ޤައުމު ހިންގުމުގެ ވައްޓަފާޅި އެމްޑީޕީގައި ނެތްކަން ޤަބޫލުކުރަންޖެހޭ: ނާޒިމް

ޤައުމު ހިންގުމުގެ ވައްޓަފާޅި އެމްޑީޕީގައި ނެތްކަން ޤަބޫލުކުރަންޖެހޭ: ނާޒިމް

Author
މުޙައްމަދު ޝަޒައިމް
11 ޖުލައި 2021 12:27
0

ޤައުމު ހިންގުމުގެ ވައްޓަފާޅި ވެރިކަން ކުރަމުންދާ މައި ޕާޓީ އެމްޑީޕީގައި ނެތްކަން ގަބޫލު ކުރަންޖެހޭ ކަމުގައި ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އެކަށީގެންވާ ގޮތަށް ތަހުގީގް ކުރެވިފައި ނުވާތީ ކެބިނެޓް އުވާލައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މަޤާމުން އިސްތިއުފާ ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގޮވާލެއްވި ގޮވާލެއްވުމަށް އިޝާރާތް ކުރައްވައި ނާޒިމް ވިދާޅުވީ ޤައުމު ހިންގަން ލިބުނު ކޮންމެ ފަހަރަކު އެމްޑީޕީން ވެރިކަން ކޮށްފައިވަނީ މިއަދު މިފެނިގެންދާ ގޮތަށް އެއްވެސް ހަމައެއް ލަމައެއް ނެތިކަމަށެވެ.

ވެރިކަން ކުރުމުގެ އެއްވެސް ޤާބިލްކަމެއް، އަދި ވެރިކަމުގެ އެއްވެސް ލީޑަރޝިޕެއް ނެތް ބަޔަކާއި ވެރިކަން ހަވާޅުކުުރުމުން ފެނިގެންދާނެ ހުރިހާ މަންޒަރެއް މިހާޜު ފެންނަމުންދާކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އެމްޑީޕީއަކީ ވެރިކަން ކުރުމުގެ ޤާބިލްކަމެއް ނެތް ބައެއްކަމަށް ގަބޫލު ކުރަންޖެހޭ ކަމުގައިވެސް ނާޒިމް ވިދާޅުވިއެވެ.

ޤައުމު ހިންގަން އެމްޑީޕީ އާއި ހަވާލުކުރާ ކޮންމެ ފަހަރަކު މިވަނީ ކިހިނެތް. ޤައުމު ހިންގުމުގެ ލީޑަރޝިޕާއާއި، ވައްޓަފާޅި އެމްޑީޕީގައި އަދި ނެތް ކަމަށް ޤަބޫލުކުރަން އެބަޖެހޭ.

– ނާޒިމް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ނަފްރަތު ބިލަށް ކުރި ހޫނު ބަސްގައި ސަރުކާރަށް ގިނަ ހަމަލާތަކެއް ބޮންޑޭވަނީ ދެއްވާފައެވެ. ބޮންޑޭ ވިދާޅުވީ މިބިލަކީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އޮއްބާލުމަށް ވަރަށް ރޭވިގެން މަޖިލީހަށް ހުށަހެޅުނު ބިލެއް ކަމަށެވެ. މިބިލުގެ ބަހުސް ރައްޔިތުންގެ މެދުގައި ކުރުމަށް މަގު ހުޅުވާލައި، ނަޝީދުގެ މައްސަލަ އޮއްބާލުމަކީ ސަރުކާރުގެ އަމާޒުކަމަށް އޭނާ ވިދާޅުވިއެވެ.

ބޮންޑޭ ވަނީ މަޖިލީ ރައީސް ނަޝީދަކީ ރާއްޖޭގެ އެންމެ ތާއީދު އޮތް ސިޔާސީ ޝަހުޝިއްޝަތުކަމަށެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގް އެކަށީގެންވާ ގޮތަށް ނުހިނގާކަމަށްވެސް ބޮންޑޭ ވަނީ ވިދާޅުވެފައެވެ. އަދި މިމައްސަލަ ރަނގަޅަށް ނުހިގާތީ ރައީސް ޞާލިހު ދުނިޔޭގެ ލަދަށްވެސް އިސްތިއުފާ ދެއްވަންޖެހޭކަމަށް ބޮންޑޭ ވިދާޅުވިއެވެ.

އަޅުގަނޑު އެދެން ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދޭން. އަޅުގަނޑު އެދެން ކެބިނެޓް އުވާލަން. އަޅުގަނޑު އެދެން މިވަރުގެ ކަމެއްކޮށްފަ ފަހަތަށް ޖެހުނީމާ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާދޭން. އެއީ އެހާވަރަށް ގަޓެއް ނެތީ. މިއީ ވަރަށް ނުބައި ދަލެރއްގައި މިޖެއްސީ. ރައްޔިތުންނަށް އޮޅުވާލައިގެން މިވަރުގެ ކަމެއް ޕާލިމަންޓެއްގެ ބޮލުގައި އަޅުވައި ތަހުގީގު ކުރަންޖެހޭ މައްސަލަ ތަހުގީގް ނުކޮށް އޮތީމާ އަޅުގަނޑަށް ނެތް ރައީސުލްޖުމްހޫރިއްޔާ އިތުބާރެއް.

– ބޮންޑޭ ވިދާޅުވިއެވެ.

އެޖަލްސާގައި މަޖިލީހުގައި ވަނީ އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުންނާއި، ރައީސް ޞާލިހަށް ތާއީދު ކުރައްވާ މެމްބަރުންގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ. ބޮންޑޭ ވިދާޅުވީ މިބިލަކީ ސަރުކާރު ކޯލިޝަނުން މަޖިލީހަށް ހުށަހެޅުއްވި ބޮޑު ފިތުނައެއްކަމަށެވެ. ބިލު ހުށަހެޅުމަށްފަހު ފާޑުކިޔުން އަމާޒުވުމުން، ސަރުކާރުން މިކަންވެސް ޖެހީ ބިލް ސްޕޮންސާ ކުރެއްވި މެމްބަރަށް ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.