮށްފައިވެއެވެ. އަދި މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމުގައި ވިދާޅުވިއެވެ. އަދި މި ރިޕޯޓަކީ އިންކުއަރީއެއް ކަމަށާއި ތަހުޤީގީ ސިފަތައް ނުހިމެނޭނޭހެން މި އިންކުއަރީ ކުރިޔަށްގެންދިއުމަށް ވަރަށް ބޮޑަށް އިސްކަންދެއްވާފައިވާކަމަށް މުގައްރިރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ޙަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދިޔަ "ޕާލަމެންޓްރީ އިންކުއަރީ" ރިޕޯޓު މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ހުކުރުދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. 241 ކޮމެޓީން ކުރިއަށްގެންދިޔަ ޕާލަމެންޓްރީ އިންކުއަރީއަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ސިފައިންނާއި ފުލުހުންގެ އިސްވެރިންނާއި އެ ދެ މުއައްސަސާގެ ވަކިވަކި މުވައްޒަފުންވެސް ކޮމިޓީއަށް ޙާޒިރުކުރިއެެވެ. އަދި ބައެއް ވަޒީރުންނާއި އެކި މުއައްސަސާތަކުގެ ވެރިންނާއި ކަމާގުޅޭ މުވައްޒަފުންވެސް ކޮމިޓީއަށް ޙާޒިރުކޮށްފައިވެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މުއައްސަސާތަކުގެ މަސައްކަތް އިތުރަށް ރަނގަޅުކޮށް ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަމާއި މަޖިލީހުގެ ބައެއް ލަފަޔާއި އިރުޝާދު، ޖުމުލަ 271 ސަފްހާގެ މައްޗަށް އެކުލެވޭ އިންކުއަރީ ރިޕޯޓްގައި ހިމަނާފައިވެއެވެ.
ކޮމެންޓު ފޮނުވާ