ސްރީލަންކާގެ ރައީސަށް އިތުރު ބާރުތައް ދިނުމަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.
ދެ ދުވަހަށް ދެމިގެންދިޔަ ބަހުޘަކަށްފަހު ރައީސް ގޮތަބަޔަ ރާޖަޕަކްސައަށް އިތުރު ބޮޑެތި ބާރުތަކެއް ލިބިދޭގޮތަށް ޤާނޫނަށް ބަދަލުގެނެސް ފާސްކޮށްފައިވަނީ ޤާނޫނު ހަދާ މަޖިލީހުގެ ތިންބައި ކުޅަ ދެބައިގެ އަޣްލަބިއްޔަތުންނެވެ. މި ބަދަލާއެކު ފަނޑިރާރުން އައްޔަނުކުރުމާއި ފުލުހުންގެ އިސްވެރިޔާ އައްޔަނުކުރުމަކީ ކުރިން ޤާނޫނު ހަދާ މަޖިލީހަށް ލިބިދީފައިވާ ބާރުތަކެއް ނަމަވެސް މިހާރު މި ބާރުތައް ލިބިގެން ވަނީ ރައީސަށެވެ. އަދި ޤާނޫނު ހަދާ މަޖިލީހުގެ ފަސް އަހަރުގެ ދަޢުރުގެ މެދާހަމައަށް ދިޔުމުން ރައީސް ބޭނުންފުޅުވެއްޖެ ހިނދެއްގައި މަޖިލީސް އުވާލުމުގެ ބާރުވެސް މި ވަނީ ރައީސަށް ދީފައެވެ. ރައީސަށް އިތުރު ބާރުތަކެއް ދިނުމަށް ޤާނޫނަށް ބަދަލު ގެނެސްފައިވާއިރު ސްރީލަންކާގެ ސަރުކާރުން ބުނަނީ ޤައުމުގެ ހިންގުން އިތުރަށް ފުރިހަމަވާނީ ރައީސްއަށް އިތުރު ބާރުތަކެއް ލިބިދީގެން ކަމަށެވެ.
ސްރީ ލަންކާގެ މިހާރުގެ ރައީސް ގޮތަބަޔަ ރާޖަޕަކްސައަކީ ކުރިން ދިފާޢީ ވުޒާރާގެ އިސްވެރިޔާގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ. ސްރީ ލަންކާގެ ރައީސްގެ މަޤާމަށް އެމަނިކުފާނު އިސްވެވަޑައިގަތީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މިދިޔަ އޯގަސްޓު މަހުގައި ބޭއްވި ސްރީލަންކާގެ އާންމު އިންތިޚާބުވެސް ބޮޑު ތަފާތަކާއެކު ކާމިޔާބުކޮށްފައިވަނީ އެމަނިކުފާނުގެ ޕާޓީއާއި އެ ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުންނެވެ.
ސްރީލަންކާގެ މިހާރުގެ ބޮޑު ވަޒީރަކީ ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މަހިންދާ ރާޖަޕަންސައެވެ.
ރައީސަށް އިތުރު ބާރުތަކެއް ދިނުމަށް ޤާނޫނަށް ގެނައި ބަދަލުތަކާމެދު އިދިކޮޅު މަޖިލީސް މެންބަރުންވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެފަރާތްތަކުން ބުނަމުންދަނީ ޤައުމުގެ ޑިމޮކްރަސީގެ އުސޫލުތަކަށް މި ބަދަލުގެ ސަބަބުން ބުރޫ އަރާކަމަށެވެ. އަދި ރައީސަށް އިތުރު ބޮޑެތި ބާރުތައް ދިނުމަކީ ވަރަށް ނުރައްކާތެރިކަމެއްކަމަށެވެ. އަދި މިއީ ރާޖަޕަކްސަ ޢާއިލާގެ ނުފޫޒު ޤައުމުގައި އިތުރުވާނެކަމެއް ކަމަށްވެސް އެ ފަރާތްތަކުންދަނީ ބުނަމުންނެވެ.