ކޯވިޑް19 ވެގެން ދިޔައީ އެތައް ގޮތަކުން، އެތައް ފިލާވަޅެއް، އެތައް ބަޔަކަށް ދަސްކޮށްދިން މުޅިން އާތަޖުރިބާ އަކަށެވެ.
ފަހުގެ ޒަމާނެއްގައި ދުނިޔެ ތަޖުރިބާ ކޮށްފައި ނުވާ ފަދައިން، ދުނިޔެއަށް ކުރިމަތިވެގެންދިޔަ މި އާލަމީ ވަބާގެ ސަބަބުން، ސިއްޙީ ކާރިސާތަކާއި ކުރިމަތިލުމަށް ގައުމުތަކުން ވާންޖެހޭ ތައްޔަރީތަކާއި، އަދި އޭގެ އިތުރަށް، ސިއްޚީ ކާރިސާއެއް ކުރިމަތިވެގެން ދިއުމުން އޭގެ ނަތީޖާއެއްގެ ގޮތުން، ގައުމުތަކުގެ އިގްތިސާދުތަކަށް ކުރިމަތިވެގެންދާނެ ގޮންޖެހުންތައް، ވަރަށް ރަގަޅަށް ވަޒަން ކުރެވިއްޖެއެވެ.
މިއީ ދުނިޔޭގެ އިގްތިސާދުތަކަށް ފާއިތުވެދިޔަ ޒަމާންތަކުގައި ކުރިމަތިވެގެންދިޔަ ހުރިހާ ގޮންޖެހުންތަކުވެސް ދުނިޔެއަށް ޖަތުރިބާ ކުރެވިފައި ނުވާ މިންވަރަށް ދުނިޔެ ތަޖުރިބާކުރި ފިލާވަޅުތަކެވެ.
2019ވަނަ އަހަރު ނިމެމުންދަނިކޮށް ދުނިޔެ ކުރިމަތިލީ ކޯވިޑް19ގެ ނުރައްކާތެރި ރާޅު ވެގެންދިޔައީ ދުނިޔޭގެ ގައުމުތައް އެކަމަށް ތައްޔާރުނުވެ ނުވަަތަ މުޅި ދުނިޔެއަށް ފެތުރިގެން ހިގައިދާނެވަރުގެ ބިޔަ ރާޅަކަށް ދުނިޔެ ތައްޔާރުނުވެ ވަނިކޮށް ދުނިޔެއާއި ކުރިމަތިލީ ނުރައްކާތެރި އާލަމީ ވަބާއެކެވެ.
ކޯވިޑް ކާރިސާއިން ދުނިޔޭގެ އިގްތިސާދުތައް ފުނޑު ފުނޑު
ކޯވިޑް ކާރިސާވެގެން ދިޔައީ، ފާއިތުވާ 100 ވަރަކަށް އަަހަރުގެ ތެރޭގައި ދުނިޔެ ކުރިމަތިލީ އެންމެ ނުރައްކާތެރި އާލަމީ ވަބާއަށެވެ. އަދި ސިއްޙީ މިކާރިސާއަކީ ވަކިވަކި ފަރުދުންނާއި، ވަކިވަކި ގައުމުތަކުން ކުރިމަތިލީ ކާރިސާއަކަށް ވިޔަސްވެސް، މިއީ ދުނިޔޭގެ، ކުޑެއް ބޮޑެއް ނެތި، މުއްސަދި ގައުމެއް ފަގީރު ގައުމެއް ތަފާތު ވުމެއްނެތި މުޅި ދުނިވެސް އެ ކާރިސާއަކާ ކުރިމަލާންޖެހު ކާރިސާއެކެވެ.
މިގޮތުން ފާއިތު ގަރުނެއްހާ ދުވަހުގެ ތެރޭގައިވެސް ދުނިޔޭގެ އިގުތިސާދުތަކަށް ކުރިަމތިވެފައި ނުވާވަރުގެ ބޮޑެތި ގޮންޖެހުންތަކެއް ކޯވިޑް19ގެ ސަބަބުން ދުނިޔޭގެ އިގްތިސާދުތަކަށް ކުރިމަތި ކުރުވާފައި ވެއެވެ.
މިގޮތުން، މިހާތަނަށް ހެދިފައިހުރި ދިރާސާތަކުން ދައްކާފައިވާ ގޮތުގައި، ކޯވިޑް19ގެ އާލަމީ ވަބާގެ ސަބަބުން 2020 ވަނަ އަހަރު މުޅި ދުނިޔޭގެ އިގްތިސާދުގެ ދުވެއްޔަށް %4.5- އާއި %6.0- އާއި ދެމެދުގެ މިންގަޑުން މަޑުޖެހުން އައެވެ.
