އިޓަލީގެ ތަޖުރިބާކާރު ކޯޗު މާސެލޯ ލިއްޕީ، އޭނާގެ ކޯޗިންގ ކެރިއަރު ނިންމާލައިފިއެވެ.
ލިއްޕީ އެންމެ ފަހުން ކޯޗުކަން ކޮށްދީފައިވަނީ ޗައިނާގެ ގައުމީ ފުޓްބޯޅަ ޓީމަށެވެ. ވޯލްޑްކަޕް ކޮލިފައިންގައި ސީރިއާ އަތުން 2-1 ން ޗައިނާ ބަލިވުމުން ލިއްޕީ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކޯޗުގެ މަގާމުން އިސްތިއުފާ ދީފައެވެ. ޗައިނާއަށް ދެ ފަހަރެއްގެ މަތިން ލިއްޕީ ކޯޗުކަން ކޮށްދިންއިރު، އެ ގައުމުން ދެވަނަ ފަހަރަށް ލިއްޕީ ގެނައީ 2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އަޒުމުގައެވެ. ލިއްޕީގެ އިރުޝާދުގެ ދަށުން ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފައިންގައި ޗައިނާއިން ރާއްޖެއާއި ދެކޮޅަށް މާލޭގައި ކުޅުނުއިރު، އެ މެޗުން ޗައިނާ ވަނީ 5-0 ން މޮޅުވެފައެވެ.
އޭނާ ކޯޗިން ކެރިއަރު ފެށީ ކުރީގެ ކުލަބް ސަންޕްޑޯރިޔާއިން 1982 އަހަރުއެވެ. ލިއްޕީ ވަނީ ޔުވެންޓަސްގެ ކޯޗުކަމުގައި އެ ޓީމަށް 1995، 1997، 1998 ގައި އިޓާލިއަން ލީގު ކާމިޔާބުކޮށްދީ 1996 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ. މިއީ ކޯޗިންގައި އޭނާގެ އެންމެ ކާމިޔާބު ދުވަސްވަރެވެ.
އިޓަލީގެ ގައުމީ ޓީމާ 2004 ވަނަ އަަހަރު ހަވާލުވި ލިއްޕީ 2006 ވަނައަހަރު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް އެ ގައުމަށް ކާމިޔާބުކޮއްދީފައެވެ. 2006 ވަނަ އަހަރު ވޯލްޑް ކަޕް އިޓަލީއަށް ކާމިޔާބުކޮއްދިނުމަށް ފަހު އިސްތިއުފާ ދިން ނަމަވެސް ދެއަހަރު ފަހުން އަލުން ޓީމާ ހަވާލުވެ 2010 ވަނަ އަހަރު ވޯލްޑްކަޕުގެ ގުރޫޕް ސެޓޭޖުން އިޓަލީ ކެޓުމުން ކޯޗުކަމުން ވަކިވިއެވެ.
ލިއްޕީ އެނބުރި ކޯޗިންގެ ތެރެއަށް ނުކުތީ 2012 ވަނަ އަހަރު ޗައިނީސް ސުޕަ ލީގުގެ ގުއަންޒޫ އެވަގްރެނޭޑާ އެކު އެވެ. އެ ޓީމަށް 2014 ގެ ނިޔަލަށް ކޯޗުކޮށްދީ ޗައީސް ލީގު ތިން ފަހަރު އަދި އޭއެފްސީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނެވެ. އެއާ އެކު އޭނާ ވެފައިވަނީ ޔުއެފާ ޗެމްޕިއަންސް ލީގާއި އޭއެފްސީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ފުރަތަމަ އަދި ހަމައެކަނި ކޯޗަށެވެ.