މާލެ ސަރަޙައްދުގެ ކަރަންޓް އެއް ވިއުގައަކުން ގުޅާލައިފި

މާލެ ސަރަޙައްދުގެ ކަރަންޓް އެއް ވިއުގައަކުން ގުޅާލައިފި

މާލެއާއި ހުޅުމާލެއާއި ހުޅުލޭގެ ކަރަންޓު  އެއް ވިއުގައަކުން ގުޅުވާލައިފިއެވެ.

މާލެ ސަރަހައްދުގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ ބިޔަ މަޝްރޫޢުގެ ދަށުންމާލެ ހުޅުލެ އަދި ހުޅުމާލެ، މިތިން ސަރަޙައްދުގެ ތެރެއިން އެއްވެސް ސަރަޙައްދެއްގައި ކަރަންޓުގެ މައްސަލައެއް ދިމާވެ ކަރަންޓު ކެނޑޭ ޙާލަތެއް މެދުވެރިވެއްޖެނަމަ އަނެއް ސަރަޙައްދުގައި ބަހައްޓާފައިވާ ގްރިޑު މެދުވެރިކޮށް އެތަނަކަށް ކަރަންޓު ދިނުމުގެ އިންތިޒާމު ހަމަޖެހޭނެއެވެ. މިގޮތަށް ކަރަންޓު ދިނުމަށް ބޭނުންވާ މައި ކޭބަލް އަޅާފައިވަނީ ސިނަމާލޭ ބްރިޖު ދަށުންނެވެ. ޖުމްލަ 6 ކޭބަލް މެދުވެރިކޮށް މިތިން ސަރަޙައްދުގެ ކަރަންޓު ގުޅާލަން އަޅާފައިވާ އިންޓަރކަނެކްޝަން ކޭބަލަކީ 100 މެގަވޮޓްގެ ކަރަންޓު ފޯރުކޮށްދެވޭނެ ނެޓްވޯކް ކޭބަލެކެވެ.

ސްޓެލްކޯއިން ބުނީ، މިމަޝްރޫޢުގެ ދަށުން 3 ސަރަޙައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރުތަކާއި ކަނެކްޝަންތައް ގުޅާލުމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށެވެ. އެގޮތުން މިއަދު ހެނދުނު 7:00އިން ފެށިގެން 9:00އާ ހަމައަށް މުޅި މާލެއިން ކަރަންޓު ކަނޑާލައި ކަނެކްޝަންގެ އެންމެ ފަހުގެ މަސައްކަތްކޮށް ނިމިފައިވާކަމަށް ސްތެލްކޯއިން ބުންޏެވެ. އެއީ ބްރިޖުގެ މާލެއާވީ ކޮޅުން ކަނެކްޝަން ޓްރާންސްފޯމަރުތަކާ ގުޅާލުމުގެ މަސައްކަތެވެ. އަންނަ ހަފްތާގެ ހުކުރު ދުވަހު މި ކަނެކްޝަންތަކުގެ އެނެލިސިސްއެއް ހެދުމަށް ހަމަޖެހިފައިވާކަމަށް ސްޓެލްކޯއިން ބުންޏެވެ. އެއާއެކު ކަރަންޓު ދިނުމުގައި އެއްވެސް މައްސަލައެއް ދިމާވޭތޯ ބަލައި އެކަމެއް ޙައްލުކުރެވޭނެކަމަށާ އޭގެފަހުން މިވިއުގަ ބޭނުންކުރަން ފެށޭނެކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ބުނެފައިވަނީ، މި މަޝްރޫޢުގެ ދަށުން މާލެއާއި ހުޅުމާލޭގައި 95 އެމްވީއޭ (މެގަ ވޮޓް އެމްޕް)ގެ ޓްރާންސްފޯމަރ ބަހައްޓާނެކަމަށެވެ. އަދި ހުޅުލޭގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ 8 އެމްވީއޭގެ ޓްރާންސްފޯމަރެވެ.

މި މަަޝްރޫޢަކީ ގްރޭޓަރ މާލެ ސަރަޙައްދަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ޙައްލު ގެނައުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. މާލެ ސަރަހައްދުގައި ކަރަންޓުގެ ޑިމާންޑު އަހަރަކު ގާތްގަނޑަކަށް %7އަށް އިތުރުވަމުން އަންނަ ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. މި މަޝްރޫޢާއެކު މިކަމަށް ބޮޑު ހައްލެއް ލިބި، ޑިމާންޑާ އެއްވަރަށް ކަރަންޓު ފޯރުކޮށްދެވޭނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ސަބަބުން މާލޭގެ ކަރަންޓުގެ ނިޒާމަށް މައްސަލައެއް ދިމާވެއްޖެނަމަ ހުޅުމާލޭގެ ކަރަންޓު ގްރިޑާ ގުޅާލެވޭނެއެވެ. އަދި ހުޅުމާލެއަށް ނުވަތަ ހުޅުލެއަށް މައްސަލައެއް ދިމާވެއްޖެނަމަ މާލޭގެ ގްރިޑާ ގުޅާލެވޭނެއެވެ. މިއީ 45 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *