މެލޭޝިޔާގަ މިހާރުއޮތް ސިޔާސީ ހަމަ ނުޖެހުމާއި އަދި ކޯވިޑް19 ގެ ނުރައްކާތެރިކަން އިންތިހާއަށް އިތުރުވަމުން ދިއުމާއި ގުޅިގެން އެގައުމުގައި ސްޓޭޓް އޮފް އެމަރޖެންސީ އިއުލާން ކުރުމަށް އެގައުމުގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސީން ވިސްނަވަމުން ގެންދަވާކަމަށް ޚަބަރުތައް ބުނަން ފަށައިފިއެވެ.
މެލޭޝިޔާގެ ބޮޑުވަޒީ އެގައުމުގައި ސްޓޭޓް އޮފް އެމަރޖެންސީ އިއުލާން ކުރުމާއިމެދު ހުކުރުދުވަހު ކެބިނެޓާއި މަޝްވަރާ ކުރައްވާފައިވާ ކަމަށްވެސް ޚަބަރު ފަތުރާ ވަސީލަތްތަކުން މަޢުލޫމާތު ދެއެވެ. ބޮޑުވަޒީރު ވަނީ ހުކުރުދުވަހު ކެބިނެޓުގެ ޚާއްސަ ބައްދަލު ވުމެއް ބާއްވާފައެވެ. ކެބިނެޓްގެ މި ބައްދަލުވުމުގައި އެގައުމުގެ ޕޮލިސް ކޮމިޝަނަރ އާއި އަސްކަރިއްޔާގެ ވެރިޔާވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އަދި ހަމަ އެދުވަހު ބޮޑުވަޒީރު މުހިއްދީން ވަނީ އެގައުމުގެ ރަސްގެފާނާވެސް ބައްދަލު ކުރަވާފައެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ ސީދާ ތަފްސީލު ހާމަކުރައްވާފަ ނުވި ނަމަވެސް، ރަސްގެފާނުގެ ގަޑުވަރުން ހާމަ ކޮށްފައިވާ ގޮތުގައި، ބަޑުވަޒީރު ވަނީ ރަސްގެފާނަށް ޚާއްސަ ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ. އަދި މި ހުށަހެޅުއްވުމާއި ގުޅެގޮތުން މެލޭޝިޔާގެ ރަސްގެފާނު މިހާރު ގެންދަވަނީ އެގައުމުގެ ސްޓޭޓްތަކުގެ ރަސްރަސްކަލުންނާއި މަޝްވަރާ ކުރައްވަމުންނެވެ.
މިއަހަރު މާރޗްމަހު، މުހިއްދީން ޔާސީން މެލޭޝީއާގެ ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގެންނެވި ހިސާބުންވަނީ 222 ގޮޑި ހިމެނޭ ޕާލަމެންޓުގެ ތެރެއިން ގޮންޖެހުންތަކާއި ކުރިމަތި ވެވަޑައިގަންނަވަން ފަށާފައެވެ. އަދި ދާދިފަހުން އިދިކޮޅު ލީޑަރު އަންވަރު އިބުރާހިމް ގާނޫނު ހަދާ މަޖިލިހުގެ އައުލަބިޔަތު ކަށަވަރު ކުރައްވާފައިވާކަމަށް ވިދާޅުވެ އެމަނިކްފާނަށް ތާއީދުކުރާކަމަށް ބުނާ މެމްބަރުންގެ ލިސްޓެއް އެގައުމުގެ ރަސްގެފާނަށް އެރުވި ހިސާބުން މުހިއްދީނަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ވަނީ އިތުރަށް ބޮޑުވެފައެވެ.
އެތައް ދުވަހެހެއް ވަންދެން މެލޭޝިޔާގައި ކޯވިޑް ކޮންޓްރޯލް ކުރެވިފައި އޮތުމަށްފަހު، ދާދިފަހުން ވަނީ ކޯވިޑްގެ ނުރައްކާތެރިކަން އެގައުމުގައި ބޮޑުވާން ފަށާފައެވެ. މިގޮތުން މިހާރު މެލޭޝިޔާގައި ކޯވިޑަށް ޕޮޒިޓިވް ވެފައިވާ 24،000 މީހުން އެބަތިއްބެވެ. މިއީ މީގެ މަހެއްހާ ދުވަސްކުރިން އެގައުމުގައި ކޯވިޑަށް ޕޮޒިޓިވް ވެފައި ތިބި މީހުންގެ ދެގުނަ އިތުރު އަދަދެކެވެ. ފާއިތުވެދިޔަ ހަފްތާގަވެސް މެލޭޝިޔާގައި ދުވާލަކަށް 700 އާއި 800 އާއި ދެމެދުގެ އަދަދަކަށް މިބައްޔަށް މީހުންވަނީ ޕޮޒިޓިވް ވަމުން ގޮސްފައެވެ. އަދި ފާއިތުވެދިޔަ ހުކުރުދުވަހު އެކަނިވެސް 10 މީހުން މެލޭޝިޔާގައި ކޯވިޑް19 ޖެހިގެން ވަނީ މަރުވެފައެވެ.