އަދި 2020ވަނަ އަހަރު ނިމިގެން ދިޔައިރު ކޯވިޑްގެ ނުރައްކާތެރި ވަބާއިން ދުނިޔެއަށް އަރައިގަނެވިފައި ނުވިނަމަވެސް، 2021 ވަނަ އަހަރު ފެށިގެން އައިއިރު، ދުނިޔޭގެ ބައެއް ގައުމުތަކުން މި ވައިރަހާ ދެކޮޅަށް ދޭނޭ ވެކްސިންތައް އީޖާދު ކޮށްފައިވުމާ، އަދި 1އަހަރުގެ ތަޖުރިބާއިން، ވައިރަހާ ދެކޮޅަށް ހަގުރާމަ ކުރުމުގައި ދުނިޔެ ހޯދި ކުރިއެރުންތަކާ އެކީވެސް، 2021 ވަނަ އަހަރު ދުނިޔޭގެ އިގްތިސާދަށް ކުރިއެރުމެއް އަންނާނެ ކަމަށް ބެލެވެނީ %2.5 އާއި %5.2 އާއި ދެމެދުގެ ނިސްބަތެއްގައި ކަމަށް އިގްތިސާދީ ތަޖުރިބާކާރުން ވަނީ ލަފާ ކޮށްފައެވެ.
ހަމަ އެފަދައިން، 2020ވަނަ އަހަރު، ކޯވިޑް ވައިރަހުން، ދުނިޔޭ ދަތުރު ފަތުރަށާއި އަދި އެނޫނަސް ވިޔަފާރީގެ އެކިއެކި މުއާމަލާތްކަށް ކުރިމަތި ކުރުވި ބޮޑެތި ގޮންޖެހުންތަކެއްގެ ނަތީޖާއެއްގެ ގޮތުން، 2020 ވަނަ އަހަރު ނިމިގެން ދިޔައިރު، މުޅި ދުނިޔޭގެ ވިޔަފާރި %5.3އިން ދަށަށް ގޮސްފައިވެއެވެ. އެހެންނަމަވެސް، 2021އަހަ ދުނިޔޭގެ ވިޔަފާރި %8.0އިން އަލުން ކުރި އަރައިގެން ދާނެކަމަށްވެސް ވަނީ ބެލެވިފައެވެ.
ކޯވިޑް19ގެ އަސަރު އިގްތިސާދުތަކަށް ކުރުމުގައި ދުނިޔޭގެ ބަލިކަށި އިގްތިސާދު ތަކެކޭ އެއްފަދައިން ދުނިޔޭގެ އެންމެ ވަރުގަދަ އިގްތިސާދުތަކަށްވެސް ވަނީ ގުޑުން އަރުވާލާފައެވެ. މިގޮތުން، ދުނިޔޭގެ އެންމެ މުއްސަދި އިގްތިސާދުތަކުގެ ލިސްޓުގެ އެއްވަނާގައި އަދިވެސް އޮތް އެމެރިކާގެ އިގްތިސާދު 2020 ވަނަ އަހަރުވަނީ، %3.5 އިން ކުޑަ ވެފައެވެ. މިއީ 1949 ވަނަ އަހަރަށްފަހު އެގައުމުގެ އިގްތިސާދަށް މިހާބޮޑު ހީނަރުކަމެއް އައި ފުރަތަމަ ފަހަރުވެސް މެއެވެ. އަދި 2009 ވަނަ އަހަރަށްފަހު، އެމެރިކާގެ އިގްތިސާދަށް ހީނަރުކަމެއް އައި ފުރަތަމަ ފަހަރުވެސް މެއެވެ.
ރައްޖޭގެ އިގުތިސާދުވެސް ފުނޑުފުނޑު
ދުނިޔޭގެ ގައުމުތަކާ އަޅާބަލާއިރު، ކޯވިޑް19ގެ ސަބަބުން، އިގްތިސާދަށް އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރި އެއްގައުމަކަށް ރާއްޖެ ވެގެންދާނެއެވެ. ސަބަބަކީ، ދިވެހި އިގްތިސާދުގެ ކުޑަކަމާއި، އަދި އަމިއްލަ ގައުމުގައި އުފެއްދުންތެރިކަމުގެ ވަސީލަތްތައް މަދުވެފައި، ހަމަ އެކަނި އެންމެ ދެތިން ސިނާއަތެއްގެ މައްޗަށް ދިވެހި އިގްތިސާދު ބަރޯސާވެފައި އޮންނަ އޮތުމުގެ ސަބަބުންނެވެ.
