ދެން އޮންނަ ރިޔާސީ އިންތިޚާބެއްގައި ވާދަކުރައްވާނެ އެމްޑީޕީގެ ކެނޑިޑޭޓަކީ އެމަނިކުފާނުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން، ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ޤާޟީ އަޙްމަދު ހައިލަމް ފާޑުވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި "އާސްކް ސްޕީކަރ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަމުން ރައީސް ނަޝީދު ވިދާޅުވީ، 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅާ ނިންމާނީ ޕާޓީގެ އެތެރޭގައި ބާއްވާ ޕްރައިމަރީން ކަމަށާއި، އެ ޕްރައިމަރިގައި ބައިވެރިވާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި އެ އަހަރު އޮންނަ ނަމަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގަންނަވާނީ އެމަނިކުފާނުކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ އެ ވާހަކަފުޅަށް ފާޑުވިދާޅުވެ ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ޤާޟީ އަޙްމަދު ޙައިލަމް ވަނީ، ޑިމޮކްރެޓިކް ވާނީ އެހާ މިންވަރަށްކަމަށް ނޫންތޯ ސުވާލުކުރައްވާފައެވެ.
ރޭ ރައީސް ނަޝީދު ވިދާޅުވީ، ދެން އޮންނަ ރިޔާސީ އިންތިޚާބެއްގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނީ އެމަނިކުފާނުކަމަށާއި، އިންތިޚާބުގައި ވާދަކުރައްވާނީ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކުރެއްވުމަށްފަހުކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަދަލުކުރެއްވުމަށް ކުރައްވާ މަސައްކަތް ކާމިޔާބުވާނެކަމަށެވެ.
ކޮމެންޓު ފޮނުވާ