ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ކްލެމެންސީ ބޯޑުން 400 އަށްވުރެ ގިނަ މައްސަލަ ނިންމައިފި

ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ކްލެމެންސީ ބޯޑުން 400 އަށްވުރެ ގިނަ މައްސަލަ ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
09 ޖުލައި 2021 06:53
0

ކްލެމެންސީ ބޯޑުން މިއަހަރުގެ ޖޫންގެ ނިޔަލަށް 400 ވުރެ ގިނަ މައްސަލަ ބަލާ ނިންމާފައިވާ ކަަމަށް އެ ބޯޑުން ހާމަކުރައްވައިފިއެވެ. މިއީ ފާއިތުވެދިޔަ 11 އަހަރުގެ ތެރޭގައިވެސް އެންމެ ގިނަ އަދަދަކަށް ކްލެމެންސީ ބޯޑުން މައްސަލަ ނިންމި ފަހަރެވެ.

މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ހުށަހެޅުމުން އެ އިލްތިމާސް ދިރާސާކޮށް އަމަލުކުރުމަށް ފެންނަ ގޮތުގެ ލަފާދިނުމަށް އެކުލަވާލާފައިވާ ކްލެމެންސީ ބޯޑުން ވަނީ މިއަހަރުގެ ފާއިތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި ގިނަ މައްސަލަތަކެއް ނިންމާފައެވެ.

އެބޯޑުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖަނަވަރީ މަހުން ޖޫން މަހުގެ ނިޔަލަށްވަނީ 429 މައްސަލަ ނިންމާފައެވެ. ވޭތުވެދިޔަ 11 އަހަރު އެވްރެޖުކޮށް ބޯޑުން ނިންމި މައްސަލަތަކާ ބަލާއިރު މިއީ 250 ޕަސެންޓް އިތުރުވުމެކެވެ.

ކްލެމެންސީ ބޯޑުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށްބަލާއިރު މިއަހަރު ފެށުނުއިރު، 637 ނުނިމި ހުރި އިލްތިމާސްގެ މައްސަލަވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އެބޯޑަށް ވަނީ 144 މައްސަލަ ހުށަހަޅާފައެވެ. މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އެބޯޑުގައި މިހާރު ނުނިމި ހުރި މައްސަލަތަކުގެ އަދަދަކީ 105 މައްސަލައެވެ. މިއަހަރާއި ވޭތުވެދިޔަ ދެ އަހަރު އެ ބޯޑުން ބާއްވަން އެޖެންޑާކުރި އެއްވެސް ޖަލްސާއެއް ކޯރަމް ހަމަނުވެގެން ކެންސަލްކުރަން ޖެހިފައިނުވާކަންވެސް އެބޯޑުން ފާހަގަކޮށްފައިވެއވެ.

މަޢާފުދިނުމާއި އަދަބުލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކްލެމެންސީ ބޯޑުގެ ރައީސަކީ އެޓަރނީ ޖެނަރަލްއެވެ. އެ ޤާނޫނުގެ ދަށުން ކްލެމެންސީ ބޯޑުގެ މަސައްކަތަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދެނީ އެޓަރނީ ޖެނަރަލްގެ އޮފީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވޯލް
ބޮޑަށް ހީވަނީ، ކަންކަން އޮންލައިންކޮށް ކުރެވެން ފެށީމަ މަސައްކަތްތައް އަވަސް ވީ ކަމަށް.