މެލޭޝީޔާގައި އެންމެ ގިނައަދަދެއްގެ މީހުން ކޯވިޑަށް ޕޮޒިޓިވް ވަމުންދަނީ އެގައުމުގެ ސަބާ ސަރަހައްދުގައެވެ. މިސަރަހައްދަކީ ފާއިތުވެދިޔަ ސެޕްޓެމްބަރ މަހުގެ 26 ވަނަ ދުވަހު ސްޓޭޓް އިލެކްޝަން ބާއްވާފައިވާ ސަރަހަދުވެސް މެއެވެ.
ބޮޑުވަޒީރު މުހިއްދީން އިއުލާން ކުރެއްވުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާ ކުއްލި ނުރައްކަލުގެ ހާލަތަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ގެންދަނީ ފާޑު ކިޔަމުންނެވެ. މިގޮތުން އިދކޮޅު ލީޑަރ އަންވަރު އިބްރާހިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަންވަރު ވިދާޅުވެފައިވަނީ މެލޭޝިޔާގައި ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކުރަންޖެހޭނީ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެކަމަށް ބެލެވޭނެފަދަ ހާލަތެއްގައި އެކަންޏެވެ. އެހެންކަމުން މިހާރު މެލޭޝިޔާއަށް ކުރިމަތިވެފައިވާ މައްސަލަކަތަކުގެ އަސްލަކީ މިހާރު ސަރުކާރުގެ ތިއްބެވި ބޭފުޅުން ކަމުގައިވާއިރު، އިއުލާން ކުރެވޭ ކުއްލި ނުރައްކަގެ ހާލަތުގެ ނަތީޖާއެއްގެ ގޮތުން ސަރުކާރު އިތުރަށް ޚުދުމުޚުތާރުވުން ނޫން އިތުރު ނަތީޖާއެއް ނުނިކުންނާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މެލޭޝިއަން ބާރ ކައުންސިލްގެ ކުރީގެ ހަތް ރައީސަކު ސޮއިކޮށް އާންމު ކޮށްފައިވާ ސިޓީއެއްގައި ބުނެފައިވަނީ، ކޯވިޑްގެ ނުރައްކާތެރިކަން އިތުރުވަމުން ދިޔަ ކަމުގައިވި ނަމަވެސް، މިވަގުތަކީ މެލޭޝިޔާގެ ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތް ވަގުތެއް ނޫނެވެ. އަދި ކޯވިޑް ޕެންޑަމިކާއި ހަގުރާމަކޮށް މިހާތަނަށް އައިއިރުވެސް ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށާއި ހޯދިފައިވާ ކާމިޔާބެއް ހޯދިފައިވަނީވެސް މިހާރުހުރި ގާނޫނުތަކުގެ ބޭނުން ކޮށްގެންނެވެ. އެހެންކަމުން ކޯވިޑް19 އަކީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކުރުމަށް އޮތް ހުއްޖަތެއް ނޫން ކަމަށްވެސް ބާރ ކައުންސިލްގެ ކުރީގެ ރައީސުންގެ މިސިޓީގައި ބަޔާން ކޮށްފައި ވެއެވެ. އަދި އެގައުމުގެ ސަރުކާރުގެ މިނިންމުމާމެދު އިތުރަށް ވިސްނުމަށް ވަނީ ގޮވާލައްވާފައެވެ.
މެލޭޝިޔާގެ ބޮޑުވަޒީ އެގައުމުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމާމެދު ވިސްނަވަމުން ގެންދަވާއިރު، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު އެގައުމުގެ ގާނޫނު ހަދާ މަޖިލިހުގެ ޖަލްސާތައް އަލުން ފެށިގެންދާނެއެވެ. އަދި ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ސަރުކާރުން މަޖިލީހަށް ބަޖެޓް ހުށަހަޅުއްވާނެއެވެ. މަޖިލީހުން ބަޖެޓް ފާސްވެދިއުން މުހިއްދީނަށް ކާމިޔާބު ނުކުރެވިއްޖެނަމަ، މަޖިލީހުގައި ސަރުކާރުގެ އިތުބާރުނެތްކަމުގެ ވޯޓަކަށްގޮސް، މެލޭޝިޔާގައި އާންމު އިންތިޚާބެއް އަލުން އިއުލާން ކުރުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ.
މެލޭޝިޔާގެ ގާނޫނު އަސާސީގައި އޮންނަ ގޮތުން އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކޮށްފިނަމަ، ގާނޫނު ހަދާ މަޖިލިސް އުވާލުމުގެ ބާރު ބޮޑުވަޒީރަށް ލިބިގެން ދާނެއެވެ. އަދި މީގެ އިތުރުން މިނޫނަސް ބޮޑެތި ބާރުތަކެއް ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތްހާ ހިދަކު ބޮޑުވަޒީރަށް ލިބިގެންދާނެއެވެ.
މެލޭޝިޔާގެ ސިޔާސީ ގިނަ ފަރާތްތަކުން ބުނަމުން ގެންދަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންޖެހޭފަދަ ހާލަތެއް މިވަގުތު އެގައުމުގައި ނެތްކަމުގައެވެ. މީގެތެރޭގައި މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތީރުވެސް ހިމެނިވަޑައިގަންނަވައެވެ.