މިގޮތުން، ރައްޔިތުންގެ މަޖިލިހަށް 2021 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން، ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވަނީ، ކޯވިޑް19 ކާރިސާއިން އަރައިގަތުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއެކުވެސް، 2020 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު، %29.3 އިން ކުޑަވެފައި ވާކަމުގައެވެ. މިއީ މީގެކުރިން ދުވަހަކުވެސް ރާއްޖޭގެ އިގްތިސާދު ދަށަށް ގޮސްފައިވާ މިންވަރެއް ނޫނެވެ.
އިގްތިސާދީ މިބޮޑު ގެއްލުމުގެ އަސަރު އެންމެ ބޮޑަށް ރަމްޒު ކޮށްދެނީ އަދި މިގެއްލުމުގެ އެންމެ ބޮޑުބައެއް ހިއްސާ ކޮށްފައިވަނީވެސް، ރާއްޖޭ ޖީޑީޕީގެ ބޮޑު ބައެއް ސީދާ ގޮތުންނާއި ނުސީދާގޮތުން ހިއްސާކުރާ، ފަތުރުވެރިކަމުގެ ސިނާއަތުންނެވެ. މިގޮތުން ޖުމްލަކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު 2020 ވަނަ އަހަރު ނިމުނުއިރު %68 ދަށަށް ގޮސްފައި ވެއެވެ.
ހަމަ އެފަދައިން، ކޯވިޑް19ގެ އިގްތިސާދީ ބޮޑު ގޮންޖެހުމާއެކު، ފަތުރުވެރިކަމާ މަސްވެރިކަމުގެ ސިނާއަތަށްފަހު، ދެން އެންމެ ބޮޑު ސިނާއަތެއްގެ ގޮތުގައި އޮތް، އިމާރާތްކުރުމުގެ ސިނާއަތު، %11އިން، 2020 ވަނަ އަހަރު ނިމިގެން ދިޔައިރު ދަށަށް ގޮސްފައި ވެއެވެ. އިމާރާތްކުރުމުގެ ސިނާއަތަކީ ރާއްޖޭގެ ޖިީޑީޕީގެ %7.9 ހިއްސާކުރާ ސިނާއަތެކެވެ.
އެހެންކަމުން، މި ހުރިހާ ތަފާސްހިސާބުތަކަށް ބަލާއިރުވެސް، 2020 ވަނަ އަަރު ނިމިގެން ދިޔައިރު ދިވެހި އިގްތިސާދު އޮތީ ކިހާބޮޑު ފުން ވަޅުގަޑެއްގައިކަން ވަރަށް ރަގަޅަށް ރަމްޒު ކޮށްދެއެވެ. އަދި، މި ފުން ވަޅުގަޑުން އަރައިގަތުމަށް ކުރަންޖެހިފައިވާ މަސައްކަތުގެ ބުރަކާމާއި ބޮޑުކަންވެސް ވަރަށް ރަގަޅަށް ވަޒަކޮށްލެވެއެވެ.
ދެމެހެއްޓެވިނި އިގްތިސާދެއްގެ މުހިންމުކަން ވަޒަން ކުރެވިއްޖެ
ކޯވިޑް19 އަކީ، މި ބީދައިން ދުނިޔެއަށް އަތުވެދާނެ ކާރިސާއެއްކަމުގައި ގިނަ ބަޔަކަށް ވަޒަން ކުރެވިފައި ނެތީ، މިވަރުގެ ކާރިސާއެއް މި ޖީލު ތަޖުރިބާ ކޮށްފައި ނުވުމުގެ ސަބަބުން ކަމުގައި ވެދާނެއެވެ.
އެހެންނަމަވެސް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ، ސިޔާސަތު ރާވާ ފަރާތްތަކުން އަބަދުވެސް މި ހިސާބު ޖަހަން ޖެހޭ ކަމެވެ. ވަކީން ޚާއްސަކޮށް، ދިވެހިރާއްޖެފަދަ، އުފެއްދުންތެރިކަމުގެ ވަސީލަތްތައް މަދު، އަދި ގައުމުގެ އިގްތިސާދުގެ ބޮޑުބައެއް އިމްޕޯޓަށް ބަރޯސާވެފަ އޮންނަ ގައުމެއްގައި މިވިސްނުން ވަކީން ބޮޑަށް އިސްކުރަން ޖެހެއެވެ.
