ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހަރާކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން، މަޖިލީހުން ކުރިއަސް ގެންދިޔަ ޕާލިމަންޓްރީ އިންކުއަރީ ރިޕޯޓް ރޭ ފާސްކޮށްފިއެވެ.
ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތާއި ގުލޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ (241)އިން ކުރިއަށް ގެންދިޔަ އިންކުއަރީގައި އެމަނިކުފަނަށް ހަމަލާ އަމާޒުވި ގޮތާއި ގުޅޭގޮތުން ގިނަ ކަންތައްތަކެއް ހިމަނާފައިވެއެވެ. އެގޮތުން އެ ހަމަލާ ސިނުމުގައި ކަމާ ގުޅުން ހުރި ފަރާތްތަކުގެ އިހުމާލު އޮތް މިންވަރާއި، ދެން އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އެޅޭނެ ފިޔަވަޅުތައްވެސް އެ ރިޕޯޓްގައި ހިމަނާފައިވެއެވެ.
މަޖިލީހުން ކުރިއަށް ގެންދިޔަ މި އިންކުއަރީއަށް 50އަށް ވުރެ ގިނަ ފަރާތް ހާޒިރުކޮށް މަޢުލޫމާތު ސާފުކޮށްފައިވެއެވެ. އޭގެ ތެރޭގައި ސަލާމަތީ ޚިދުމަތްތަކުގެ ވެރިންވެސް ހިމެނެއެވެ.
އިންކުއަރީ ރިޕޯޓް ފާސްކުރުމަށް ރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، އެ ކޮމިޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވީ، 236 ގަނޑުގެ އެ ރިޕޯޓް ޢާންމުކުރުމުގައި ޤައުމީ ސަލާމަތާއި ގުޅުންހުރި ކަންކަން އުނިކޮށްފައިވަނެކަމަށެވެ. ނަމަވެސް އެ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، އުއްތަމަ ފަނޑިޔާރާއި ހިއްސާކުރައްވާއިރު، އެ ހުރިހާ މަޢުލޫމާތުތަކެއްވެސް ހިމަނާފައިވާނެކަމަށެވެ. އަސްލަމް ވިދާޅުވީ، އެ އިންކުއަރީ ރިޕޯޓްގައި ރައީސް ނަޝީދަށް ހަމަލާ ދިނުމުގެކުރިން ކަން ހިނގައިދިޔަ ގޮތާއި، ހަމަލާ ދިން ދުވަހާއި އެވަގުތު ކަން ހިނގިގޮތްވެސް ހިމަނާފައިވާނެކަމަށެވެ.
މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅޭގޮތުން ހިންގި އިންކުއަރީއާއި ގުޅޭ ރިޕޯޓްގައި، ހަމަލާއަށްފަހު އެމަނިކުފާނު ހޮސްޕިޓަލަށް ގެންދިއުމުން ޢަމަލުކުރ ގޮތްވެސް ހިމަނާފައިވާނެކަމަށް އަސްލަމް ވިދާޅުވިއެވެ. އެގޮތުން ހޮސްޕިޓަލްގެ ފާޚާނާއެއް ތެރެއިން ފިސްތޯލަ ފެނުނު މައްސަލަވެސް ހިމެނެއެވެ. އެކަމާއ ގުޅޭގޮތުން ފަހަގަކުރެވުނު 4 ކަމެއްވެސް ހިމަނާފައިވާނެކަން އަސްލަމް ފާހަގަކުރެއްވިއެވެ.
ރޭ ފާކުރި އިންކުއަރީ ރިޕޯޓްގައި 45 ހުށައެޅުމެއް ހިމަނާފައިވެއެވެ. ކޮމިޓީގެ އިއްތިފާގުން ފާސްކުރި އެ އިންކުއަރީ ރިޕޯޓްގައި ހިމްނާފައިވާ ކަންކަމުގެ ތެރޭގައި، ރައީސް ނަޝީދު ދިރިއުޅުއްވާ އަދި ނޫޅުއްވާ ވަގުތުގައި ވެސް އެ މަނިކުފާނުގެ ގެކޮޅަށް ވަދެ ނުކުމެވާ މީހުން ކޮންޓްރޯލްކޮށް ހަތިޔާރާ އެކު 24 ގަޑި އިރު ފޯރިމެރުމމާއި، އެމަނިކުފާނުގެ ގެކޮޅުގެ އިވެކުއޭޝަން ޕްރޮސީޖާ ކަނޑައަޅައި، އެކަމަށް މީހުން ތައްޔާރުކުރުން ހިމެނެއެވެ. އަދި ރައީސް ނަޝީދު ދަތުރުފުޅު ކުރައްވާ ކާރަކީ ސްޓޭންޑާޑް އާމޯޑް ކާރަކަށް ހެދުމާއި، އެމަނިކުފާނުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ ފަރާތްތައް އަަހަރަކު އެއް ފަހަރު ވެޓްކުރަމުން ގެންދިއުމާއި، ގެކޮޅުގެ ސީސީޓީވީ ބޭނުންކޮށްގެން މޮނިޓާ ކުރުންވެސް ހިމެނެއެވެ.
