އެއްވެސް ޤައުމަކާމެދު އޮންނަ ޚާރިޖީ ގުޅުންތަކާ ބެހޭގޮތުން ހަގީގަތެއް ނެތް ވާހަކަތަކާއި، ކަނޑައެޅިގެން ދޮގު ޚަބަރު ފެތުރުމަކީ، އެއްވެސް މީޑިއާއަކުން ކޮށްގެންވާނެ ކަމެއްނޫންކަމަށާއި، އެފަދަ ގޮތަކަށް ޚަބަރު ނުފެތުރުމަށް މީޑިއާ ކައުންސިލުން ދިވެހި މީޑިއާތަކަށް އިލްތިމާސް ކޮށްފިއެވެ.
މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޭރު ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި، ޑިޕްލޮމެޓިކް މިޝަންތަކުގައި މަސައްކަތްކުރައްވާ ޑިޕްލޮމޭޓުންގެ ކަރާމާތާއި އަބުރަށް ނޭދެވޭ އަސަރުކުރާ ގޮތަށް ރާއްޖޭގެ ބައެއް ނޫސްތަކުގައި ލިޔުންތައް ޝާއިޢުކުރަމުންދާކަމުގެ ޝަކުވާ ކަމާ ބެހޭ އެކި ފަރާތްތަކުން ކައުންސިލުގެ ސަމާލުކަމަށް ގެނެސްފައިވާކަމަށެވެ.
ކައުންސިލުން ދެކޭ ގޮތުގައި އެއްވެސް ޤައުމަކާމެދު އޮންނަ ޚާރިޖީ ގުޅުންތަކާ ބެހޭގޮތުން ހަގީގަތެއް ނެތް ވާހަކަތަކާއި، ކަނޑައެޅިގެން ދޮގު ޚަބަރު ފެތުރުމަކީ، އެއްވެސް މީޑިއާއަކުން ކޮށްގެންވާނެކަމެއް ނޫންކަމަށެވެ. އަދި ރާއްޖޭގައި ހުރި ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތަކާއި ޑިޕްލޮމޭޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ ޚަބަރުތައް ފެތުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. މިފަދަ ކަންކަމަކީ، އޭގެ ސަބަބުން ރާއްޖެއާއި ދޭދޭ ޤައުމުތަކާއެކު އޮތް ގުޅުމަށް ބުރޫއަރައި، ވަކި ޤައުމަކާމެދު އާންމު ރައްޔިތުން ދެކޭ ގޮތް ލުވުމުގެ ސަބަބުން ޖުމްލަ ގޮތެއްގައި މުޅި ޤައުމަށް އޭގެ ނޭދެވޭ އަސަރުތައް ކުރުން އެކަށީގެންވާ ކަމެއްކަމަށް މީޑިއާ ކައުންސިލުން ބުނެފައިވެއެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދެވަނަ ބާބު (އަސާސީ ޙައްޤުތަކާއި މިނިވަންކަން) ގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ އަސާސީ ހައްޤު ހަމަ ގޮތުގައި ބޭނުން ކުރުމަށާއި، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނާއި ގަވާއިދާއި އަދި ކޯޑް އޮފް އެތިކްސްއާ އެއްގޮތްވާގޮތުގެ މަތިން ޒިންމާދާރުކަމާއެކު ޚަބަރުތައް ފެތުރުމަށް އެންމެހާ ނޫސްވެރިންނާއި މީޑިއާތަކަށް މީޑިއާ ކައުންސިލުން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ރާއްޖެއިން ބައިވެރިވެފައިވާ ހުރިހާ ބައިނަލް އަޤުވާމީ މުއާހަދާތަކަށްވެސް އިހުތިރާމްކުރުމާއެކު، ޚަބަރާއި މައުލޫމާތު ފެތުރުމުގައި ޤައުމީ މަސްލަހަތު އިސްކުރުމަށް ސަމާލުކަން ދިނުމަށް ވަނީ ބާރު އަޅާފައެވެ.
މީޑިއާ ކައުންސިލުން މިފަދަ ބަޔާނެއް ނެރެފައިވަނީ ރާއްޖޭގެ އޮންލައިން މީޑިއާއެއްގައި އިންޑިއާގެ ޑިމޮޕްލެމެޓުންނާއި ގުޅޭގޮތުން ތަފާތު އެކި ވާހަތައް ދައްކަމުންދާތީ އެކަން ކުށްވެރިކޮށް، ފޮރިން މިނިސްޓްރީވެސް ބަޔާނެއް ނެރެފައި ވަނިކޮށެވެ.