ހަމައެފަދައިން، 2004ވަނަ އަހަރު ދެކުނު އޭޝިއާގެ ގައުމުތަކަށް ކުރިމަތިވީ ސުނާމީގެ ކާރިސާއިން ރާއްޖެއަށް ކުރިމަތިވެގެންދިޔަ ބޮޑެތި ގޮންޖެހުންތަކާ، އަދި އިގްތިސާދަށް ލިބިގެންދިޔަ ގެއްލުންތަކުގެ ތަނީޖާއެއްގެ ގޮތުން އެކަނިވެސް، އޭގެފަހުން ގައުމުގެ ވެރިކަމަށް ވަޑައިގެންނެވި ބޭބޭފުޅުންނަށާއި އަދި އިގްތިސާދީ ވަޒީރުންނަށް، ދެމެހެއްޓެވި އިގްތިސާދެއްގެ މުހިންމުކަން ރާއްޖެއަށް ބޭނުންތެރި ވެފައިވާ މިންވަރު ވަޒަންކުރެވެން ޖެހެއެވެ.
އެހެންނަމަވެސް، ހިތާމައަކީ، ސުނާމީގެ ކާރިސާއަށްފަހު 17 އަހަރު ފާއިތުވެގެން ދާއިރުވެސ،ް ދިވެހި އިގްތިސާދު މައިގަޑު ގޮތެއްގައި ބަރޯސާވެފައި އޮތީ ފަތުރުވެރިކަމާ މަސްވެރިކަމުގެ ސިޔާއަތުގެ މައްޗަށް ކަމަށް ވުމެވެ.
މިގޮތުން ސީދާ ގޮތުންނާނައި ނުސީދާގޮތުން ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖޭގެ ޖީޑީޕީގެ %70 އަށްވުރެ މަތީ ހިއްސާއެއް އަދާކުރަމުން ދާއިރު، ރާއްޖޭގެ އެކްސްޕޯޓުގެ %98 ޙިއްސާ ކުރަމުންދަނީ މަސްވެރިކަމުގެ ސިނާއަތުންނެވެ.
އެހެންކަމުން، ރާއްޖެއަށް ބޭރުގެ ފައިސާ ވަންނަ މައިގަޑު ދެ ދޮރާއްޓަކީ މި ދެސިނާއަތްކަން ވަރަށް ރަގަޅަށް ސާފުވާން އެބައޮތެވެ. ނަތީޖާއެއްގެ ގޮތުން، ކޯވިޑް ކާރިސާގެ ނަތީޖާއެއްގެ ގޮތުން ބޯޑަރުތައް ބަންދުވުމުން ފަތުރުވެރިކަމުގެ ސިނާއަތް އިނދަޖެހުނީއެވެ. ދަތުރު ފަތުރުތަކަށް ބުރޫއަރާ، މުދާ އެއްތަނުން އަނެއްތަނަށް އުފުލުން ހުއްޓުމަކަށް އައުމުން، މަސްވެރިކަމުގެ ސިނާއަތުން ގައުމަށް ވަންނަމުންއައި ބޭރުފައިސާ ގައުމަށް ލިބުން ހުއްޓުމަކަށް އައީއެވެ.
އެހެންކަމުން ކުރުގޮތަކަށް ދަންނަވަނީނަމަ، އެންމެ ދެސިނާއަތަކަށް ކިރިޔާ ގުޑުމެއް އަރާއިރަށް، ގައުމުގެ އިގްތިސާދު ފުޑިގެންދާނެ ފަދަ ގޮތަކަށް އިގްތިސާދެއް ރާވާ އަތުރާލެވޮފައި އޮންނަ އޮތުމުގެ ނުރައްކާތެރިކަން، އަދި އޭގެ ނާޒުކުކަމާ ހިތި ތަޖުރިބާ މިއަދު ދިވެހިން މިތިބީ ވަރަށް ފުރިހަމަޔަށް ތަޖުރިބާ ކޮށްގެންނެވެ.
ހައްލު
އަންނަ ކޮންމެ ސަރުކާރަކުންވެސް، ފަތުރުވެރިކަމުގެ ސިނާއަތާއި، މަސްވެރިކަމުގެ ސިނާއަތުން "ދިޔަ ފެލާއިގެން" ލިބޭ އާންމްދަނީކޮޅުން ގައުމު ހިންގުން ހުއްޓާލުމުގެ ވިސްނުން އިސްކުރަންވީ ވަގުތު މިއޮތީ އައިސް ޖެހިފައެވެ.
ދިވެހި އިގްތިސާދުގެ ތެރެއިން އާ ސިނާއަތުތަކެއް އުފަންވާން ޖެހިއްޖެއެވެ. ފަތުރުވެރިކަމަށް ބޭނުންކުރަން ހުރި ރައްތައް ކުއްޔަށް ދީ އަދި ވިއްކާ ހުސްވުމަށްފަހު އަމުދުން، އިގްތިސާދު ކުރިއެރުވުމަށް ދެންކުރާނީ ކޮންކަމެއްތޯ ނޭގިފައި ތިބޭބަޔަކަށް ދިވެހިން ވެގެން ނުވާނެއެވެ.
ޓްރާންޝިޕްމެންޓް ބަދަރަކުން، ސްރީލަންކާއިން ނަގަމުންދާ ވިޔަފާރީގެ ފައިދާ ދިވެހިރާއްޖެއަށް ނުނެގެންވީ ކީއްވެތޯއެވެ؟ ދިވެހިރާއްޖެ، މުޅި ދުނިޔޭގެ ވިޔަފާރީގެ މުހިންމު މަގެއްގެ މެދުގައި އޮތްއިރު، ދުނިގޭ ކަނޑުގައި ދައުރުވަމުންދާ ބައިނަލް އަގުވާމީ ކާގޯގެ ވިޔަފާރީގެ ނަފާވެރިކަމަށް ދިވެހިރާއްޖެ ހުޅުވިފައި އޮތް މިންވަރު، އިގްތިސާދާ ރާވާ ހިންގާ ފަރާތްތަކަށް ވަޒަން ނުކުރެވިގެން އުޅެނީ ކީއްވެގެން ބާވައެވެ؟
ލިބެންހުރި ނިއުމަތްތަކަށް ފުރަގަސްދޭ ބަޔަކަށް އެއްވެސް ހާލަތެއްގައި ދިވެހިން ވެގެން ނުވާނެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިޔާއަތަކީ ދުނިޔޭގެ އެންމެ "ހައި އެންޑް" މާރކެޓެއްގެ ގޮތުގައި އެތައް އަހަރެއް ހޭދަކުރަމުން ދާއިރު، މި ސިއަތާއި ގުޅުންހުރި، ފަތުރުވެރިކަމުގެ ސިނާއަތުން، ކުދި އަދި މެދުފަންތިތަކަށް ނަފާވެރިކަން ލިބޭނޭ އެހެނިހެން މާރކެޓްތައް، ވިޔަފާރީގެ ވަސީލަތްތައް ގައުމުގެ އިގްތިސާދުގެ ތެރެއަށް އަދިވެސް ތައާރަފް ކުރެވިފައެއް ނުވެއެވެ.
ރީތި އާސާރީ ތަރިކަތަކާއި، އަދި މޫދުގައި ކުޅޭނެ އެކި ކުޅިވަރުތަކާއި، މުޅި ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ 90 އަށްވުރެ މަތީ އިންސައްތައަކަށް ފެތުރިގެން ގޮސްފައިއޮތް ކަނޑުއަޑީގެ ވަސީލަތްކުގެ ބޭނުން، ނަފާ ލިބިގަނެވޭނެ އުސޫލަކުން ކުރުމާއި، އަދި ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ބޭނުންކޮށްގެން އެމިއުސްމެންޓް ޕާރކްތައް ގާއިމް ކުރުންފަދަ ވިސްނުން އަދިވެސް ސިޔާސަތު ރާވާ ހިންގާ ފަރާތަކުގެ ވިސްނުމަށް އައިސްފައިވާ ތަނެއް ނުފެނެއެވެ.
ހަގީގަތުގައި، އިގްތިސާދު ކުރިއެރުމަށް މިއަށްވުރެ ބޮޑަށް، ސިޔާސަތު ރާވާ ފަރާތްތަކުގެ ލޯހުޅުވަން އެބަޖެހެއެވެ. ގައުމުގެ އިގްތިސާދު މިހާބަލިކަށި އޮނިގަޑެއްގެ މައްޗަށް ދޫކޮށްގެން ތިބުމަކީ ކުރަން ހެޔޮވާވަރުގެ ކަމަކަށް ނުވާނެކަން މިއަދު ދިވެހިން މިތިބީ އަމަލީގޮތުން ތަޖުރިބާ ކޮށްގެންނެވެ.
މިއަދު ދުނިޔެއަށް ކުރިމަތިވެގެން މިދިޔައީ ސިއްޙީ އާލަމީ ވަބާއެކެވެ. މިފަދަ ދެވަ ވަބާއެއްގައި، އެޅިފައި ހުރި އިގްތިސާދީ ބިންގާތަށް އެކީއެކަށް ފުނޑުފުނޑުވެގެން ހިގައްޖެނަމަ، ދެން ހަދާނީ ކިހިނެއްތޯއެވެ؟