މީގެ އިތުރުން މި ހަމަލާއާއި ހަމައަށް ދިއުމުގައި އިހުމާލުވީ އަދި ޒިންމާ އަދާނުކުރި ފަރާތްތައް ވަކިކޮށް ފިޔަވަޅު އެޅުމަސްވެސް އެރިޕޯޓްގައި ހިމަނާފައިވެއެވެ. ކޮމިޓީގެ ރިޕޯޓްގައި ގައުމީ ސަލާމަތާ ބެހޭ ކަންކަމުގައި ސިފައިންނާއި ފުލުހުންނާ މަޝްވަރާކޮށް، ރައީސަށް ލަފާދޭ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރެއް ހަމަޖެއްސުމާއި، ސިފައިންގެ ހިދުމަތް ޒަމާނީ ކުރުމަށްޓަކައި ގާނޫނަށް ބަދަލުގެނައުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރު ފެތުރުމުގައި ބައިވެރިވާ މީހުންގެ މައުލޫމާތު ހިމެނޭ ޑާޓާ ބޭސްއެއް ގާއިމްކުރުމާއި، ޓެރަރިޒަމާ ހަރުކަށި ފިކުރާ ދެކޮޅަށް މީޑިއާތައް ހޭލުންތެރިކުރުވުމުގެ އިތުރުން އިންޓެލިޖެންސް މައުލޫމާތު ރައްކާތެރިކަމާ އެކު ބަލަހައްޓަން، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުން ލާޒިމްކުރާ އޮނިގަނޑު ގާއިމްކުރުންވެސް ހިމެނެއެވެ. އަދި ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ އިންޓެލިޖެންސް މައުލޫމާތު ސަލާމަތީ ހިދުމަތްތަކުގެ ތެރޭގައި ހިއްސާކުރާނެ ނިޒާމެއް ވީ އެންމެ އަވަހަކަށް އެކުލަވާލައި، ޓެރިރަޒަމް ހުއްޓުވަން މަސައްކަތްކުރާ އިދާރާތަކުގެ މެދުގައިވާ ފުށުއެރުންތައް ނައްތައިލުމަށްޓަކައި އިދާރާތަކުގެ ދައުރު ސާފުކޮށް ބަޔާންކުރުންވެސް ކޮމިޓީން ފާސްކުރި އޮންކުއަރީގައިވެއެވެ.
މީގެ އިތުރުން ރިޕޯޓްގައި ވަނީ، އިންޓެލިޖެންސާ ބެހޭ ހާއްސަ ގާނޫނެއް ހެދުމަށާއި، އިދާރާތަކުން ނެރޭ ނަތީޖާއަށް ބަލައި ކައުންޓަ ޓެރަރިޒަމްގެ ބަޖެޓް ކަނޑައެޅުމަށާއި، ހަރުކަށި ފިކުރު ފެތުރުނަ ނުދިނުމަށް މުޅި ސަރުކާރާއި މުޖުތަމައު ޝާމިލްވާ "ހޯލް ގަވަމެންޓް، ހޯލް ސޮސައިޓީ އެޕްރޮޗް" ތަންފީޒުކުރުން އަވަސްކުރުމަށާއި، އިސްލާމިކް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އަދި ޖެންޑާ މިނިސްޓްރީން އެކަމުގައި އަދާކުރާނެ ދައުރު ކަނޑައެޅުމަސްވެސް ހިމަނަފައެވެ.
އަސްލަމް ވަނީ އެ ރިޕޯޓް އެކުލަވާލުމަށް ކޮމިޓީގެ މެންބަރުން ކުރެއްވި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. އަސްލަމް ވިދާޅުވީ، ރިޕޯޓްގައި ހިމެނޭ އިދާރީ ކަންކަން އިޞްލާހުކުރުމަށްފަހު ޢާންމު ކުރައްވާނެކަމަށެވެ.